ވޯޓު ބޭނުން ނަމަ ނާޒިމް ދޫކޮށްލަން މެމްބަރު ލަތީފް ޝަރުތުކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހާ އެއްކޮޅަށް ވޯޓު ބޭނުން ނަމަ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިނިވަން ކުރުމަށް ދިއްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މިއަދު ޝަރުތު ކުރައްވައިފި އެވެ.
އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާއިރު މަސީހްއާ އެއްކޮޅަށް ވޯޓު ދެއްވުމާ މެދު ލަތީފް އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް ލަތީފް ވަނީ އިއްޔެ ވިދާޅުވެފައެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާގައި އިއްޔެ ލަތީފް ވިދާޅުވެފައި ވަނީ މަސީހާ އެއްކޮޅަށް ތިން ބުރަކަށް މަޖިލީހުގައި ވޯޓު ލައްވައިފި ކަމަށާއި "ހަތަރު ވަނަ ފަހަރު ވޯޓު ދޭން ޖެހޭ ސަބަބު އަދި މި އުޅެނީ ނުވިސްނިގެން" ކަމަށެވެ.
ލަތީފް ގެ މިވާހަކަ އާއި އެކު ވައިބާ ގުރޫޕް ހޫނުވެ ލަތީފް އެ ގުރޫޕުން ބޭރުކުރަން ވެސް ބައެއް މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ.
"މިހާރު" އާއި ވާހަކަ ދައްކަމުން ލަތީފް ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފިޔަވައި އެންމެ ބޮޑު ޚަރަދެއް ކުރެއްވި އަދި އެންމެ ބޮޑު ގުރުބާނީއެއް ވި ބޭފުޅާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހަށް ޕީޕީއެމްގެ މެމްބަރުން ހޮވައި ދިނުމަށްޓަކައި އެންމެ ބޮޑު ގުރުބާނީ އަކާއި ގިނަ ޚަރަދުތަކެއް ކުރެއްވީ ވެސް ނާޒިމް ކަމަށް ލަތީފް ވިދާޅުވި އެވެ.
"ޚުދު އަޅުގަނޑު މަޖިލިހަށް ގެނައުމަށްޓަކައި ވެސް އެންމެ ބޮޑު ޚަރަދެއް ކުރެއްވީ ނާޒިމް. އެންމެ ބޮޑު ގުރުބާނީއެއް ވެސް ވީ ނާޒިމް. އަޅުގަނޑު އެކަންޏެއް ނޫން. އެހެން އެތައް މެމްބަރުންނަކަށް ބޮޑެތި ޚަރަދުތަކެއް ކުރެއްވީ ނާޒިމް. އެ މެމްބަރުންނަށް ގޮނޑި ކާމިޔާބު ކުރެއްވުނީ ހަގީގަތުގައި ވެސް ނާޒިމްގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެން،" ( މިހާރު ނޫހާއި ވާހަކަ ދައްކަމުން) ލަތީފް ވިދާޅުވި އެވެ.
"އެހެންވީމާ މިހާރުން މިހާރަށް ވެސް ނާޒިމް ދޫކޮށްލާނެ ކަމުގެ ފެހި ސިގްނަލް ދިނަސް ނުވަތަ ނާޒިމް މިހާރު ހުރި ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލުކުރާނެ ކަމުގެ ޔަގީންކަން ދިނަސް އަޅުގަނޑުގެ ވޯޓު މަސީހަށް ކަށަވަރުވާނެ. ނާޒިމް ދޫކޮށްލާނެ ކަމުގެ ފެހި ސިގްނަލް ނުލިބޭ ނަމަ އަޅުގަނޑު ދެވަނަ ވިސްނުމަކަށް ދާނަން. މިގޮތަށް ތިއްބެވި އެހެން މެމްބަރުން ވެސް އެބަތިބި." (މިހާރު ނޫހާއި ވާހަކަ ދައްކަމުން) ލަތީފް ވިދާޅުވި އެވެ.
ނާޒިމް އިއްްޔެ ގޭބަންދުން ޖަލަށް ބަދަލުކޮށްފައިވާއިރު , ނާޒިމްގެ އެޕާޓްމަންޓުން ފެނުނު ފިސްތޯލައިގެ ހަގީގަތް ނާޒިމަށް އެނގިވަޑައި ނުގަންނަވާނެ ކަމަށާއި އެކަން ހިނގާދިޔަގޮތް ވަރަށް ރަނގަޅަށް އެނގި ވަޑައިގަންނަވާ ކަމަށް ބުނެ ދިގު މުއްދަތެއްގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަދީބު ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ. އަދި އެކަމުގެ ހަގީގަތް ހާމަކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށްވެސް އަދީބުވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ