ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައެއްގައި އައު ހެކި ބަލައިގަތުމާމެދު ގޮތެއް ކަނޑައެޅުމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުން މިހާރު ބަލަމުން އެބަދެއެވެ. އެމައްސަލައިގެ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި އޮތެވެ. މިމައްސަލައަކީ އެޕޯލޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައެކެވެ. މިމައްސަލާގައި އިސްތިއުނާފުކުރި ފަރާތުން ބުނެފައިވަނީ މިމައްސަލައިގައި ދަށު ކޯޓުންނާއި ހައިކޯޓުން އިއްވާފައިވާ ޙުކުމަށް ބަދަލު އަންނަ ފަދަ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާ ކަމުގައެވެ. ނަމަވެސް މިއަދު އޮތް ޝަރީޢަތުގެ އަޑުއެހުން ފައްޓަވަމުން، މިމައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދު ވިދާޅުވެފައިވަނީ ކޯޓަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ލިޔުމަށް ބަލާފައިވާ ކަމުގައެވެ. ނަމަވެސް އެލިޔުމަކީ އެލިޔުމަށް ރިޢާޔަތްކުރުމުންވެސް ޙުކުމަށް ބަދަލު އަންނާނެ ފަދަ ލިޔުމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމުގައެވެ. އިސްތިއުނާފުކުރި ފަރާތުގެ ވަކީލު އެވާހަކަފުޅާ ގުޅިގެން ވިދާޅުވެފައިވަނީ މިހެއްކަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތައް ޖުމްލަ ގޮތެއްގައި ނަފީވާ ލިޔުމެއް ކަމުގައެވެ. އެހެންކަމުން އެލިޔުމަށް ރިޢާޔަތްކުރެއްވުމުން ޝަރީޢަތުގެ ނިންމުމަށް ބަދަލު އައުމުގެ އިހުތިމާލު އެބަ އޮތް ކަމުގައި އޭނާ ވިދާޅުވިއެވެ. ލޯޔަރުގެ ވާހަކައަށްފަހު، އިތުރަށް އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް އަޑުއެހުން މެދުކަނޑައިލެއްވުމަށްފަހު، އަލުން އަޑުއެހުން ފައްޓަވައި ފަނޑިޔާރުންވަނީ އެލިޔުމާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ދެފަރާތުގެ ވަކީލުންނަށްވެސް ފުރުޞަތު ދެއްވާފައެވެ. އެފުރުޞަތުގައި ވާހަކަދައްކަވަމުން އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ވިދާޅުވެފައިވަނީ މިލިޔުމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ލިބުނު ލިޔުމެއް ކަމުގައެވެ. އަދި މިލިޔުން މުހިއްމުވާ ސަބަބެއް ކަމުގައި ވަކީލު ވިދާޅުވީ 2008 ވަނަ އަހަރުގައި އެޕޯލޯ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުގެ އެއްވެސް އޮފީހެއް މ.މެރިންވިލާގައި ނުހުންނާނެ ކަމަށް އެކުންފުނިން ޝަރީޢަތުގެ އެކި މަރުހަލާތަކުގައި ބުނެފައިވާ ކަމުގައެވެ. ނަމަވެސް މިލިޔުމުން އެނގޭ ގޮތުގައި އެކުންފުނީގެ އޮފީސް އެއަހަރުވެސް އެއިމާރާތުގެ 2 ވަނަ ފަންގިފިލާގައި ރަޖިސްޓަރީކޮށްފައިވާކަން އެނގޭތީ ކަމުގައެވެ. އެގޮތުން ވަކީލު ފާހަގަކުރެއްވީ 2008 ވަނަ އަހަރު އެއިމާރާތުގައި އެޕޯލޯ ހޯލްޑިންގސްގެ އެއްވެސް އޮފީހެއް ނުހުންނާނެ ކަމަށާއި، އެމައްސަލާގައި އިސްތިއުނާފުކުރި ފަރާތުން ހުށެހެޅި ލިޔުމަކީ އަސްލެއް ނޫންކަން އެނގެނީ އެލިޔުމުގެ ލެޓާ ހެޑުގައި އެއެޑްރެސް އިނުމުން ކަމުގައި އެކުންފުނިން ބުނެފައިވާ ކަމުގައެވެ. ނަމަވެސް އެލިޔުމަށް ބަލާއިރު 2008 ވަނަ އަހަރުގައި ދޫކުރި ލިޔުމުގައި އެޕޯލޯ ހޯލްޑިންސް ރެޖިސްޓަރީކޮށްފައިވާ އެޑުރެހާއި އެއްބަސްވުމުގެ ލެޓާހެޑުގައި ބަޔާންކޮށްފައިވާ އެޑުރެހާ އެއްވެސް ތަފާތެއް ނެތް ކަމުގައި ވަކީލު ފާހަގަކުރެއްވިއެވެ. އަދި މަތީ މަރުހަލާގައި ހިނގަމުންދާ އިސްތިއުނާފު މައްސަލަތަކުގައި އެމައްސަލައިގެ ހުކުމަށް ބަދަލު އަންނަ ފަދަ ލިޔުންތައް ކޯޓުން ބަލައިގަންނަ ކަމުގައި ވަކީލު ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް އެގޮތަށް އެކަން ބަލައިގަންނަން ކުރިން ނިންމާފައިވާ ކަމުގައި ވަކީލު ފާހަގަކުރެއްވިއެވެ. އަދި ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 49 ވަނަ މާއްދާގެ (ނ)އިންވެސް އެކަން އެނގޭ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު މަޖިލިހުގައި މަދަނީ އިޖުރާއާތުގެ ބިލުގައިވެސް އެފަދައިން މަދަނީ މައްސަލަތަކުގައި މައްސަލައިގެ ހުކުމަށް ބަދަލު އަންނަ ފަދަ ލިޔެކިޔުން ބަލައިގަތުމަށް ކަނޑައަޅާފައިވާ ކަމުގައެވެ. އަދި އެއީ ދުނިޔޭގެ ކުރިއަރާފައިވާ މުޖުތަމައުތަކުގައި މަދަނީ މައްސަލަތަކުގައި އަމަލުކުރާ އުސޫލުތައް ކަމުގައިވެސް ވަކީލު ފާހަގަކުރެއްވިއެވެ. މިލިޔުމަކީ ޙަޤީޤީ ކޮޕީއެއް ކަމުގައި ބުނާ ތައްގަނޑު ޖަހާފައިވާ ލިޔުމެއްވެސް ސުޕްރީމު ކޯޓަށް ހުށަހަޅާފައިވާ ކަމުގައިވެސް ވަކީލު ފާހަގަކުރެއްވިއެވެ. މިވާހަކަތަކަށް ރައްދުދެއްވަމުން، އެޕޯލޯ ހޯލްޑިންސްގެ ވަކީލު ވިދާޅުވެފައިވަނީ ޝަރީޢަތަށް ހުށަހެޅިފައިވަނީ ހަމައެކަނި ލެޓާ ހެޑުގެ މައްސަލަ ނޫން ކަމަށެވެ. ދެފަރާތުން ވަރަށް ގިނަ ނުކުތާތަކަކާމެދު މަޝްވަރާކޮށްފައިވާނެ ކަމަށާއި، އަދި މިއަދުގެ ފަނޑިޔާރުންގެ މަޖިލިހުގައި ހުކުމަކާ ހަމައަށް ވާޞިލުވެވިފައިވާ ކަމަށް ފަނޑިޔާރުން ވިދާޅުވެފައިވާތީ، އެލިޔުމަކީ ޙުކުމަށް ބަދަލު އަތުވެދާނެ ފަދަ ލިޔުމެއް ކަމުގައި ފަނޑިޔާރުން ދެކެވަޑައިގަންނަވާނަމަ ލިޔުން ޝަރީޢަތަށް ބަލައިގަތުމަށްފަހު، ލިޔުމާމެދު ވާހަކަދެއްކުމުގެ ފުރުޞަތެއް އެރުވުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ. އެހެންނަމަވެސް ސްޓެލްކޯއިން ދޫކޮށްފައިވާ ލިޔުމުގައި އެނގޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ތާރީޚުގައި މ.މެރިންވިލާގައި ކަރަންޓު ނުހުންނާނެ ކަން އެނގޭ ކަމުގައި ވަކީލުން ވިދާޅުވިއެވެ.ފަނޑިޔާރު ޙުސްނުއް ސުޢޫދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ވިދާޅުވެފައިވަނީ ލެޓާ ހެޑެއްގައި އިންނަ އެޑުރެހުގައި ފިޒިކަލީ އޮފީސް ހުރުމަށް އެއެޑުރެސް ލެޓާ ހެޑުގައި އިނުމުން ލާޒިމުނުވާ ކަމުގައެވެ. އެއީ ރާއްޖޭގެ ޤާނޫނަކުން އަދި ޤަވާޢިދަކުން ލާޒިމުކުރާ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވިއެވެ. އޭގެ އިތުރަށް ވަކީލު ފާހަގަކުރައްވާފައިވަނީ ލެޓާ ހެޑުގެ މައްސަލަ ޖެހިފައިވަނީ 2008 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި އެކުލަވާލާފައިވާ އެއްބަސްވުމެއްގެ ލެޓާ ހެޑާ މެދުގައި ކަމަށެވެ. ނަމަވެސް އެއްބަސްވުން އެކުލަވައިލުމަށް ދައުވަތު ދިނުމަށް ނޮވެންބަރު މަހު އެޕޯލޯ ހޯލްޑިންސްއިން ފޮނުވި ސިޓީގައިވެސް އޮތީ ހަމަ އެލެޓާ ހެޑު ކަމަށާއި ނަމަވެސް އެލެޓާ ހެޑާމެދު އެޕޯލޯއިން އިންކާރުކޮށްފައިނުވާ ކަމުގައި ވަކީލު ފާހަގަކުރެއްވިއެވެ. އޭގެ އިތުރަށް ވަކީލު ފާހަގަކުރެއްވީ މިމައްސަލާގައި ހުށަހަޅާ ލިޔުމަކީ 2008 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި ދޫކުރި ލިޔުމަކަށްވާއިރު، 2008 ވަނަ އަހަރު ވުޖޫދުގައިވެސް ނެތް ތަނަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ދޫކުރި ލިޔުމެއްގައި އެއިމާރާތަށް ރަޖިސްޓްރީކުރާނީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމުގައެވެ. އިސްތިއުނާފުކުރާ ފަރާތުގެ ވަކީލުގެ ފަރާތުން ހެކި ބަލައިގަތުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ފަނޑިޔާރު ޙުސްނުއްސުޢޫދު ވިދާޅުވީ، ވަކީލު ހަވާލާދެއްވި ސުޕްރީމް ކޯޓުގެ ޤަވާޢިދުގައި ފާހަގަކޮށްފައިވަނީ މައްސަލަ ހުށަހަޅާއިރު، މައްސަލަ ހުށަހަޅާ ފޯމާއެކު ހުށަހަޅާ ހެކީގެ ވާހަކަ ކަމުގައެވެ. އަދި ސުޕްރީމް ކޯޓުގެ ކުރީގެ ޤަޟިއްޔާއަކަށް ވަކީލު ހަވާލާދެއްވިއިރު އެޤަޟިއްޔާގައިވެސް ދައްކަނީ ޝަރީޢަތުގެ މަރުހަލާގެ ތެރޭގައި ހެކި ހުށަހެޅުމުގެ ވާހަކަ ކަމުގައެވެ. މިއަދުގެ މައްސަލައަކީ މިހާރު އަޑުއެހުންތައް ނިމި، ހުކުމްކުރުމާ ހަމައަށް ގޮސްފައިވާ މައްސަލައެއް ކަމުން، އެފަދަ މައްސަލައެއްގައި ޙުކުމާ ހަމައަށް ވާޞިލުވުމަށްފަހު ހެކި ބަލައިގަތުމަކީ ވަރަށް ނުރަނގަޅު "ޕެރެސިޑެންޓް"އެއް އުފެދިދާނެ ކަމެއް ކަމުގައި ސުޢޫދު ވިދާޅުވިއެވެ. އެކަމާމެދު ވަކީލުގެ ރައުޔައަށް ފަނޑިޔާރު އެދިވަޑައިގަތުމުން ވަކީލު ވިދާޅުވީ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 49 ވަނަ މާއްދާގެ (ނ)އަކީ މައްސަލައިގެ އަޑުއެހުންތައް ނިމުމުގެ ކުރިއަށް ނުވަތަ ފަހަށް ޤައިދުވެފައިވާ މާއްދާއެއް ނޫން ކަމުގައެވެ. އޭގެ ހެއްކެއް ކަމުގައި ވިދާޅުވީ ޤަވާޢިދުގައި އޮންނަ އިބާރާތުގައި ފުރަތަމަ ހުށަހަޅާ ލިޔެކިޔުންތަަކަށް ސުޕްރީމް ކޯޓުގެ ހުއްދައާއެކު އުނިއިތުރު ގެނައުމުގެ އިޚުތިޔާރު ދީފައި އޮތުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ކުރީގެ ޤަޟިއްޔާގައިވެސް އިސްތިއުނާފާ ގުޅޭ އައު ލިޔެކިޔުންތަކާއި ހެކި ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ނިންމާފައިވާ ކަމުގައި ވަކީލު ވިދާޅުވިއެވެ. އިސްތިއުނާފުކުރި ފަރާތުގެ ވަކީލު ވިދާޅުވެފައިވަނީ މިމައްސަލާގައި އަލަށް ހުށަހަޅާފައިވާ ހެއްކަށް ރިޢާޔަތްކުރެއްވުމަކާ ނުލައި ޝަރީޢަތް ނިންމައިފިނަމަ އެކަމުގެ ސަބަބުން އިންސާފަށް ވަރަށް ބޮޑަށް ހުރަސްއެޅިގެން ހިނގައިދާނެ ކަމުގައެވެ. އިސްތިއުނާފުގެ މަރުހަލާގައި ހެކި ބަލައިގަތުމާ ގުޅޭ ގޮތުން ފަނޑިޔާރު ސުޢޫދު އެޕޯލޯ ހޯލްޑިންސްގެ ވަކީލު އަރިހުން ސުވާލުކުރެއްވީ އަޑުއެހުންތައް ނިމިފައިވަނިކޮށް ހެކި ބަލައިގަތުމުގެ ފުރުޞަތު އޮތްތޯއެވެ. އެސުވާލަށް ޖަވާބުދެއްވަމުން ވަކީލު ވިދާޅުވެފައިވަނީ، ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މައްސަލައިގެ މައުޟޫޢާމެދު އިސްތިއުނާފީ ކޯޓުން މައްސަލަ ބެލޭ ގޮތަށް ކަމުގައެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން އެނިންމުންތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމުގައިވެސް ވަކީލު ވިދާޅުވިއެވެ. މީގެ ކުރިން ސުޕްރީމް ކޯޓުން އިސްތިއުނާފީ އުސޫލުތައް މާނަކޮށްފައިވަނީ މާފުޅާކޮށް ކަމުގައި ފަހުން ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ކަމުގައި އެޕޯލޯގެ ވަކީލު ފާހަގަކުރެއްވިއެވެ. ވަކީލު ފާހަގަކުރެއްވި ގޮތުގައި ސުޕްރީމް ކޯޓުގައި މައްސަލައިގެ އަޑުއެހުންތައް ނިމުމަށްފަހު ހުކުމްކުރުމާ ދޭތެރޭގައި ހެކި ހުށަހެޅުމުގެ ފުރުޞަތު ދެވިއްޖެނަމަ، އަދި އެއީ އެކަންކުރެވިދާނެ ގޮތެއް ކަމަށް ޤަބޫލުކޮށްފިނަމަ، އެފުރުޞަތު ލިބޭނީ ހަމައެކަނި އިސްތިއުނާފުކުރާ ފަރާތަށް ނޫން ކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތަށްވެސް އެފުރުޞަތު ލިބޭނެއެވެ. ހަމައެހެންމެ އަޑުއެހުންތައް ނިމުމަށްފަހު ހެކި ހުށަހެޅުން ހަމައެކަނި ކިތާބީ ހެއްކަށް ހަނިވެސް ނުވާނެ ކަމިގައި ވަކީލު ފާހަގަކުރެއްވިއެވެ. އަދި ޝަރީޢަތްކުރުމުގެ އުޞޫލުތަކުގެ މަޤުޞަދާ ޚިލާފުވާ ގޮތަށް ކޯޓުތަކަށް ލިބިފައިވާ ޝަރީޢަތްކުރުމުގެ ބާރު މާނަކުރުމަކީ ރަނގަޅު ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ވަކީލު ވިދާޅުވިއެވެ. ވަކީލު އިތުރަށް ވިދާޅުވީ އެލިޔުމާ ގުޅޭ ގޮތުން ވާހަކަދައްކަވަން އެނގިވަޑައިގަންނަވާނީ ލިޔުން ލިބުމުން ކަމުގައެވެ. ނަމަވެސް ލިޔުން މިހާތަނަށް ލިބިފައިނުވާ ކަމުގައިވެސް ވަކީލު ވިދާޅުވިއެވެ. އޭގެ އިތުރަށް އިސްތިއުނާފުކުރި ފަރާތުގެ ވަކީލު ދެއްކެވި ވާހަކަފުޅަކަށް ރައްދުދެއްވަމުން އެޕޯލޯގެ ވަކީލު ފާހަގަކުރެއްވީ އެކުންފުނީގެ ވަކީލަކު އެއްވެސް މަރުހަލާއެއްގައި ދޮގު ލިޔުމެއް އަދި ހެއްކެއް ކޯޓަށް ހުށަހަޅާފައިނުވާނެ ކަމުގައެވެ. މިއަދު ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ފަނޑިޔާރުން ނިންމަވާފައިވަނީ މާދަމާ އައު އަޑުއެހުމެއް ބޭއްވެވުމަށެވެ. އެއަޑުއެހުމުގައި އޮންނާނީ ހުށަހަޅުއްވާ ލިޔުމާ ގުޅޭ ގޮތުން ވާހަކަދެއްކުން ކަމުގައެވެ. އަދި އަޑުއެހުން ނިމިފައިވަނިކޮށް ސުޕްރީމް ކޯޓަށް ހެކި ބަލައިގަނެވިދާނެކަން ނުވަތަ ނޫންކަން މާދަމާގެ އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދިނުމަށްވެސް ފަނޑިޔާރު ޙުސްނުއް ސުޢޫދު ވިދާޅުވިއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އިސްތިއުނާފު މަރުހަލާގައި ސުޕްރީމް ކޯޓަށް އައު ހެކި ބަލައިގަތުމާމެދު ގޮތް ކަނޑައަޅަންޖެހޭ މައްސަލައެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ