ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މީހަކު 4 އަހަރަށް ޖަލަށް

ކެންސަރު ޖެހިފައިވާކަމަށް ބުނެ، އޮޅުވާލައިގެން ފިރިމީހާއާއި މުޅި އާއިލާ ލައްވައި ފައިސާ ހޯދި އަންހެނަކު ހަތަރު އަހަރަށް ޖަލަށް ލާން އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
އުމުރުން 36 އަހަރުގެ ޖޭސްމިން މިސްޓްރީ ވަނީ އޭނާގެ އާއިލާ ގާތު އޭނާއަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެ 2015 ވަނަ އަހަރާއި 2017 ވަނަ އަހަރާއި ދެމެދު އެ މީހުން ލައްވައި، ބަޔަށް ބޭސްކުރުމުގެ ނަމުގައި 253،000 ޕައުންޑު ހޯދާފައެވެ.
ޖޭސްމީންގެ ސިކުނޑިއަށް ކެންސަރު ޖެހިފައިވާކަމަށް ބުނެ 2013 ވަނަ އަހަރު ވަޓްސްއެޕް މެދުވެރިކޮށް ޑޮކްޓަރު ކޮށްފައިވާ ކަމަށް ބުނާ މެސެޖް އެންމެ ފުރަތަމަ އޭނާގެ ފިރިމީހާއަށް ދެއްކިއެވެ. ފުލުހުން ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި އެހެން ސިމެއް ބޭނުން ކޮށްގެން އެ މެސެޖު ފޮނުވާފައިވަނީ ހުދު ޖޭސްމިންއެވެ.
އޭގެ ފަހުން 2014 ވަނަ އަހަރު ޖޭސްމިން ވަނީ އެ ދޮގުގެ މައްޗަށް އަނެއް ދޮގު ހަދާފައެވެ. އޭނާ ދުނިޔޭގައި އުޅުމަށް ދެން ބާކީ އޮތީ އެންމެ ހަ މަސް ދުވަސް ކަމަށް އޭނާގެ ފިރިހީމާ ގާތު ބުންޏެވެ. އަދި އޭނާގެ ފިރިމީހާ ވަނީ ފަރުވާކުރުމަށް ފައިސާ އެއްކުރަން ފަށާފައެވެ. ޖޭސްމިން ވަނީ ޑޭޓިން ވެބަސައިޓެއް މެދުވެރިކޮށް ފިރިހެނެއްގެ އަތުން ފައިސާތަކެއް ހޯދައި ފައިސާ އިންވެސްޓަރަކަށް ވެގެން އިތުރު ދެ މީހެއްގެ އަތުން 10،000 ޕައުންޑު އަތުލާފައެވެ.
ޖޭސްމިންގެ ފިރިމީހާއަށް އޭނާގެ މި ކެހިވެރިކަން ފަޅާއެރީ ފިރިމީހާގެ ރައްޓެއްސަކަށް ޖޭސްމިން ހަދައިގެން އުޅޭ އޭނާގެ ސިކުނޑީގެ ސްކޭންތައް ފެނުނު ހިސާބުންނެވެ. ފިރިމީހާގެ އެކުވެރިޔާ ބުނި ގޮތުގައި އެ ސްކޭންތަކުގައިވާ ގޮތުންނަމަ ޖޭސްމިން ދުނިޔޭގައި ނުހުންނާނެއެވެ. އެހާވެސް ސްކޭންތައް ސީރިއަސް ކަމަށެވެ.
މިއާއެކު ފިރިމީހާ ވަނީ ޖޭސްމިންގެ ދެވަނަ ސިމްކާޑު ހޯދައި އޭނާ ބޭޒާރުކޮށްލާފައެވެ. ޖޭސްމިން ވަނީ އޭނާ ހެދީ ދޮގުކަމަށް އެއްބަސް ވެފައެވެ. އޭގެފަހުން ދެ މީހުން ވަނީ ވަރިވެސް ވެފައެވެ. އަދި 2017 ވަނަ އަހަރު ފުލުހުން ވަނީ ޖޭސްމިން ހައްޔަރުކޮށްފައެވެ.
މައްސަލަ ތަހުގީގުކުރި ޓީމުން ޖޭސްމިންގެ ފައިނޭޝަލް ރެކޯޑުތަކާއި މެޑިކަލް ރެކޯޑުތައް ބެލި ބެލުމުން އެނގުނީ އޭނާއަށް އެއްވެސް ބާވަތެއްގެ ކެންސަރު ޖެހިފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ