ބޭސްފަރުވާއަށް ފަހު މައުމޫން މާލެ ވަޑައިގެންފި

ބޭސް ފަރުވާއަށް ރާއްޖެ އިން ބޭރަށް ކުރެއްވި މަހެއްހާ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
މައުމޫން ޑިސެމްބަރ މަހު ބޭސްފަރުވާއަށް ވަޑައިގެންނެވީ އިންޑިއާގެ ކޮއިންބަތޫރަށެވެ. މިއީ މިދިޔަ ސެޕްޓެމްބަރ މަހު ޖަލުން ސަލާމަތްވި ފަހުން މައުމޫން ރާއްޖެ އިން ބޭރަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ.
މައުމޫން މިރޭ ރާއްޖެ ވަޑައިގެންނެވިއިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމަނިކުފާނުގެ އެމްއާރްއެމްގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން އެއާޕޯޓަށް ގޮސް ތިއްބެވެ.
މައުމޫން މިރޭ ރާއްޖެ ވަޑައިގެންނެވިއިރު އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ސަރުކާރު ހިންގާ ކޯލިޝަން ރޫޅިގެން ހިނގައިދާނެ ކަމުގެ ބިރާއި ވަނީ ކުރިމަތިވެފައެވެ. މަޖިލިސް އިންތިޚާބުގައި ވާދަކުރުމާއި މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ކޯލިޝަންގެ އެންމެ ބޮޑު އެއްޕާޓީ ކަމަށްވާ ޖޭޕީ އޮތީ މިހާރު ވެސް ކޯލިޝަނުން ވަކިވާ ހިސާބުގައެވެ.
ކޯލިޝަންގެ ލީޑަރުން މަޝްވަރާކޮށްގެން މަޖިލިސް އިންތިޚާބުގައި އެކުގައި ކުރިއަށް ދިއުމަށް މިހާތަނަށް ކުރި މަސައްކަތް ވަނީ ބޭކާރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ