ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ރޭ ވަޑައިގެންފިއެވެ.
ރާއްޖެ ވަޑައިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މެލޭޝިޔާގެ ކުއަލަމްޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަނބިކަނބަލުންނާއި އެކުގައި އެނބުރި ރާއްޖެ ވަޑައިގެންފައިވާ ކަމަށާއި، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަޑައިގަތް އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އެގޮތުން އެމްއާރްއެމްގެ އިސް ބޭފުޅުންނާއި، ސަޕޯޓަރުންނާއި ހެޔޮއެދޭ ހުރިހާ ފަރާތްތަކަށް އެމަނިކުފާނުގެ ޓްވީޓުގައި ޝުކުރު އަދާކޮށްފައިވެއެވެ.
މިދިޔަ މަހު 23 ގައި, ރައީސް މައުމޫނު ބޭސްފަރުވާއަށް ފުރާވަޑައިގަތީ ތަޙުޤީޤަށް އެމަނިކުފާނުގެ ފޯނު ނުދިން މައްސަލައިގާ އެމަނިކުފާނުގެ މައްޗަށް ކުރި ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމާއެކުގައެވެ. ޖަލުގައި ހުންނެވި އިރުވެސް ސިއްޙީ ހާލަތު ގޯސްވެ ޖަލަށް ޑޮކްޓަރުން ގެންގޮސްގެން އެމަނިކުފާނަށް ވަނީ ފަރުވާވެސް ދެއްވާފައެވެ.
ރައީސް މައުމޫނު މެލޭޝިޔާގައި ހުންނަވަނިކޮށް ދަރިކަލުން ފާރިސް މައުމޫނާއި، އަންހެން ދަރިކަނބަލުން ޔުމްނާ މައުމޫނު އަދި ދުންޔާ މައުމޫނުވެސް ވަނީ މެލޭޝިޔާއަށް ދަތުރުފުޅެއް ކުރައްވާފައެވެ.
ރައީސް މައުމޫނު މެލޭޝިޔާއިން އެނބުރި ރާއްޖެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ