ފީވަކުން ކަރަންޓް ކެނޑެނީ ރައްޔިތުންގެ ސަބަބުން – ފެނަކަ

ށ.އަތޮޅު ފީވަކަށް ކަރަންޓް ދެވާ ވަރަށް އެރަށުގައި ޖަނަރޭޓަރު އެބަހުރި ކަމަށާއި ނަމަވެސް އެރަށުން ގިނަ ވަގުތުތަކަކަށް ކަރަންޓް ކެނޑެމުން ދަނީ ފެނަކަ އިން ކުރަމުން ގެންދާ މަސައްކަތައް ރައްޔިތުންގެ ތެރެއިން ބަޔަކު ހުރަސް އަޅާތީ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 16 ވަނަ ދުވަހު ވަނަ ދުވަހު ޓެކްނިކަލް މައްސަލައެއް ދިމާވެގެން މައްސަލަ ހައްލު ކުރަން ފެނަކައިގެ މުވައްޒަފުން މަސައްކަތް ކުރަމުން ގެންދަނިކޮށް ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީނުގެ ތެރެއަށް ވަދެ އަޑުގަދަކުރުމުގެ ސަބަބުން މައްސަލަ ހައްލު ކުރަން ގިނަ ވަގުތުތަކެއް ނެގި ކަމަށެވެ.
ފެނަކަ އިން ބުނީ މިމަހުގެ 22 ވަނަ ދުވަހު އެރަށުން ކަރަންޓް ކަނޑާލީ އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ކަމަށެވެ. "ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީން ރޫމަށާއި ކޮންޓްރޯލް ރޫމަށް ވަދެ މުވައްޒިފުންނަށް ބިރުދައްކައި މުޅި ރަށުން ވަނީ ކަރަންޓް ކަނޑާލާފައި އަދި އެދުވަހު ކަރަންޓް ޙިދުމަތް ފޯރުކޮށްދެވުނީ ވެސް ގިނަ އިރުތަކެއް ފަހުން ކައުންސިލް އަދި ރައްޔިތުންގެ ތެރެއިން ބަޔަކާއި ވާހަކަ ދެކެވިގެންނެވެ." ފެނަކައިގެ ބަޔާނުގައި ވެއެވެ.
ރޭ ފީވަކު އިންޖީނަކަށް ދިމާވި މައްސަޔަކާއި ގުޅިގެން ދަންވަރު ކަރަންޓް ކެނޑުނުތަނާހެން ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީނުގެ ތެރެއަށް ވަދެ އަޑުގަދަކޮށް ހަދާ އަލުން ހިދުމަތް ދިނުމަށް ހުރަސް އެޅިކަމަށް ފެނަކަ އިން ބުނެއެވެ. ރޭ ކަރަންޓް ދެވުނީ ކަރަންޓްގެ ޚިދުމަތް ދިނުމާއި ދެކޮޅު ހަދަމުން ދިޔަ މީހުންނާއި ދެކޮޅަށް ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކަރަންޓް އިޔާދަ ކޮށްދޭން އެދިގެން ކަމަށް ވެސް ފެނަކައިގެ ބަޔާނުގައި ވެއެވެ.
ތިން ޖަނަރޭޓަރަކުން މިހާރު ވެސް ފީވަކަށް ކަރަންޓް ދެމުންދާ ކަމަށް ފެނަކަ އިން ބުނި ނަމަވެސް އެރަށުން ކައުންސިލުން ބުނާ ގޮތުގައި އެއް ޖަނަރޭޓަރަށް މައްސަލައެއް ދިމާވެ އެރަށުން ކޮންމެ ދެގަޑިއިރަކުން ކަރަންޓް ކެނޑެމުން އަންނަތާ ދެތިން މަސް ދުވަސް ވެއްޖެއެވެ.
ފީވަކަށް އާޖަނަރޭޓަރެއް 60 ދުވަސް ތެރޭގައި ގެންދާނެ ކަމަށް ފެނަކަ އިން ބުނިތާ 90 ދުވަސް ވީއިރު ވެސް ޖަނަރޭޓަރެއް ނުގެންދާ ކަމަށް ވެސް އެރަށު ކައުންސިލުން ބުނެއެވެ. އަދި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ ފޯނަށް ޖަވާބު ވެސް ނުދެއްވާ ކަމަށް ކައުންސިލުން ބުނެއެވެ.
ފަހަކަށް އައިސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަނީ ކަރަންޓްގެ މައްސަލަ ދިމާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ