އަޅުގަނޑާއި އައިޝާ ވަކިވާނީ ފުރާނައާއި އެކީގައި – ގާސިމް

ދުވަހަކު ވެސް މިނިސްޓަރ އައިޝަތު ނަހުލާ އާއި ވަކިވެ ވަޑައިނުގަންނަވާނަން ކަމަށް އެކަމަނާގެ ފިރިކަލުން ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގާސިމް ކެމްޕޭން ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި އައިޝާ އާއި ވަކިވެ ވަޑައިނުގަންނަވާނެ ކަމަށް ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ކުރިން ޖަލްސާގައި ވާހަކަފުޅު ދެއްކެވި މިނިސްޓަރ އައިޝާގެ ވާހަކަފުޅަށް އިޝާރަތް ކުރައްވައެވެ.
ޖަލްސާގައި މިނިސްޓަރ އައިޝާ ވެސް ވިދާޅުވީ ދުވަހަކު ވެސް ގާސިމާއި އެކަމަނާ ވަކިނުކުރެވޭނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އައިޝާ އާއި އެމަނިކުފާނުގެ ގުޅުމަށް ވަކިވުމެއް ނާންނާނެ އޮތީ "ރޫހާނީ ސަބަބެއް" ކަމަށެވެ. އެއީ ވަރަށް ރަނގަޅު ދަރިންތަކެއް ލިބިވަޑައިގެންފައިވުން ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑާއި އައިޝާ ވަކިވާނީ ފުރާނައާއި އެކީގައި." ގާސިމް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ތަކުރާރުކޮށް ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާއެއް ލިބޭ މަންޒަރު ދެކެން އެދިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑާއި ދިމާއަށް ކޮންމެ އެއްޗެއް ކިޔަމުންދާ މީހަކާއި ދޭތެރޭ ވެސް އަޅުގަނޑުގެ ހިތުގައި އެއްވެސް ހިތްބުރަކަމެއް ނެތް." ކަމަށެވެ.
ނަމަވެސް ގާސިމް ވަނީ ޖޭޕީގެ ޖަލްސާ އަށް ޖެއްސުން ކުރުމުގެ ގޮތުން އެސަރަހައްދުން އެމްޑީޕީގެ ސަޕޯޓަރުންތަކެއް ބާރަށް ސައިކަލް ދުއްވަމުން ގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ "އެއީ ބަދުއަޙްލާޤީ" ކަމެއް ކަމަށެވެ.
"އެއީ އަނިޔާވެރިކަން. އެއީ ޖެއްސުންކުރުން. އެބާވަތުގެ ކަންކަން ކުރިއަށް ގެންދާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން." ގާސިމް ވިދާޅުވިއެވެ.
ޖަލްސާ ކުރިއަށް ދިޔަ ސަރަހައްދުގައި ފުލުހުން ތިބި ނަމަވެސް ސައިކަލްތައް ދުއްވުން ހުއްޓުވާފައި ނުވާތީ ގާސިމް ފުލުހުންނަށް ވެސް ފާޑުވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ