ރާއްޖޭގައި އޮތީ އިސްލާމީ ވިސްނުމާއި ލާދީނީ ވިސްނުން: މައުމޫން

ރާއްޖޭގައި މިހާރު އޮތީ އިސްލާމީ ޤައުމީ ވިސްނުމަކާއި ލާދީނީ ޤައުމީ ވިސްނުމެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މަޢުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޔުމްނާ މަޢުމޫން އެމަޤާމުން އިސްތިޢުފާ ދެއްވުމާއި ގުޅިގެން އެކަމަނާ ޕާޓިއަށް ކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދާކުރުމުގެ ގޮތުން މިރޭ ބޭއްވި ފަރިއްކޮޅެއްގައި ވާހަކަ ދައްކަވަމުން މަޢުމޫން ވިދާޅުވީ އެ ދެވިސްނުމުގެ ތެރެއިން އިސްލާމީ އަދި ޤައުމީ ވިސްނުން ތަމްސީލު ކުރަނީ ޕީޕީއެމް އާއި އެޕާޓިގެ އުޞޫލުތަކަށް ތާޢީދު ކުރާ އެހެން ފަރާތްތަކުން ކަމަށެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތް ވާގޮތަށް، އެމަނިކުފާނު އިތުރަށް ވިދާޅުވީ ދެން މިރާއްޖޭގައި ތިބީ ސިޔާސީ ދެވަނަ ވިސްނުން ކަމަށްވާ ލާދީނީ، ޤައުމީ ވިސްނުމަށް ތާޢީދު ކުރާ މީހުން ކަމަށެވެ.
މައުމޫން ވިދާޅުވީ ލާދީނީ ފިކުރުގެ މީހުން މަސައްކަތް ކުރަނީ އެމީހުން ޤަބޫލުކުރާ ވަކި ކަހަލަ އުޞޫލުތަކެއް ރާއްޖޭގައި ޤާއިމް ކުރުމަށް ކަމަށާ، ނުވަތަ ރާއްޖެއަކީ ބޭރު ދުނިޔޭގެ ބައެއްގެ ގޮތުގައި ހެދުމަށް ކަމަށެވެ.
"ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައިއެމީހުން އެ އުޅެނީ ރާއްޖެއަކީ ކޮންމެސް ބޭރު ދުނިޔޭގެ ކޮންމެސް ޖަމާޢަތެއްގެ ބަޔަކަށް ހެދޭތޯ. އެހެން ކަހަލަ ސަޤާފަތްތަކެއް ރާއްޖެއަށް އެތެރެ ކުރެވޭތޯ. އަޅުގަނޑުމެންނާ ބީރައްޓެހި، ލާދީނީ ލާޤައުމީ ސަޤާފަތްތަކެއް ރާއްޖެ ގެނެވޭތޯ އެމީހުން މަސައްކަތް ކުރަނީ"، މަޢުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކަން މިހެން ހުރުމާއެކު ދިވެހިން މިއަދު މިކަމާ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ.
މިރޭގެ ފަރިއްކޮޅުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި މަޢުމޫންގެ ކޯއްކޯފުޅު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިތުރުން އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުންތަކެއް ވަނީ ބައިވެރި ވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ