އަދީބުގެ ފަރުވާ އާއި ގުޅިގެން ފުލުހުންގެ ޓީމެއް މާދަމާ އިންޑިޔާ އަށް ފުރަނީ

އަޙުމަދު އަދީބުގެ ފަރުވާ އާއި ގުޅިގެން ފުލުހުންގެ އެޑްވާންސް ޓީމެއް މާދަމާގެ ވަގުތެއްގައި އިންޑިޔާ އަށް ފުރުމަށް ހަމަޖެހިފައިވާކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ހަމީދު މިހެން ވިދާޅުވީ، އަަހުމަދު އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މައްސަލައިގައި މިހާރު ކުރިއަށްދާ، ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޙުމަދު ޢަބްދުލްޣަފޫރު އިންޑިޔާއަށް ދިއުމުގެ ކުރިން، އެޑްވާންސް ޓީމެއްގެ ގޮތުގައި، ފުލުހުންގެ ޓީމެއް މާދަމާ އިންޑިޔާ އަށް ދާނެ. އަދި އެ ދާން ހަމަޖެހިފައިވާ ތަނަށް ގޮސް، ބަލަންޖެހޭ ކަންކަން ބައްލަވާނެ. އަޙުމަދު ޢަބްދުލްޣަފޫރަކީ ދަޢުލަތުގެ މަޞްލަޙަތު ހިމެނޭ ވަރަށް ގިނަ މައްސަލަތަކެއްގެ ތުހުމަތުތަކެއް ކުރެވޭ ފަރާތެއްކަމަށްވާތީ، އަދި މިހާރުވެސް ހިނގަމުންދާ މައްސަލަތަކެއްގައިވެސް ހިމެނޭ ފަރާތަކަށްވާތީވެ، އަޅުގަނޑުމެންގެވެސް ދައުރެއް އެބަ އޮތް، އަދީބު ސަލާމަތީ ކަންކަން ހަމަޖެއްސުމާއި، އެނބުރި ރާއްޖެ އަންނާނެކަން ކަށަވަރުކޮށް އެކަންކަން ރަނގަޅަށް ބެލުމަށް" ހަމީދު ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން، ހޯމް މިނިސްޓަރ، ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ، އަދީބާއި އެކު ކަރެކްޝަންގެ ބޭފުޅުން އިންޑިޔާ އަށް ދަތުރު ކުރައްވާނެ ކަމަށާއި، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށެވެ.
"ކަރެކްޝަނަލް ސާރވިސް ގެ އޮފިސަރުން އަހުމަދު އަދީބާއި އެކު ދަތުރުކުރާނެ. އަދި އެކަމުގައި އިންޑިޔާގެ ކަމާބެހޭ ފަރާތްތަކަށްވެސް ވާނީ އެ މަޢުލޫމާތު ޙިއްސާ ކުރެވިފަ. އެހެންވީމަ، އެކަށީގެންވާ ގޮތެއްގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ތަކެއް އެޅިފައިވާކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ." އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން، އިމްރާން ވިދާޅުވީ، ޖޫން މަހުގެ 26 ވަނަ ދުވަހަކީ އަބީދު ރާއްޖެ ވަޑައިގަންނަވަން ޖެހޭ ދުވަސް ކަމަށާއި، މުއްދަތު އިތުރުކުރުމަށް ޑޮކްޓަރުން ލަފާދެއްވައިފިނަމަ، އެކަންވެސް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން އިދާރަކުރެއްވިއްޔާ ޔަޤީން ކުރަން، މިހާރު ވަނީ ދެކޮޅު ޓިކެޓުވެސް ލިބިފަ. 14 ގައި ފުރާފަ 26 ގައި އެނބުރި އަންނަގޮތަށް ވަނީ ޓިކެޓްވެސް ނެގިފަ. މި ޝެޑިއުލްއާއި އެއްގޮތަށް ދާ ކަމަށްވަނީ ނަމަ، ޑޮކްޓަރުން އިތުރު ލަފައެއް ނުދެއްވާނަމަ، 26 ގައި އެނބުރި އަދީބު ގެނެވޭނެ. އަދި މުއްދަތު އިތުރުކުރުމަށް އެދިއްޖެނަމަ، ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން އެކަންކަންވެސް ހަމަޖެހޭނެ ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ." އިމްރާން ވިދާޅުވިއެވެ.
އަދީބުގެ މައްޗަށްކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމުން ސަލާމަތް ވެފައިވާ ވީ ނަމަވެސް، އަދީބުގެ މައްޗަށް ދައުވާކުރާ ވަރަށް ގިނަ މައްސަލަތައް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ