ވޭތުވެދިޔަ ވެރިކަމުގެ 30 އަހަރެއް އަދި ތިން އަހަރެއް ވެސް އަލުން އިއާދަވުމަށް ދިވެހި ރައްޔިތުން މިހާރު ބޭނުންނުވާ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީން ބާއްވަމުން އަންނަ އެ ޕާޓީގެ ހަތަރު ވަނަ ގައުމީ ޖަލްސާގައި ތަގުރީރު ކުރެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ތަސްމީން ވިދާޅުވީ ޑީއާރުޕީން ވަނީ މާޒީގެ ހިތިކަން ތަޖުރިބާކޮށްފައި ކަމަށާއި މާޒީގެ ތެރެއަށް ދިއުމަށް ބޭނުންނުވާ ކަމަށެވެ.
"ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ 30 އަހަރުގެ މާޒީ އަނބުރާ އިއާދަކުރާކަށް. އަދި ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ ތިން އަހަރު ދުވަހުގެ މާޒީ ވެސް އަލުން ތަކުރާރުވާކަށް ވެސް. މާޒީގެ ހިތިކަން ދިވެހިންވަނީ ތަޖުރިބާކޮށްފައި. އެ ޕާޓީގެ ސަފްހާތައް ވަނީ ލައްޕާލެވިފައި،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ މި ގައުމުގެ ތަސައްވަރުގައި މި އަހަރު ލިޔާނީ އާ ބާބެއް ކަމަށާއި އެއީ ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭނެ އުއްމީދީ ބާބެއް ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އަލިއަޅުއްވާލައްވައި ތަސްމީން ވިދާޅުވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި "ރައީސް ނަޝީދުގެ އެމްޑީޕީއާ އެކު އެއްވެސް ބާވާތެއްގެ" ކޯލިޝަނެއް ނަހަދާނެ ކަމަށާއި އަދި ޕީޕީއެމް އާއެކު ކޯލިޝަނެއް ހެދުމަކީ ގައުމީ މަސްލަތު ރައްކާކުރެވޭނެ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުގެ ލީޑަޝިޕްގައި ރައީސް ނަޝީދުގެ އެމްޑީޕީއާ އަންނަ އޮތް ރިޔާސީ އިންތިހާބުގެ ބޭނުމަށް ޓަކައި އެއްވެސް ބާވާތެއްގެ ކޯލިޝަނެއް ނަހަދާނަމޭ. އަދި އަންނަން އޮތް ރިޔާސީ އިންތިހާބުގެ ބޭނުމަށް ޓަކައި ޕީޕީއެމްއާ އެކެ ކޯލިޝަން ހެދުމަކީ ގައުމީ މަސްލަހަތު ރައްކާ ކުރެވޭ ކަމެއް ކަމަކަށް ހަމަގައިމު ވެސް އަޅުގަނޑު ނުދެކެން. މި ވާހަކަތައް މި އަޅުގަނޑު މި ދަންނަވަނީ ސާފުސީދާ ދިވެހި ބަހުން. އަޅުގަނަޑުމެން މި ދަންނަވާ ބަހުގެ ހަގީގަތް ރިޔާސީ އިންތިހާބާ ހަމައަށް ފެންނާން އޮންނާނެ،" ތަސްމީން ވިދާޅުވި އެވެ.
މީގެ އިތުރުން ތަސްމީން ވިދާޅުވީ ޑީއާރުޕީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި "ގާނޫނާ ހިލާފް ކަންކަމާ" ދެކޮޅަށް ނިކުމެ އެމަނިކުފާނު ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް އެންމެ ފުރަތަމަ އިސްނެގި ޕާޓީ ކަމަށެވެ.
"ހިތުހުރި ގޮތަކަށް ކަންކަން ކުރައްވަން ފެއްޓެވީމާ އޭނާ ޗާޓުގެ ތެރެއަށް ވަދުމަށް ގޮވާލި އިރު އަޅުގަނޑުމެންގެ ވާދަވެރި ސިޔާސީ ބައެއް ފަރާތްކުން ތިއްބެވީ އެކަމުގައި މާ ފަހަތުގަ އޭ އިނގޭތޯ،"
ޑީއާރުޕީ "ފުނޑު ފުނޑު ކޮށްލުމުގެ މަގުސަދުގައި އަސްލެއް ނެތް ވާހަކަތަކެއް ޑީއާރުޕީއާ ބެހޭ ގޮތުން ދެއްކި ކަމަށާއި ނަމަވެސް އެ ވާހަކަތައް ދެއްކި މަކަރުވެރިންގެ ރޭވުން މިހާރު ބޭޒާރުވެފައިވާ ކަމަށް ތަސްމީން ވިދާޅުވީ އެވެ.
"ޑީއާރުޕީ ފުނޑު ފުނޑު ކޮށްލުމުގެ މަގުސަދުގައި އެއްވެސް އަސްލެއްނެތް އިލްޒާމްތަކެއް އަޅުގަނޑުމެންގެ ވާދަވެރި ފަރާތްތަކުން އަޅުގަނޑުމެންނާ ކުރިމަތި ކުރުވަމުންދިޔަ. މި ދެންނެވި ސިޔާސީ މަކަރުވެރި ރޭވުންތަކުގެ ސަބަބުން ޕާޓީގެ މަސްލަތަށް ކޮންމެވެސް ވަރެއްގެ ހިޔަންޏެއް އެޅުނު. ނަމަވެސް މި މަކަރުވެރި ރޭވުންތައް ރޭވި މީހުނަށްވުރެ ކުޅަދުންވަންތަ ކަލަކު ވޮޑިގެންވާކަން މި މަކަރުވެރިނަށް ނޭނގެނިބާ އޭ އަޅުގަނޑު ހިތަށް އަރާ. އެ ކަނލާންގެ އިރާދަފުޅުން މަކަރުވެރިންގެ ބަލި ކުރައްވައިފި. އެމީހުން ބޭޒާރުކުރައްވައފި،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ މިހާރު ވެސް ފެންނަނީ ޑީއާރުޕީ "ފުނޑާލުމަށް" މަސައްކަތް ކުރި މަކަރުވެރިނަށް "ޑީއާރުޕީ އަކީ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި އޮތްތަން ފެނިގެން" ހަޖަމު ނުކުރެވިގެން" އުޅޭ މަންޒަރު ކަމަށާއި ނަމަވެސް ޑއާރުޕީ ދާނީ ސާބިތުކަމާ އެކު ކުރިއަށްކަމަށެވެ. ޑީއާރުޕީން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފައިނުވާނެ ކަމަށާއި އެކަން ރައްޔިތުނަށް އިނގޭނެކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ.
"މިއަދު ވެސް މި މަކަރުވެރިނަށް ޑީއާރުޕީ ބޮޑު ވަރުގަދަ ޕާޓީއެއްގެ ގޮތުގައި އޮތްތަން ފެނިގެން ހަޖަމު ނުކުރެވިގެން އުޅޭތަން އަޅުގަނޑުމެނަށް މި ފެންނަނީ. އެމީހުންގެ ރޭވުން ދުވަހަކު ވެސް ކާމިޔާބެއް ނުވާނެ. ޑީއާރުޕީ ދާނީ ސާބިތުކަމާ އެކު ކުރިއަށް."
30 އަހަރާއި ތިން އަހަރުގެ މާޒީ އަށް ދާން ރައްޔިތުން ބޭނުމެއް ނުވޭ: ތަސްމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ