އެމްޕީއެލް ބަހުގެ ޚިދުމަތް: މާލޭގައި ސްކޫލް ކުދިންނަށް ހިލޭ، އައްޑޫގައި މަހަކު 300 ރުފިޔާ!

ޒަމާނުއްސުރެ ވެރިރަށް މާލެ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކާއި ދެމެދު ސަރުކާރުތަކުން ތަފާތުކުރުން ގެންގުޅޭ ވާހަކަ ރައްޔިތުން ދައްކަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ހަގީގަތުގައި ވެސް އެތަފާތުކުރުން ގެންގުޅޭތީއެވެ. ތަރައްޤީގެ ޕްރޮޖެކްޓްތަކުން ފެށިގެން އެންމެ އަސާސީ ޚިދުމަތްތަކާއި ހަމައަށް އެތަފާތުކުރުން ގެންގުޅޭ ވާހަކަ އަކީ ހަގީގަތެކެވެ.
އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނާއި މެދު ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނުމުން އެވާހަކ ދޮގުކުރާ ފަރާތްތަކަށް ދުވާލުގެ އިރު ފަދައިން ދައްކާނެ ކިތަންމެ ހެއްކެއް ރާއްޖޭގެ ކަންކޮޅުތަކުން ފެންނަން އެބަހުއްޓެވެ. މިއީ ވެސް އޭގެ ތެރެއިން އެއް ކަމެވެ.
މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖްގައި ބަހުގެ ޚިދުމަތް ދެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ. އައްޑޫގައި ބަހުގެ ޚިދުމަތް ދެނީ އެމްޕީއެލްގެ ޑިވިޝަނެއް ކަމުގައިވާ ސަދަން ޓްރާންސްޕޯޓް ލިންކް(އެސްޓީއެލް) އިންނެވެ.
މާލެ ސަރަހައްދުގައި އަޅާފައިވާ ބްރިޖް ހުރަސްކޮށް ދަތުރުކުރާ ފަރާތްތަކަށް އެމްޕީއެލް އިން ބަހުގެ ޚިދުމަތް ފޯރުކޮށްދޭނެ އަގުތައް ދާދި ފަހުން ވަނީ އިއުލާންކޮށްފައެވެ. ބަސް ދަތުރަކަށް 10 ރުފިޔާ ނަގާއިރު ސްކޫލް ކުދިންނަށް ހިލޭ ދަތުރު ކުރެވޭ ގޮތަށެވެ.
ކަން މިހެން އޮތަސް ހަމަ އެމްޕީއެލް އިން އައްޑޫގައި ދެމުންގެންދާ ބަހުގެ ޚިދުމަތުން އައްޑޫގެ ދަރިވަރުންނަށް ހިލޭ ދަތުރެއް ނުކުރެވެއެވެ. މިސާލަކަށް އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ހިތަދޫގައި ހުންނަ ސްކޫލްތަކަށް އަންނަ ދަރިވަރުން މަހު ފީގެ ގޮތުގައި 300 ރުފިޔާ ދައްކަން ޖެހެއެވެ. އެއީ ޤަވާއިދުން ކޮންމެ ދުވަހަކު ސްކޫލަށް ދިއުމަށް ދަރިވަރުން ދައްކަން ޖެހޭ ފީއެވެ.
އެހެން ވަގުތުތަކުގައި ސްކޫލް ޔުނިފޯމުގައި ތިއްބަސް އެކުދިން ޓިކެޓް ނަގަން ޖެހެއެވެ.
މާލެ އާއި އަޅާ ބަލާއިރު އައްޑޫގައި ދަރިވަރުންގެ އަދަދު ވެސް މަދެއް ނުވާނެއެވެ. މާލޭގައި އުޅޭ ދަރިވަރުންނަށް ހިލޭ ބަހުގައި ދަތުރު ކުރެވެންޏާ އައްޑޫ އާއި ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ވެސް އެ އިނާޔަތް ލިބިދޭން ޖެެހެއެވެ.
އައްޑޫގައި ދެމުން ގެންދާ ބަހުގެ ޚިދުމަތާއި ބެހޭގޮތުން މީގެ ކުރިން އެމްޕީއެލް އިން ބުނެފައިވަނީ ޚިދުމަތް ދެމުން ގެންދަނީ ގެއްލުމުގައި ނަމަވެސް މީ ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ކަމުގައި ބަލައިގެން ކަމަށެވެ.
އެމްޕީއެލް އިން ކޮންމެހެން ފޯރުކޮށްދޭ ޚިދުމަތެއްގެ ގޮތުގައި ދޭ ޚިދުމަތަކުން އަގު ނެގުމުގައި ވަކި ސަރަހައްދެއްގައި ދިރިއުޅޭތީ ތަފާތުކުރުން ގެންގުޅެން ޖެހޭ ހެއްޔެވެ؟
މި ސުވާލުގެ ޖަވާބު ހޯދުމަށް އެމްޕީއެލްގެ ބަހެއް ހޯދުމަށް 'އައްޑޫލައިވް' އިން ކުރި މަސައްކަތް ވަނީ އަދި ކާމިޔާބު ނުވެފައެވެ.
ޓްރާންސްޕޯޓް މިނިސްޓަރު ކަމާއި ހަވާލުވި ފަހުން ދެ މަސް ދުވަސް ނުވަނީސް ޓްރާންސްޕޯޓް މިނިސްޓަރު ދެ ފަހަރެއްގެ މަތިން އައްޑޫއަށް ވަޑައިގެންފިއެވެ. އެހެނަސް އެކަމަނާއަށް އައްޑޫގައި އެމްޕީއެލް އިން ބަސް ދަތުރުގެ އަގު ނަގާގޮތާއި މެދު އެއްވެސް މައްސަލައެއް ނެތެވެ. ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ތަމްސީލް ކުރައްވާ 7 މެންބަރުންނަށް ވެސް މެއެވެ.
ހުރިހާ މައްސަލައެއް އަދި ކަންބޮޑުވުމެއް އޮތީ ރައްޔިތުންގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ