ކޫއްޑޫއިން ވަޒީފައިން ވަކިކުރި މީހުންގެ ހައްގުތައް ހޯދާ ދިނުމަށް ވިލިގިލީ ކައުންސިލުން ގޮވާލައިފި

އައްޑޫ ސިޓީގެ ހިތަދޫގައި 40 ޓަނުގެ މަސް ފެކްޓްރީއެއް އަޅަން ކޫއްޑޫ ފިޝަރީޒް ކުންފުނިން ނިންމުމާއި ގުޅިގެން އެކުންފުންޏާއި ދެކޮޅަށް މުޒާހަރާ ކުރި 10 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާތީ އެމައްސަލާގައި ހައްލެއް ހޯދާ ދިނުމަށް ވިލިގިލީ ކައުންސިލުން ސަރުކާރަށް ގޮވާލައިފިއެވެ.
ސީއެންއެމަށް ދެއްވި ބަސްދީގަތުމެއްގައި ވިލިގިލީ ކައުންސިލްގެ ރައީސް ސައުދު ހުސައިން ވިދާޅުވީ ކޫއްޑުގައި މަސައްކަތް ކުރަމުންދާ ވިލިގިއްޔަށް ނިސްބަތްވާ ދިހަ މުވައްޒަފަކު އެކުންފުނީގެ ވަޒީފާއިން ވަކިކޮށްފައިވަނީ އިންސާފުވެރިކަމާ އެކު ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެކަންތައްތައް ބަލަން ޖެހޭ ކަމަށެވެ.
"މިއީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ކުންފުނިން ހިނގި ހުދުމުހުތާރު އަމަލެއް، މިކަންތައްތައް އެޗްއާރުސިއެމުން ވެސް ޖެހޭނެ ބަލަން" ސައުދު ހުސައިން ވިދާޅުވިއެވެ.
ކޫއްޑޫގައި މުޒާހަރާކޮށް ކުންފުނީގެ މަސައްކަތްތަކަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ދިހަ މީހަކު ވަޒީފައިން ވަކިކޮށްފައިވާ މައްސަލައިގެ ތެރެއަށް ސަރުކާރުން ވަންނަން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށާއި ރައްޔިތުންގެ އިހުސާސްތަކާއި ދެކޮޅަށް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކުން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ މުޒާހަރާ ކުރުމުގެ ސަބަބުން ކުންފުންޏަށް ގެއްލުން ވެފައިވާ ކަމަށް ކުންފުނީގެ މެނޭޖުމެންޓުން ބުނަމުންދަނީ އޮޅުވާލުމަށް ކަމަށާއި ކުންފުނީގެ ވިޔަފާރި މުއާމަލާތްތައް ބަރާބަރަށް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
"18 ނޮވެމްބަރުގައި 78 ޓަނު، 19ގައި 77 ޓަނު،20 ގައި 49 ޓަނު، 21ގައި 75 ޓަނު، 22 ގައި 70 ޓަނު، ކޮބައިތޯ ހުއްޓިފައި، ހުއްޓިފައިވާ ކަމަށް ގަބޫލެއް ނުކުރެވޭ" ސައުދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ