މާކުރަތުން ކަރަންޓު ކެނޑޭތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ

ރ. މާކުރަތުގެ ކަރަންޓު ކެނޑޭތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާކުރަތު ކައުންސިލްގެ ރައީސް ހަސަން އަލީ ވިދާޅުވީ އެރަށަށް ކަރަންޓުގެ ކުއްލި ކުއްލިއަށް ކެނޑޭ މައްސަލައަކީ ހައްލު ނުކުރެވިފައިވާ ބޮޑު މައްސަލަ އެއް ކަމަށާއި، މިމައްސަލައަށް ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. ހަސަން ވިދާޅުވީ ކަރަންޓަށް މައްސަލަ ދިމާވުމުން ކޮންމެ ފަހަރަކު ވެސް ގެންނަނީ ވަގުތީ ހައްލު ކަމަށާއި، ނަމަވެސް މިވަގުތީ ހައްލުގެ ސަބަބުން ރައްޔިތުންނަށް ލިބެނޭ ބޮޑެތި ގެއްލުން ކަމަށެވެ.
"އާންމުން ގެންގުޅޭ ވަރަށް ގިނަ އެއްޗެހި ހަލާކުވެގެން އެޝަކުވާ އެބަކުރޭ. ޓީވީ، އަވަން، ކޮންޕިޔުޓަރ ފަދަ ތަކެތި ހަލާކުވާނެ ތެދެއްތޯ ކަރަންޓު ކުއްލިއަކަށް ކެނޑިފަ އަންނަ ކަމަށްވަންޏާ" ހަސަން ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު ކަރަންޓު ނެތްކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ ކަރަންޓު ލިބުނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސެނިކޮށް ކަމަށެވެ. އިންޖީނުގޭގައި މިވަގުތު މުޅި ރަށަށް ކަރަންޓުދޭނެ ކެޕޭސިޓީ ނެތިގެން މަގުތަކަށް ކަރަންޓު ނުދޭ ކަމަށެވެ. އަދި މުޅި ރަށަށް އޮތީ ކަނު އަދިރީގައި ކަމަށާއި، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމުގެ ބިރު ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ކަރަންޓުގެ މައްސަލައަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، ނަމަވެސް ފެނައިން އެއްވެސް އެއްބާރުލުމެއް ނުދިން ކަމަށެވެ.
ހަސަން ވިދާޅުވީ އެރަށަށް ކަރަންޓުގެ ޚިދުމަތް ދެނީ ޖުމްލަ 3 ޖަނަރޭޓަރުން ކަމަށާއި، އެއީ 160 ޖެނަރޭޓަރަކާއި، 80 ކިލޯވޯޓުގެ ދެޖަނަރޭޓަރަކުން ކަމަށެވެ. ނަމަވެސް މިހާރު 160 ކިލޯވޯޓުގެ ޖަނަރޭޓަރު ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ އައު ސަރުކާރާއެކު ކަރަންޓުގެ ޚިދުމަތަށް ދާއިމީ ހައްލު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި، މިހާރު ފެނަކައިން ވެސް މަސައްކަތްތައް ކުރިއަށް ގެންދަނީ ރައްޔިތުންނާއި ވަރަށް ގާތުން ކަމަށެވެ.
މާކުރަތަކީ 1331 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ