ޒަކާތް ދެއްކުމުގެ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ޒަކާތް ދެއްކުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި

ޒަކާތް ދެއްކުމުގެ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ޒަކާތް ދެއްކުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
ހުތުބާގައި ބުނީ މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަކަމަށެވެ. އަދި ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާންމަހު ފިތުރުޒަކާތް ދެއްކުމުން ފުދުނީކަމަށާއި، އަނެއް ބަޔަކު ދެކޭގޮތުގައި ތިމާއަކީ ބޮޑު ވިޔަފާރިވެރިއަކަށް ނުވެއްޖެނަމަ ޒަކާތް ދައްކާކަށް ނުޖެހޭކަމަށެވެ. ނަމަވެސް މުދާ ފުރިހަމައަށް މިލްކުވުމާއި، މުދަލުގައި ނިސާބު ހަމަވުމާއެކު ނިސާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރިފައިވާ ކޮންމެ މީހަކުވެ ޒަކާތް ދައްކަން ޖެހޭނެކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިންމާއިން ބަރީއަވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ހުތުބާގައި އިތުރަށް ބުނީ އިސްލާމްދީނުގައި ޒަކާތް ފަރުޟުކުރެއްވީ ހަމައެކަނި ފަގީރު މީހާގެ ހާލަތްތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމަށްފަހު އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމުގެ މަގްސަދުގައި ނޫންކަމަށާއި، ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމައުން ފަގީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށެވެ.
މީގެއިތުރުން ޒަކާތް ދެއްކުމުގެ ސަބަބުން މުޖުތަމައުގެ ވަކި ބައެއްގެ އަތުގައި ހުރި މުދާލާއި ފައިސާ އިގްތިސާދުގެ ތެރޭގައި ދައުރުވިޔަނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އަންނާނެކަމަށާއި މި ކަންކަން ކުރެވޭނީ ޒަކާތުގެ ނިޒާމަކީ ދައުލަތުން ރާވައި ހިންގާ ނިޒާމަކަށް ވެގެންކަމަށް ވަނީ ހުތުބާގައި ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ