ބަލި މީހަކަށް ފަރުވާ ދިނުމަށް ގައްދޫ ސިއްހީ މަރުކަޒަށް ކޯޓުން އަމަރުކޮށްފި
ބަލަދުވެރިޔަކު ނެތް ބަލި މީހަކަށް ފަރުވާދީ ބެލުމަށް ގައްދޫ ސިއްހީ މަރުކަޒަށް އެ ރަށު ކޯޓުން އަމުކުރުކޮށްފި އެވެ. ގައްދޫ މެޖިސްޓްރޭޓް މުހައްމަދު ރާއިބު އަހްމަދު މިއަދު ވިދާޅުވީ 52 އަހަރުގެ އެ ބަލިމީހާގެ ބަލަދުވެރި ފަރާތްތައް ރަށުގައި ނޫޅޭ ކަމަށާއި އެ މީހުން ކޯޓަށް ހާޒިރުކުރެވެންދެން ވަގުތީ ގޮތުން އޭނާ އެޑްމިޓްކޮށްގެން ފަރުވާދީ ބެލުމަށް ސިއްހީ މަރުކަޒުގެ މައްޗަށް އަމުރު ނެރުނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. ނަމަވެސް އޭނާ ސިއްހީ މަރުކަޒުގައި އަދި އެޑްމިޓް ކޮށްފައި ނުވާ ކަމަށް ރާއިބު ވިދާޅުވި އެވެ. ގައްދޫ ކައުންސިލް އިދާރާއިން ހުށަހެޅި މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ "[ބަލިމީހާގެ ބަލަދުވެރިން] ހާޒިރުކޮށް، [އޭނާގެ] ބަދަލު ސާބިތުކުރެވެން ދެން ގައްދޫ ސިއްހީ މަރުކަޒުގައި [އޭނާ] ބާއްވައިގެން ބެލެވޭނެ ގޮތް ހައްދަވައި ދެއްވުމަށް އެދި ގައްދޫ ކައުންސިލްގެ އިދާރާއިން އެދިލައްވާފައިވާތީ މި ދައުވާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން ގައްދޫ ސިއްހީ މަރުކަޒުގައި [އޭނާ] ބާއްވައިގެން ބެލެވޭނެ އިންތިޒާމު ހަމަޖައްސަވައި، ބަލަމުން ގެންދިއުމަށް" އެ ރަށުގެ ސިއްހީ މަރުކަޒަށް އަމުރުކުރާ ކަމަށެވެ. އެ އަމުރުގައި އިތުރަށް ބުނެފައިވަނީ "[ބަލިމީހާ] ވަރަށް ބޮޑަށް ބަލިވެ، އެއް ފަރާތް ވާގިނެތި، ނުކުޅެދޭ މީހެއްގެ ގޮތުގައި އެކަނިމާއެކަނި ފަޅު ގެއެއްގައި އޮތުމުގެ ސަބަބުން [އޭނާ އަށް] ވަނީ ސިއްހީ ގޮތުން ވަރަށް ނޭދެވޭ އަސަރުތަކެއް ކޮށްފައި" ކަމަށެވެ. ރާއިބު ވިދާޅުވީ ބަލިމީހާގެ ހުރި ހަމައެކަނި ދަރިފުޅު ހުރީ ބޭރުދަތުރުކުރަން ރާއްޖޭން ބޭރުގައި ކަމަށެވެ. އަދި އޭނާގެ ބަލަދުވެރިއަކު މާލޭގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. "މީގެ ކުރިން އެ މީހާ ބަލަމުން ދިޔައީ ބަލި މީހެއް. އެކަމަކު މިހާރު ބަލާނެ މީހަކު ނެތި އެތައް ދުވަހެއް ވެއްޖެ. މި ރަށުގެ މީހަކު އޭނާ އަށް ކާއެއްޗެހި ގެންގޮސްދޭ. ނަމަވެސް އޭނާ ބަލާނެ މީހަކު ނެތުމުން ސަބަބުން ސިއްހީ ހާލަތު ވަރަށް ބޮޑަށް ދަނީ ދަށްވަމުން. އެނދުގައި އެހެން އޮވެ އޮވެ، ބުރަކަށީގައި ފާރު ވެސް އުފެދިފައި އެބަހުރި،" ރާއިބު ވިދާޅުވި އެވެ. ކައުންސިލްގެ މެމްބަރު ޝަމްއޫން އިބްރާހިމް މިއަދު ވިދާޅުވީ ބަލިމީހާ ބަލާނެ އެހީތެރިޔަކު ހަމަޖެއްސުމުން ފަރުވާގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށް ސިއްހީ މަރުކަޒުން އަންގާފައިވާ ކަމަށެވެ. "އަޅުގަނޑުމެން ބުނެފައި އޮންނާނެ އަޅުގަނޑުމެން ބައެއް މުވައްޒަފުން އޮފީސް ވަގުތުގައި އެ މީހާ އަށް އެހީތެރިވުމުގައި އުޅޭނެ ކަމަށް. އެ މީހާއަކީ މަދަނައިގައި ރަޖިސްޓްރީ ވެސް ކޮށްފައިވާ މީހަކަށްވާތީ ބޭސްފަރުވާގެ ހަރަދުތައް ކުރެވޭނެ،" ޝަމްއޫން ވިދާޅުވި އެވެ. މިކަމާ ގުޅޭ ގޮތުން ސިއްހީ މަރުކަޒުގެ ބަހެއް ލިބޭނެ ގޮތެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ