ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާއާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި ކޯވިޑް-19ގެ ސަބަބުން ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތަކާގުޅޭގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާކޮށްފައެވެ. ވަކިން ޚާއްސަކޮށް ޓެކްސީއާއި ޕިކަޕް ސެންޓަރުތަކުގެ ވެރިންނާއެކު ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ދާދިފަހުން ވަރޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި އެ ފަރާތްތަކުން މިނިސްޓްރީއަށް ހުށަހަޅާފައިވާ ޝަކުވާތަކާއި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް މިނިސްޓަރ ނަހުލާވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟާ ޙިއްސާކުރައްވައި ސަރުކާރުގެ ތެރެއިން އެކަންކަމަށް ހޯދޭނެ ހައްލުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.
ކޯވިޑް-19އާއި ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހުޅުވާލާފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖުން ޓެކްސީ ޑްރައިވަރުންނަށް އެހީ ހޯދުމުގައި ދަތިތަކާއި ކުރިމަތިވާކަމުގެ ޝަކުވާއާއި، އެ ޕެކޭޖުން ޓެކްސީ ސެންޓަރުތަކަށް ލިބޭ އެހީގެ މިންވަރު ކުޑަކަމުގެ ކަންބޮޑުވުން އެ ފަރާތްތަކުން ފާޅުކޮށްފައިވާކަން މިނިސްޓަރ ނަހުލާ ފާހަގަކުރެއްވިއެވެ. އަދި ސެންޓަރުތަކަށް ލިބޭ ގެއްލުމަށް ބަލާފައި އެކަށީގެންވާ އެހީއެއް ލިބޭނެގޮތެއް ހޯދުމާއި ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ޓެކްސީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ބާ ޓެކްސީތައް ނައްތާލާއި، އައު ޓެކްސީ ގަތުމަށްޓަކާއި، ލޯނު ނެގޭނެ ލުއިގޮތްތަކެއް ހަމަޖެއްސުމާއި ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ