މައުމޫން އަވަހާރަކޮށްލަން އުޅުނު މީހުންގެ މަތިން އާއިލާ ހަނދާން ނެތިއްޖެ – ނިހާން

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމަށް ހއ.ހޯރަފުށީގައި 2008 ވަނަ އަހަރު ދޭން އުޅުނު ހަމަލާ ހިންގުވި މީހުންގެ މަތިން މައުމޫންގެ އާއިލާ މީހުން ހަނދާން ނެތިއްޖެ ކަމަށް ޕީޕީއެމް ޕީޖީ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން އެހެން ވިދާޅުވީ ހެރިޓޭޖް މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން، 2008 ގެ ހަމަލާއާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއް ރީޓުވީޓު ކުރައްވަމުންނެވެ.
މައުމޫނަށް 2008 ގައި ދޭން އުޅުނު ހަމަލާގެ ފޮޓޯއާއެކު ޔުމްނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެފަދަ ނުރައްކާތެރި ހަމަލާއަކުން ބައްޕަ ސަލާމަތްކޮށްދެއްވީތީ މާތް ﷲގެ ހަޟްރަތަށް ހަމްދާއި ޝުކުރުކުރާ ކަމަށާއި އަދި ހިތްވަރުގަދަ ސްކައުޓް ޖައިޝަމް އިބްރާހީމްގެ މަތިން ހަނދާންކޮށް ޝުކުރުކުރާ ކަމަށެވެ.
ނިހާން ވިދާޅުވީ އެ ނުރައްކާތެރި ޖަރީމާ ހިންގުވި މީހުންގެ މަތިން ހަނދާންނައްތައި ނުލެއްވުން އެދޭ ކަމަށެވެ. "އެއީ ކޮން ބަޔަކު ލާފައިވާ ވިހައެއްގެ ސަބަބުން ޒުވާނަކު ހިންގި ޖަރީމާއެއް ކަން ތިޔަ އާއިލާ ހަނދާން ނެތިއްޖެ ކަމާއި މެދު ޝައްކެތް ނެތް." ނިހާން ވިދާޅުވިއެވެ.
އެއީ ކޮން ބަޔަކު ލާފައިވާ ވިހައެއްގެ ސަބަބުން ޒުވާނަކު ހިންގި ޖަރީމާއެއް ކަން މައުމޫންގެ އާއިލާ ހަނދާން ނެތިއްޖެ ކަމާއި މެދު ޝައްކެތް ނެތް ކަމަށް ނިހާން ވިދާޅުވީ މައުމޫންގެ އާއިލާ އިން މިހާރު އެމްޑީޕީ އާއި އެކު މަސައްކަތް ކުރާތީއެވެ.
މައުމޫން އަވަހާރަކޮށްލަން ހޯރަފުށީ މުހައްމަދު މުރުޝިދު ވަޅިއަކުން އެމަނިކުފާނަށް ހަމަލާދިނީ 2008 ވަނަ އަހަރުގެ ޖަނަވަރީ 08 ވަނަ ދުވަހު އެވެ.
މައުމޫންއަށް ހަމަލަދޭން ރޭވުމުގެ ކުށުގައި މުރުޝިދު 12 އަހަރަށް އަދި ވަޅިއަކުން ރައީސަށް ހަމަލާ ދިނުމުގެ ކުށުގައި އެއް އަހަރަށް ޖަލަށްލާން ހުކުމްކުރި އެވެ. ޖުމްލަ 13 އަހަރުގެ ހުކުމެއް މުރުޝިދުގެ މައްޗަށް އިއްވި އެވެ. ހުކުމްގެ ބޮޑު ބައި ވަނީ ތަންފީޒުކޮށް ނިންމާފައި ވަނިކޮށް އޭނާއަށް މުރުޝިދުގެ މައްޗަށް ސާބިތުވި ހުކުމް މާފުކޮށްދިނުމަށް ނުވަތަ ލުއިކޮށްދިނުމަށް މައުމޫންގެ އިއުތިރާޒެއް ނެތް ކަމަށް ކްލެމެންސީ ބޯޑްގައި މައުމޫން ވަނީ މިދިޔަ އަހަރު ދަންނަވާފައިފައެވެ.
ނަމަވެސް މިހާރު މުރުޝިދު ހުރީ މިނިވަންކޮށްފައި ކަމެއް ދައުލަތުގެ އިދާރާއިން މިއަދު ސާފުވާގޮތެއް ނުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ