މައުމޫން ސީދާ ހަރަކާތައް ނިކުމެވަޑައިގެންފި

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ގައުމަށްޓަކައި ސީދާ ހަރަކާތައް ނިކުމެވަޑައިގެންފި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަހްސް އޮޅުވާލުމުގެ ދައުވާގެ ޝަރީޢަތައް ރައީސް މައުމޫން މިއަދު ކޯޓަށް ވަޑައިގެންނެވުމުންނެވެ.
ރައީސް މައުމޫން ކްރިމިނަލް ކޯޓަށް ވަޑައިގެންނެވި އިރު ނަގާފައިވާ ފޮޓޯއަކާއި އެކު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން ގައުމަށްޓަކައި ސީދާ ހަރަކާތައް ނިކުމެވަޑައިގެންނެވީތީ މަރުޙަބާ ދަންނަވާ ކަމަށެވެ. އެޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ އިރާދަފުޅުން މެންބަރު ފާރިސް ނުހިފެއްޓޭނެ ކަމަށެވެ.
ރައީސް މައުމޫން ސީދާ ހަރަކާތައް ނިކުންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ރައީސް މައުމޫން ގެންދަވަނީ ފަހަކަށް އައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ޔާމީން ޑިކްޓޭޓަރެއްގެ ގޮތުގައި ސިފަ ކުރައްވަމުންނެވެ.
އިދިކޮޅު ފަރާތްތަކުން މާދަމާ މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުން އަންނައިރު އެމުޒާހަރާ އަށް ތައްޔާރުވުމަށް މިރޭ ޖުމްހޫރީ ޕާޓީގެ ޖަގަހައިގައި ބާއްވާ ޖަލްސާއެއްގައި ރައީސް މައުމޫން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ނަމަވެސް މާދަމާގެ މުޒާހަރާގައި ރައީސް މައުމޫން ބައިވެރިވެ ވަޑައިގަންނަވާނެ ކަމެއް އަދި ޔަގީނެއް ނުވެއެވެ.
ރައީސް މައުމޫން މިއަދު ކޯޓަށް ވަޑައިގެންނެވިއިރު މިއީ ފަހުގެ ތާރީޚެއްގައި ރައީސް މައުމޫން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ