އަމާޒަކީ ސުޕްރީމް ކޯޓުން އިންސާފު ޤާއިމުކުރުމުގައި ނަތީޖާ ނެރެވުން: އުއްތަމަފަނޑިޔާރު

އަމާޒަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގައި ނަތީޖާ ނެރެދޭ ޒިންމާދާރު މުއައްސަސާއެއްްގެ ގޮތުގައި ހަރުދަނާކުރުން ކަމުގައި ރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ސުޕްރީމް ކޯޓަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ މިވަގުތަކީ ނުހަނު ދަތި ވަގުތެއް ކަމުގައެވެ. ކޮވިޑް-19ގެ ޙާލަތުގައިވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ޚިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު، އެ ކޯޓުން ޢަދުލު އިންސާފު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީ ލިބިފައިވާ މަދު ވަސީލަތްތަކާއެކުވެސް އެންމެ ފުރިހަމަ ގޮތުގައި އެ މަސައްކަތް ކުރެއްވުންމަތީ ދެމި ތިއްބެވުން ކަމުގައި އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓަށް 12 އަހަރު ފުރުނީ އެ ކޯޓުން އީޖާދީ އަދި ހާމަކަން ބޮޑު ގޮތެއްގައި ޝަރީޢަތްކުރުމުގެ އައު ގޮތްތަކެއް ތަޢާރަފުކޮށް އެކަންކަން ތަޖުރިބާކުރަމުންދާ ވަގުތެއްގައި ކަމުގައި އުއްތަމަފަނޑިޔާރު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ސުޕްރީމް ކޯޓުގެ ޝަރީޢަތްތަކުގެ އަޑު ރެކޯޑުކުރެވި ވެބްސައިޓުގައި ޝާއިޢުކުރެވޭކަން ފާހަގަކުރެއްވިއެވެެ. އަދި މިވަގުތު ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ކުރިއަށްގެންދަނީ ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ލައިވްކޮށް ކަމުގައި ފާހަގަކުރެއްވިއެވެ. މިހާރު ތައްޔާރުވަމުންދަނީ ސުޕްރީމް ކޯޓުގެ މާލަމުގައި ކުރިއަށް ގެންދާ ޝަރީޢަތްތައްވެސް ލައިވްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރަށް އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ފާއިތުވި އަހަރަކީ ސުޕްރީމް ކޯޓުގެ ހަޔާތުގައިވެސް އެންމެ ގިނަ އަޑުއެހުން ބޭއްވި އަހަރެވެ. އެގޮތުން 251 އަޑުއެހުން ފާއިތުވި އަހަރުގައި ސުޕްރީމް ކޯޓުން ބޭއްވިކަން ފާހަގަކުރެއްވިއެވެ. އޭގެ އިތުރަށް ފާއިތުވި އަހަރސަކީ އެންމެ ގިނަ މައްސަލަތައް އެ ކޯޓުން ނިންމި އަހަރު ކަމަށްވެސް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން 49 މައްސަލައެއްގައި ހުކުމްކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ. 13 މައްސަލައެއްް ބަލައިގަތުމާމެދު ގޮތް ނިންމާފައިވާ ކަމުގައި ވިދާޅުވިއެވެ. އެއީ ކުރީ އަހަރުތަކާ އަޅާބަލާއިރު 73.4 އިންސައްތައިގެ އިތުރުވުމެއް ކަމުގައިވެސް ވިދާޅުވިއެވެ. ހަމައެހެންމެ ސުޕްރީމް ކޯޓަށް މައްސަލަތައް ހުށަހެޅުން ފަސޭހަކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމުގައާއި އެގޮތުން ލިޔެކިތުންތައް ހުށަހަޅަންޖެހޭ މިންވަރު މަދުކޮށް، ފޯމުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޝަރީޢަތްތައް ހިންގުން ޕޭޕާލެސްކުރުމަށް މަސައްކަތްކުރައްވާ ކަމުގައި ވިދާޅުވިއެވެ. ސުޕްރީމް ކޯޓުގެ އަހަރީ ދުވަހުގައި ދެއްވި ތަޤުރީރުގައި އެ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަނާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އިތުރަށް ޝަރުޢީ ކޯޓުތަކާއި ދައުލަތުގެ އިދާރާތަކަށް އުއްތަމަފަނޑިޔާރު ޝުކުރު އަދާކުރެއްވިއެވެ. އަދި ސުޕްރީމް ކޯޓަކީ ފަސޭހައިން އަދުލު އިންސާފަށް ވާޞިލުވެވޭނެ މަގު ފަހިވެފައިވާ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ތަނަކަށް ހެއްދެވުމާއެކު، ޢަދުލު އިންސާފު ޤާއިމުކުރެއްވުމުގެ މަތީގައި ދެމިތިއްބެވުމަކީ އަމާޒު ކަމުގައި އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ