ހެނބަދޫ ބަނދަރު ހަދައިދޭނެ ބަޔަކު ހޯދަނީ

ލަފާފުރުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ނ. ހެނބަދޫ ބަނދަރު ހަދައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި އާބާދީގައި ގާތްގަނޑަކަށް 750 މީހުން ދިރިއުޅެމުން އަންނަ ހެނބަދޫ، ބަނދަރު ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްގީ ކުރުމަށް އިއުލާންކޮށްފައި ވަނީ ބައިނަލްއަގްވާމީ ބިޑިން އުސޫލުގެ ދަށުންނެވެ. އެގޮތުން އެމަސައްކަތަަށް ޝައުގުވެރިވާ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައި.ސީ.ބީ) އުސޫލުގެ ދަށުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100.00ޔޫ.އެސް. ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ ބަލައިގަންނާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން މެއި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އޭގެ އިތުރުން ބިޑް ސެކިޔުރިޓީގެ ގޮތުގައި 150,000.00 ރުފިޔާ ނުވަތަ އެ އަދަދަށް ޔޫއެސް ޑޮލަރު ދައްކަން ޖެހެއެވެ. އެގޮތުން ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. ބީލަން ހުޅުވަން ނިންމާފައި ވަނީ މެއި މަހުގެ 8 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑާ ޖަލްސާކުރާ މާލަމުގައެވެ.
އެ އިއުލާނުގައި އިތުރަށް ބުނީ، ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަންނާނެ ކަމަށާއި ހުށަހަޅާ ބީލަންތައް ހުންނަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި ކަމަށެވެ. އަދި ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔަން ޖެހެއެވެ.
ހެނބަދޫ ކައުންސިލުން ބުނިގޮތުގައި ލަފާފުރުމަށް ބޭނުން ކުރަމުން އަންނަނީ އެރަށުގެ ދެކުނާއި އިރުމަތީ ފަރާތުގައި އަޅާފައި އޮންނަ ޖެޓީއެވެ. ރަށުގެ ބޭރުގައި ދޯނި ފަހަރު އަޅަން ޖެހޭއިރު ކަނޑުގަދަވެ ވިއްސާރަ ދުވަސްވަރު ދޯނި ފަހަރު އެޅުމަށް ދާން ޖެހެނީ އަތޮޅު ކެނދިކުޅު ބަނދަރަށް ކަމަށާއި އަދި އެފަދަ ދުވަސްވަރު މީހަކު ކުއްލިއަކަށް ބަލިވެ އެހެން ރަށަކަށް ފަރުވާއަށް ދާން ޖެހުނަސް ބޮޑު ތަކުލީފެއް އެރަށުގެ ރައްޔިތުންނަށް ވަނީ އުފުލަން ޖެހިފައިވާކަމަށް ކައުންސިލުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ