އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެހީތެރިވުމަށް އދ.ގެ ޓީމެއް އަންނަނީ

އަންނަ އަހަރުގައި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް އެހީތެރިވެ ދިނުމުގެ ގޮތުން އދ.ގެ ޓީމެއް މާދަމާ ރާއްޖެ އަންނާނެކަމަށް އެޖަމާއަތުގެ ރާއްޖެ އޮފީހުން ބުނެފިއެވެ.
ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ އިންތިހާބަށް އެހީތެރިވުމަށް ރާއްޖޭ އަންނަ ޓީމުގައި އިސްކޮށް ހުންނަވާނީ އެސިސްޓެންޓް ސެކްރެޓަރީ ޖެނަރަލް ފޯ ޕޮލިޓިކަލް އެފެއާޒް އޮސްކާ ފެނާންޑޭޒް ޓަރަންކޯއެވެ.
މި މަހުގެ ތިނަކުން ފަހަކަށް ފެނާންޑޭޒް ރާއްޖެއަށް މި ކުރައްވާ ދަތުރުގައި އޭނާއާއި އެއްކޮށް އިލެކްޓޯރަލް އެކްސްޕާޓުންގެ ޓިމެއްވެސްވެސް ރާއްޖެ އަންނާނެ ކަމަށްވެސް މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
ފެނާންޑޭޒްގެ މި ދަތުރުުގައި ސަރުކާރުގެ އިސް ވެރިންނާއި، ސިޔާސީ ޕާޓިތަކުގެ އިސް ލީޑަރުންނާއި ބައްދަލު ކުރައްވާނެ ކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ. އަދި ރާއްޖެ ޑިމޮކްރަސީއަށް ކުރަމުން ގެންދާ ދަތުރުގައި އިތުރަށް އެހީތެރި ވެދެވޭނެ ގޮތަތައްވެސް ފެނާންޑޭޒްގެ މި ދަތުރުގައި ބައްލަވާނެ ކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ