ރައީސް މައުމޫން ކީރިތި ކުރައްވައިފި

ގުޅިފައިވާ ޕާޓީތަކުގެ މިރޭގެ ޖަލްސާ އަށް ވަޑައިގެން، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދާދިދެންމެއަކު ކީރިތި ކުރައްވައިފި އެވެ.
ރަތް ޓައީއަކާއި ހުދު ގަމީސްކޮޅެއްގައި، މައުމޫން ޖަލްސާ އަށް ވަޑައިގެންނެވި އިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޓަކައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެމްބަރުން ތިއްބެވި އެވެ. ޖަލްސާ ކުރާ މާލަން އޮތީ ފުރި، މަގުމަތި ވެސް އޮތީ ފުރިފަ އެވެ. އެމަނިކުފާނު ހޯލަށް ވަޑައިގަތުމާ އެކު، "ތީޔައީ ޒައީމޭ އަދު..." ލަވަ ބާރަށް ޖަހަން ފެށި އެވެ. އަދި އިށީނދެ ވަޑައިގަތުމާ އެކު، އެންމެހެން ކޮޅަށް ތެދުވެ އަތް ޖަހަން ފެށުމާ އެކު މައުމޫންގެ ލޯފުޅުން ކަރުނަ ފޮދު އޮހޮރިގެން ދިޔަ އެވެ.
އެ މާލަމުގައި ތިބި މީހުން ރައީސް މައުމޫނަށް ވަރަށް ގިނަ އިރު އަތްތިލަބަޑިން ތަރުހީބު ދިނެވެ. އެމަނިކުފާނުގެ މޫނުފުޅުން ފެނިގެން ދިޔަ އުފާވެރިކަމުގެ ކަރުނަ އިރުތަކަކަށް އޮހެމުންދިޔަ އެވެ.
ގިނަ ޓީވީތަކަކުން ލައިވްކުރަމުން އަންނަ މި ޖަލްސާ އަށް މައުމޫން މި ވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ބޭރު ކުރުމަށް ޓަކައި އިދިކޮޅު ފަރާތްތަކުން 45 މެމްބަރުންގެ ސޮއި މިއަދު ހުށަހަޅާފައި ވަނިކޮށެވެ. ހަމައެހެންމެ، ވަރަށް ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ވެސް އުޅުއްވުމަށް ފަހު އެވެ.
މިރޭގެ ޖަލްސާގައި މައުމޫން ވާހަކަފުޅު ވެސް ދައްކަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ