ސައުދީގެ އިގްތިސާދީ ދާއިރާގެ ވެރިން ހިމެނޭ ވަފުދެއް ރާއްޖެ ވަޑައިގެންފި

ސައުދީ އަރަބިއްޔާގެ ސަރުކާރުގެ އިދާރާތަކާއި ފަންޑުތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ވަފުދެއް މިއަދު ރާއްޖެ ވަޑައިގެންފި އެވެ. އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި މިއީ 16 ބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެކެވެ. އޭގެ ތެރޭގައި، ޑެޕިއުޓީ މިނިސްޓަރުންނާއި އިގްތިސާދީ ކަންކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ވަފުދުގެ ބައްދަލުވުން މާދަމާ 11:00 އޮންނާނެ،" މިނިސްޓަރު "ހަވީރަ"ށް ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ވަފުދުން ރާއްޖޭގައި ކުރާނެ ކަންކަމާއި މަޝްވަރާތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ. ސައުދީ ސަރުކާރުގެ އިސް ވަފުދެއް ރާއްޖެ ޒިޔާރަތް ކޮށްފައިވާ އިރު، މާލެ ފެނަށް ޖެހެން މެދުވެރިވި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ފޭބެއްދުމަށް ސައޫދީ އަރަބިއްޔާގެ ވިޔަފާރިވެރިޔަކު އެއް މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވެ އެވެ. އަދި އެ ގައުމުގެ ވަލީއަހުދު ސަލްމާން ބިން އަބްދުލް އަޒީޒް މި އަހަރުގެ ކުރީކޮޅު ރާއްޖެ ވަޑައިގެން، އެކި ދާއިރާތަކުން ރާއްޖެ އަށް އެހީ ދެއްވާނެކަން އިއުލާން ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ