މި ކޯލިޝަން ނުދަމަހައްޓައިފި ނަމަ، ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން

އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އާ އެކު ހަދާފައިވާ ކޯލިޝަން ނުދަމަހައްޓައިފި ނަމަ، ރައްޔިތުން މައާފެއް ނުކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް އަދި އޮތީ ކުރިއަށް ކަމަށާއި ރައްޔިތުންނަށް ބިރުވެރިކަމުން އަރައިގަނެވުނު ނަމަވެސް އެކަމުން ލިބެންޖެހޭ ހިތްހަމަޖެހުމާއި ފޮނިމީރުކަން އަދި އޮތީ ކުރިއަށް ކަމަށެވެ.
"ރައްޔިތުންގެ އުންމީދުތައް އަދި އޮތީ ކުރިއަށް. ރައްޔިތުންނަށް އެ ބިރުވެރިކަމުން އަރައިގަނެވުނު ކަމުގައިވީ ނަމަވެސް، އެކަމުން ލިބެންޖެހޭ ހިތްހަމަޖެހުމާއި ފޮނިމީރުކަން އަދި އޮތީ ކުރިއަށް. އަޅުގަނޑުމެންގެ ޕާޓީތަކުގެ ބަދަހިކަމުން މެނުވީ އެކަން ހާސިލްވެގެންނެއް ނުދާނެ. މި ކޯލިޝަން އަޅުގަނޑުމެން ފަސް އަހަރަށް ނުދަމަހައްޓައިފި ނަމަ، އަޅުގަނޑުމެންނަށް ވޯޓުލީ ބޭފުޅުން އަޅުގަނޑުމެންނަށް މައާފެއް ނުކުރާނެ. އެ ރައްޔިތުން މައާފެއް ނުކުރާނެ،" އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކާއި ރައްޔިތުން ދެކޭ ހުވަފެންތަކުގައި ކުލަ ޖައްސައިނުދީފި ނަމަ، އެ ދެވެނީ ވަރަށް ނުބައި ދިމާއަކަށް ކަމަށާއި އެހެންވީމާ ބަދަހިކަމާއެކު ކޯލިޝަން އޮންނަން ޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އަދާލަތު ޕާޓީން ކުރިއަށް ދާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަންނަވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ