އިންޑިއާ – ރާއްޖެ ފެރީ ހިދުމަތް އިފްތިތާހް ކޮށްފި

އިންޑިއާ އާއި ދިވެހިރާއްޖެ މެދުގައި ގާއިމް ކުރެވޭ ކާގޯ ފެރީގެ ހިދުމަތް މިއަދު އިފްތިތާހްކޮށްފިއެވެ. ވަރޗުއަލް ކޮށް ކުރިއަށް ގެންދިޔަ މި ޖަލްސާގައި، ފެރީ ހިދުމަތް އިފްތިތާހް ކޮށްދެއްވީ އިންޑިއާގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ޝިޕިން ޝްރީ މަންސުހް އެލް މަންޑަވިޔާ އަދި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ.
ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާ (އެސްސީއައި) އިން އޮޕަރޭޓް ކުރާ ކާގޯ ފެރީ އުޅަނދު އެމްސީޕީ ލިންޒް ހދ. ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރުގައެވެ. އަދި މާލޭގައި 28 ސެޕްޓެމްބަރުގައި ބަނދަރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ފެރީ ވަނީ މިހާރު ޓުޓިކުރިން އިން ކޮޗިން އަށް މިސްރާބުޖަހާފައެވެ. މި އުޅަނދަށް 380 ޓީއީޔޫ އަދި 3000 މެޓްރިކް ޓަނުގެ ބަލްކް ކާގޯ އުފުލޭނެއެވެ.
އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައި ކާގޯ ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށުމުގެ ހިޔާލު ގެންގުޅޭކަން އިއުލާންކުރީ އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރާ މޯދީ ޖޫން 2019 ވަނަ އަހަރު ރާއްޖެއަށް ކުރި ރަސްމީ ދަތުރުފުޅެއްގައެވެ. މިއާއެކު، ކާގޯ ފެރީގެ ސަބަބުން އިންޑިއާ މެދުވެރިކޮށް ޔޫރަޕުގެ ބާޒާރަށް ރާއްޖޭގެ މުދާ ނެރެވޭނެ ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
ކާގޯ ފެރީ އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޓުޓިކުރިން އަދި ކޮޗިން ބަނދަރު ތަމްސީލް ކުރާ ފަރާތްތަކުގެ އިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އަދި ދިވެހި ފޮރިން މިނިސްޓްރީ ގެ އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ