މި މަހުގެ ފަސްވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވި ގެތަކަށް އެހީވުމުގެ ލިބުނު އެހީގެ ފައިސާ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އިން އެ ގެތަކަށް ދޫކުރަން ފަށައިފިއެވެ.
އެންޑީއެމްސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ޕްރޮޖެކްޓް ކޯޑިނޭޓަރު ހިސާން ހަސަން ވިދާޅުވީ ގެއްލުން ލިބުނު ގެތަކަށް އެހީވާން އެ ސެންޓަރުން ހުޅުވި ފަންޑަށް އެހީގެ ގޮތުގައި އެކި ފަރާތްތަކުން 1.3 މިލިއަން ރުފިޔާ ހަދިޔާ ކުރި ކަމަށެވެ. އަދި ވިދާޅުވީ، އެ އެހީގެ ފައިސާއިން، ފެންބޮޑުވެގެން ލިބުނު ގެއްލުމުގެ 94 އިންސައްތަ ކަވަރުވާނެ ކަމަށެވެ.
ހިސާން ވިދާޅުވި ގޮތުގައި، ފެންބޮޑުވުމުގެ ކާރިސާގައި 209 ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައި ވެއެވެ. އަދި ވިދާޅުވީ، އެ ގެތަކުގެ އެސެސްމަންޓް ހެދުމަށްފަހު 127 ގެއަކަށް ސެންޓަރުން ހުޅުވި ފަންޑުން އެހީވުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މިއަދު އެކަނި ވެސް 24 ފަރާތަކަށް އެހީގެ ފައިސާ ހަވާލުކޮށްފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ހާމަކުރި ގޮތުގައި، އެ ސެންޓަރުގެ ފަންޑަށް، ޔުނިވާސަލް އެންޓަޕްރައިސަސްގެ ފަރާތުން 300000 ރުފިޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމްގެ ފަރާތުން 250000 ރުފިޔާ، ސިޖީޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 400000 ރުފިޔާ ލިބިފައި ވެއެވެ. ޓީޖެޓީގެ ފަރާތުން 10000 ރުފިޔާ، އެމްއެސް ފައިނެންސް ކަރެންސީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 50000 ރުފިޔާ، ހެޕީ މާކެޓްގެ ފަރާތުން 150000 ރުފިޔާ، އަދި ދިރާގުގެ ފަރާތުން 200000 ރުފިޔާ ލިބިފައި ވެއެވެ.
މި މަހުގެ ފަސްވަނަ ދުވަހު މާލެއަށް ވަނީ 223 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މިއީ މިހާތަނަށް މާލެއަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހެނު ކަމަށް ރެކޯޑު ކުރެވިފައި މިންވަރެވެ. އެ ދުވަހު ވެހުނު ވާރޭގައި މަގުތައް ފެން ބޮޑުވުމުގެ ސަބަބުން، ގެދޮރަށާއި ވިޔަފާރިތަކަށް ލިބުނު ގެއްލުމުގެ އަގު 1.2 މިލިއަން ރުފިޔާއަށްވުރެ ބޮޑު އެންޑީއެމްސީން ބުންޏެވެ.
ވިއްސާރައިގައި ގެއްލުންވި ގެތަކަށް އެހީގެ ފައިސާ ދޫކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ