ސުޕްރީމް ކޯޓުގެ ޙުކުމަކީ 5 – 0 ކަމަށް ސަންގް ޓީވީ އިން ބުނެފި

މިއަދު ސުޕްރީމް ކޯޓުން ޙުކުމް ކުރާނީ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކަމަށް ދެހާވާ ގޮތައް 5 – 0 ކަމަށް ބުނެ އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ "ސަންގް ޓީވީ" އިން ޓްވީޓެއް ކޮށްފިއެވެ.
ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީން ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ސަންގް ޓީވީ އިން ކުރި ޓްވީޓުން ދޭހަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ވެސް ޙުކުމާއި މެދު އިއްތިފާގުވެ ވަޑައިގަންނަވާނެ ކަމެކެވެ. ތަފާތު ރައުޔެއް އެއްވެސް ފަނޑިޔާރަކު ނުނެރުއްވާނެއެވެ.
ނަމަވެސް ފަނޑިޔާރުން ބުރަވެ ވަޑައިގަންނަވަނީ ކޮން ކޮޅަކަށް ކަމެއް ސަންގް ޓީވީ އަކުން ނުބުނެއެވެ. އަދި އެޗެނަލަށް ސުޕްރީމް ކޯޓުގެ ޙުކުމް ނެރުއްވާނެ ގޮތް އެނގުނީ ކިހިނެއް ކަމެއް ވެސް އެޗެނަލް އިން ހާމަކޮށްފައެއް ނުވެއެވެ.
ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވުމަށް ބާއްވާ ޝަރީޢަތުގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު ފަހު 13:00 އަށެވެ.
ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މައިގަނޑު 13 ކަމަކަށް އެދިފައި ވެއެވެ. އެހުރިހާ ކަމަކާއި މެދު މިއަދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާނެއެވެ.
އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ސިއްރުން ހެކިބަސް ނަގައިދިނުމަށް ރައީސް ޔާމީންގެ ފަރާތުން އެދުނު ނަމަވެސް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ މިމައްސަލައިގައި ސިއްރުން ހެކިބަސް ނަގަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. ނަމަވެސް ޤާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ސިއްރުން ހެކިބަސް ނުނެގުމަކީ މައްސަލަ ވަކި ގޮތަކަށް ނިމިގެން ހިނގައިދާނެ ކަމަށް ބުނުމުގެ ފުރުސަތު އޮތް ކަމެއް ނޫނެވެ. ޝަރީޢަތުގެ މަޖިލީހުގައި ވަކީލުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ކޮންމެ ކޮޅަކަށް ވެސް މައްސަލަ ނިމުމުގެ ފުރުސަތު އެބައޮތް ކަމަށް ވަކީލުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ