ރިޔާސީ އިންތިހާބަށް މިހާތަނަށް 25 މިލިޔަން ރުފިޔާ ހަރަދުވެއްޖެ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ އެކި ކަންކަމަށް މިހާތަނަށް 25 މިލިޔަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ހަރަދުވާނެ ކަމަށް ކޮމިޝަނުން ލަފާކޮށްފައިވަނީ 68 މިލިޔަން ރުފިޔާ ކަމަށާއި އެ ހަރަދުތަކުގެ ތެރޭގައި މިހާތަނަށް ވެސް 25 މިލިޔަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ހަރަދު ކުރަން މިހާތަނަށް ކޮމިޝަނަށް ލިބިފައިވަނީ 59 މިލިޔަން ރުފިޔާ ކަމަށައި މި ވަގުތު ކޮމިޝަނުގައި ހުރީ 34 މިލިޔަން ރުފިޔާ ކަމަށެވެ. ނަމަވެސް ކޮމިޝަނުގެ ރައީސް ވިދާޅުވީ، މަޖިލީހުންނާއި ފިނޭންސް މިނިސްޓްރީން ވެސް ރިޔާސީ އިންތިހާބަށް އިތުރަށް ބޭނުންވާ ނުވަ މިލިޔަން ރުފިޔާ ކޮމިޝަނުން ބޭނުންވެގެން އެދިއްޖެ ކޮންމެ ވަގުތެއްގައި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
"ރިޔާސީ އިންތިހާބަށް ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު އެއްވެސް ދަތިކަމަކާ ނުލާ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ބާއްވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ