ރައީސް މައުމޫން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތީ ދަރިކަލުންނަށް ނައިބު ރައީސްކަން ނުދިނުމުން: ޝައިނީ

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނިންމެވީ، އެމަނިކުފާނުގެ ދަރިކަލުން، ފާރިސް މައުމޫނަށް ނައިބު ރައީސްކަން ނުދިނުމުން ކަމަށް ފިޝަރީޒް މިނިސްޓަރ މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ޗެނަލް 13ގެ "ނިއުސްޓޯކް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝައިނީ ވިދާޅުވީ، ރައީސް ޔާމީނާއި މައުމޫނާއި ދެމެދުގައި މައްސަލަތައް ކުރިމަތިވީ އަހުމަދު އަދީބު ނައިބު ރައީސްކަމުން ވަކިވުމުން އެމަޤާމަށް ފާރިސް މައުމޫން ނުގެންނެވި ހިސާބުން ކަމަށެވެ.
ޝައިނީ ވިދާޅުވީ، އެއީ ސިޔާސީ ބޭފުޅުންނާއި ބޭރުގެ ޤައުމުތަކުންވެސް ޤަބޫލުކުރާނެ ކަމަކަށްނުވާއިރު، ރައީސްގެ ކޮއްކޯފުޅެއް ނައިބު ރައީސަކަށް ހެދުމަށް މައުމޫން ބޭނުންފުޅުވީ އެއިން އެއްވެސް ކަމަކާމެދު ވިސްނުންފުޅެއް ނެތިކަމަށެވެ.
ރައީސް ޔާމީން މަސައްކަތްކުރައްވަމުން ގެންދެވީ މައުމޫނުގެ ލަފާ އާއި މަޝްވަރާގެ މަތިން ކަމުގައިވީނަމަވެސް، އެމަނިކުފާނު މަޤާމުތައް ދެއްވަނީ ކުރައްވާ މަސައްކަތްތަކަށް ބައްލަވާފައި ކަމަށާއި އާއިލާއަށް ބައްލަވާފައި ނޫން ކަމަށް ޝައިނީ ވިދާޅުވިއެވެ.
އަދި ފާރިސްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ނައިބު ރައީސްގެ މަގާމަށް ވަޑައިގަތުމަށް ބޭނުންފުޅުވިއިރު، އެކަމުގެ މަޝްވަރާ ރައީސްއާއެކު ކުރެއްވުމަށް އެތައް ފަހަރެއްގެ މަތިން ގާސިމް ވަޑައިގެންނެވި ކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ