ރާމޮސްއާ ބެހޭގޮތުން ދައްކަނީ ދޮގުވާހަކަތަކެއް: ލޮޕެޓީގް

މޮސްކޯ (އޮކްޓޫބަރު 2) - އޭނާއާ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސްއާ ދެމެދު ދެބަސްވުން އުފެދިފައިވާ ކަމަށް ބުނެ ދެކެވެނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ހުލެން ލޮޕެޓީގް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯއާ ދެކޮޅަށް ރެއާލް ކުޅޭ މެޗަށް އައީ ރާމޮސް ނުލަ އެވެ.
ސްޕެއިނުގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން ލޮޕެޓީގްގެ އެއް ނަމްބަރު ކީޕަރެއް ހާމަކޮށްފައިނުވާތީ އެކަމާ ރާމޮސް ވަނީ ހިތްހަމަ ނުޖެހިފަ އެވެ. ރެއާލުން އަންނަނީ އެ ޓީމުގައި ތިބި ދެ ކީޕަރުން ކަމަށްވާ ކޮސްޓަ ރިކާގެ ކޭލޯ ނަވާސް އާއި ބެލްޖިއަމްގެ ތިބައު ކޯޓުއާ އަށް ވެސް ފުރުސަތު ދެމުންނެވެ.
"ޓީމުގައި ތިބި އެހެން ކުޅުންތެރިންނަށް ވުރެން ގިނައިން ރާމޮސް ވަނީ 125 މިނިޓް ކުޅެފައި. އެ ފަދަ މުހިއްމު ކުޅުންތެރިއަކު ސީޒަނުގެ ކުރިއަށް އޮތް މެޗުތަކުގައި ބޭނުންކުރަން ޖެހޭތީވެ އަހަރެން ނިންމީ މި މެޗުގައި އޭނާ އަށް އަރާމްކުރަން ފުރުސަތު ދޭން. މިއީ އެ ނޫން ސަބަބެއް އޮވެގެން ނިންމި ނިންމުމެއް ނޫން،" ރާމޮސްއާ ދެމެދު މައްސަލައެއް ޖެހުނުތޯ ނޫސްވެރިއަކު ކުރި ސުވާލަށް ލޮޕެޓީގް ޖަވާބު ދިނެވެ.
މިދިޔަ ތިން އަހަރު ރެއާލުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ޒިނެދިން ޒިދާންގެ ކޯޗުކަމުގަ އެވެ. ލޮޕެޓީގް ރެއާލާ ހަވާލުވާން ނިންމީ މި ފަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ކުރިންނެވެ. ރެއާލާ ހަވާލުވާން ނިންމުމުން ވޯލްޑް ކަޕް ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށް ލޮޕެޓީގް ވަނީ ސްޕެއިނުގެ ކޯޗުކަމުން ވަކިކޮށްފަ އެވެ.
"ވެދިޔަ ކަންތައް ހަނދާން ނައްތާލައިފިން. ތެދެއް ރަޝިއާ އަށް އެންމެ ފަހުން އަހަރެން އައީ ވޯލްޑް ކަޕަށް ސްޕެއިން ޓީމު ގޮވައިގެން. ހީކުރި ގޮތާ ހިލާފަށް އަހަރެން ވަރަށް އަވަހަށް ދާން ޖެހުނީ. އެކަމަކު އެ ވާހަކަތައް މިހާރު ދެއްކުމުގެ މާނައެއް ނެތް،" ސްޕެއިން ކޯޗުކަމުން ވަކިކުރުމާ ބެހޭގޮތުން ލޮޕެޓީގް ބުންޏެވެ.
ރެއާލުން މިރޭގެ މެޗަށް ނުކުންނާނީ ރާމޮސްގެ އިތުުރުން އަނިޔާގެ ސަބަބުން މުހިއްމު ތިން ކުޅުންތެރިން ނުލަ އެވެ. އެއީ އިސްކޯ، މާސެލޯ އަދި ގަރެތު ބޭލް އެވެ. ލޮޕެޓީގް ބުނީ ކޮންމެ ޓީމަކުން ވެސް މިހާރު އެންމެ ސީރިއަސް ނަޒަރަކުން ދެކޭނީ ރެއާލާ ދެކޮޅަށް ކުޅޭ މެޗު ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަނާ ދެކޮޅަށް ކުޅޭއިރު ހުރިހާ ޓީމަކުން ވެސް ބޭނުންވާނެ ޗެލެންޖެއް ދޭން. އެ ވިސްނުމުގައި އަހަރެމެންނާ ދެކޮޅަށް ކޮންމެ ޓީމެއް ވެސް ނުކުންނާނީ." ލޮޕެޓީގް ބުންޏެވެ.
ރެއާލާއި ސީއެސްކޭ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ