ރާޖްގެ ކެރިއަރުގެ އެންމެ އަގުބޮޑު ފިލްމު ހުށަހެޅީ ކަރަން
މި އަންނަ މަހު ރިލީޒްކުރާ ވަރުގަދަ އެކްޝަން ތުރިލާ ފިލްމު "މާލިކް"އިން ގޭންގްސްޓާރެއްގެ ރޯލްއިން ފެންނާނެ އެކްޓަރު ރާޖްކުމާރު ރާއޯގެ ކެރިއަރުގެ އެންމެ އަގުބޮޑު ފިލްމު ދަރުމާ ކުންފުނިން އެކްޓަރަށް ހުށަހަޅައިފިއެވެ. މި އަހަރުގެ ފަހުކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަ މި ކްރީޗާ ފިލްމަށް ރާޖް ސޮއިކޮށްފައި ވަނީ 12 ކްރޯޑު ރުޕީސް (1.4 މިލިއަން އެމެރިކާ ޑޮލަރަ)ށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަންދީޕު މޯދީ ޑައިރެކްޓްކުރާ މި ފިލްމަކީ ރާޖް ދަރުމާއަށް ކުޅެދޭ ދެވަނަ ފިލްމެވެ. ރާޖް އެންމެ ފުރަތަމަ ކުޅުނު ދަރުމާގެ ފިލްމަކީ މިދިޔަ އަހަރު އެ ކުންފުނިން ގެނެސްދިން ސްޕޯޓްސް ޑްރާމާ "މިސްޓަ އެންޑް މިސިޒް މާހީ"އެވެ. ރާޖް މުހިއްމު ރޯލަކުން ފެންނާނެ މި ތުރިލާ ފިލްމު ޑައިރެކްޓަރު ސަންދީޕް ގެނެސްދޭން ބޭނުންވަނީ ވެސް ފްރެންޗައިސެއްގެ ގޮތުގައި ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް އެކްޓަރާ އެކު ކުރެވެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ރާޖް ކުމާރު ރާއޯ، ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު އަދި އެކްޓަރު ކާތިކް އާރްޔަން--ފޮޓޯ/ބޮލީވުޑްހަންގާމާ ރާޖްކުމާރު ސޮއިކޮށްފައިވާ ދަރުމާގެ މި ކްރީޗާ ފިލްމަކީ އެ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ މި ޖޯންރާގެ ދެވަނަ ފިލްމެވެ. މި އަހަރުތެރޭ ދަރުމާއިން ވަނީ މި ޖޯންރާގެ އިތުރު ފިލްމެއް އެކްޓަރު ކާތިކް އާރްޔަން ހިމަނައިގެން އުފައްދާނެކަން އިއުލާނުކޮށްފައެވެ. އަންނަ އަހަރުތެރޭ ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ މި ފިލްމުގެ ނަމަކީ "ނާގްޒިއްލާ"އެވެ. ބޮލީވުޑްގެ އެންމެ ޑިމާންޑު އޮތް އެކްޓަރުންގެތެރޭ ހިމެނޭ ރާޖްކުމާރު ރާއޯ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މެއި މަހު ރިލީޒްކުރި ފިލްމު "ބޫލް ޗުކް މާފް"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ