އަފްރާޝިމްގެ މަރުގެ މައްސަލައިގައި ހާމަކުރަންޖެހޭ އާ މައުލޫމާތެއް ނެތް: އަބްދުﷲ ރިޔާޒް

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ހާމަކުރަންޖެހޭ އާ މައުލޫމާތެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ރިޔާޒް ވަނީ އަފްރާޝީމްގެ މަރުގެ މައްސަލައިގައި މިހާތަނަށް ލިބިފައިވާ ހުރިހާ މައުލޫމާތެއް ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލައްވައިފައިވާ މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނާ ހިއްސާ ކުރަންޖެހޭ އެއްވެސް އާ މައުލޫމާތެއް ނުހުންނާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒް ވިދާޅުވީ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުް މަރުގެ ކޮމިޝަނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ފުލުހުން ފޯރުކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން ރިޔާސީ ކޮމިޝަނުން މައުލޫމާތެއް ސާފުކުރުމަށް އެދެފިނަމަ އޭނާ މައުލޫމާތު ހިއްސާކުރާނެ ކަމަށާއި އަމިއްލައަށް އިސްނަގައިގެން ކޮމިޝަނަށް މައުލޫމާތު ހިއްސާ ކުރެއްވުމުގެ ހިޔާލެއް ނުގެންގުޅުއްވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒް ވިދާޅުވީ ފުލުހުންގެ އަތުގަައި އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އެނގޭ ހުރިހާ މައުލޫމާތެއް ހުންނަ އިރު، އަމިއްލައަށް ކޮމިޝަނަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ސަބަބެއް ނެތް ކަމަށެވެ.
ޑރ. އަފްރާޝީމް މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުގެ ރެއެވެ. އަފްރާޝީމް އަވަހާރަކޮށްލި އިރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ރިޔާޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ