އިންތިޚާބީ މިނިވަން މެންބަރުންގެ މައްޗަށް އެންޓިޑިފެކްޝަން ޤާނޫނުގައި ބުނާ ހާލަތްތައް އަދި ނުހިނގާނެ: އީސީ

މަޖިލީހަށް އިންތިޚާބުވި އަމިއްލަ މެންބަރުންގެ މައްޗަށް އެންޓި ޑިފެކްޝަން ޤާނޫނުގައި ބުނާ ހާލަތްތައް އަދި ނުހިނގާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ވިދާޅުވެފައި މިވަނީ އަލަށް އިންތިޙާބުވި މެންބަރު ސިޔާސީ ޕާޓީއަކާއި ގުޅުމުން މިހާރު ތަސްދީޤްކޮށްފައިވާ އެންޓި ޑިފެކްޝަން ޤާނޫނު އެ ފަރާތްތަކުގެ މައްޗަށް ތަންފީޒު ކުރެވޭނެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖޭ މިއަދު ޕްރޮގްރާމުގައި މިކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރަޢުޔު ހާމަކުރައްވައި ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، އިންތިޚާބީ މެންބަރުން ޕާޓީއާކާ ގުޅުނު ހިސާބުން ކުރެވެން ފެށި ބަހުސްތަކާއި ގުޅިގެން އެކަމުގެ ޤާނޫނީ ދިރާސާތައް ކޮމިޝަންގެ ލީގަލް ޓީމުން ހެދިކަމަށެވެ.
ޤާނޫނީގޮތުން ބެލިބެލުންތަކަށް ރިޢާޔަތްކުރައްވައި މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، އެންޓި ޑިފެކްޝަން ޤާނޫނުގެ 3 ވަނަ މާއްދާގައި މެންބަރަކު ވަކިވާ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް 3 ހާލަތުގައިވެސް ބަޔާންކޮށްފައި އޮތީ މެންބަރަކު އިންތިޚާބު ވުމަށް ފަހު، އިންތިޚާބީ ދައުރުގެ ތެރޭގައި އެފަދަ ކަމެއް ކުރުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ޤާނޫނު އަސާސީގެ 79 ވަނަ މާއްދާއިން މަޖިލީހުގެ ދައުރު ކަނޑައެޅިފައިވާއިރު ދައުރުގެ ގޮތުގައި ބަޔާންކޮށްފައި އޮތީ، އެ ދައުރެއްގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަހުން ފެށިގެން 5 އަހަރު ދުވަސް ކަމަށާއި، އެހެންކަމުން ޤާނޫނުގެ އިޙްތިޞާޞްގެ ތެރެއިން އަމިއްލަގޮތުން ވާދަކޮށް ހޮވުނު މެންބަރުން ނުވަންނަ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
"އަމިއްލަ ގޮތުން ވާދަކޮށްގެން ހޮވުނު 11 މެންބަރުންގެ މައްޗަކަށް މިދެންނެވި އެންޓި ޑިފެކްޝަން ޤަނޫނުގެ 3 ވަނަ މާއްދާގެ މިބުނާ އެއްވެސް ހާލަތެއް އަދި ނުހިންގާ. އަދި އެ ޤާނޫނުގެ އިޙްތިޞާސްގެ ތެރެއަކަށް މިދެންނެވި ގޮތަށް އިންތިހާބު ކާމިޔާބުކުރެއްވި އެއްވެސް ބޭފުޅަކު ނުވަދޭ. އެހެންވީމަ ހުވާކުރުމަށްފަހު ބާއްވަ ފުރަތަމަ ޖަލްސާއިން ފެށިގެން އިންތިހާބުވި ބޭފުޅުން މިދެންނެވި ޤާނޫނުގެ ތެރެއަށް މިވަންނަނީ" ޒަކަރީއްޔާ ވިދާޅުވިއެވެ.
މިމައްސަލާގައި އީސީގެ ރަޢުޔު ހާމަކޮށްފައިވާއިރު، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކޮށް ހޮވުނު 11 މެންބަރުންގެ ތެރެއިން އިންތިޚާބީ 7 މެންބަރުން ވަނީ މިހާތަނަށް ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް ސޮއިކޮށްފައެވެ. އަދި އެ ޕާޓީން ވަނީ ރަސްމީކޮށް އެކަން އިލެކްޝަންސް ކޮމިޝަނަށްވެސް އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ