އަދީބަށް ފިލަން ފުރުސަތު ލިބުނީ ސަރުކާރުން ކޯޓަށް އަތް ބޭނުމުން: އުމަރު ނަސީރު

ސީރިއަސް ތުހުމަތުތަކަށް ތަހުގީގު ހިނގަމުންދާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ފިލުމުގެ ފުރުސަތު ލިބުނީ، ސަރުކާރުން ކޯޓަށް އަތް ބާނައި އޭނާގެ މައްޗަށް މީގެ ކުރިން އިއްވި ހުކުމްތައް ބާތިލުކުރުމުގެ ސަބަބުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އެކިއެކި ތުހުމަތުގައި ޝަރުއީ ކޯޓުތަކުން އަދީބަށް މުޅި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމްތަކެއް އިއްވިއެވެ. ނަމަވެސް ވެރިކަން ބަދަލުވިފަހުން، ކޯޓުތަކުން ވަނީ އެ ހުކުމްތައް ބާތިލުކޮށްފައެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އެ ކޯޓަށް ހުށަހެޅިފައިވާ އޭނާގެ އިސްތިއުނާފީ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން އަދީބުގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް އަދީބު އިއްޔެ ވަގަށް އިންޑިއާއަށް އެތެރެވާން އުޅެނިކޮށް ވަނީ ހިފަހައްޓާފައެވެ. އެކަމާ ގުޅިގެން އުމަރު ނަސީރު "ސަން" އަށް ވިދާޅުވީ، އަދީބަށް ފިލުމުގެ ފުރުސަތު ލިބުނީ، ސަރުކާރުން އެކަމަށް މަގުފަހުކޮށް ދިނުމުން ކަމަށެވެ. އޭނާ ވިދާޅުވީ، އަދީބަކީ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހަކަށް ވުމުން އަދީބު ހުންނަ ޖެހޭނީ ޖަލުގައި ކަމަށެވެ. "އޭނާ ދޫވެގެން ނުވާނެ. އޭނާއަށް މިއަދު ފިލުމުގެ ފުރުސަތު ލިބުނީ، ކޯޓުން އޭނާ މިނިވަން ކުރީމަ. ކޯޓުން އޭނާ މިނިވަންވީ ސަރުކާރުން ކޯޓަށް އަތް ބޭނުމުން،" އުމަރު ނަސީރު ވިދާޅުވިއެވެ. https://sun.mv/122547 އަދީބު ޖަލުން މިނިވަންވުމާ ގުޅިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ، އަދީބު މިނިވަންވީ ސަރުކާރުން ކުރި ކަމަކުން ނޫން ކަމަށާއި އަދީބު މިނިވަންވެގެން ދިޔައީ ކޯޓުތަކުން ކުރި ހުކުމްތަކުގެ ސަބަބުން ކަމަށެވެ. ފިލައިގެން އިންޑިއާގެ ސޫތުކުޅިއަށް އެތެރެވި އަދީބު މިހާރު ވަނީ އިންޑިއާގެ ހިމާޔަތަށް އެދިފައެވެ. ދިވެހި ފުލުހުން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނީ، އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު އެކުވެރި ގައުމުތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އަދި އޭނާ ފިލުމަށް އެހީތެރިވި މީހުންނަށް ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ