އެމްޑީޕީން ރިޝްވަތުގެ ގޮތުގައި އައް މިލިއަން ޑޮލަރު ހުށަހެޅި: ގާސިމް

އެމްޑީޕީން ރިޝްވަތުގެ އައް މިލިއަން ޑޮލަރު ހުށަހެޅުއްވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ކެމްޕޭން މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރި މާފަންނު ކުނޫޒުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ގާސިމް އިބްރާހީމް މިއަދު ވަނީ އެމްޑީޕީއަށާއި، ޖުމްހޫރީ ޕާޓީގެ އިސް ސަފުގައި ތިއްބެވުމަށްފަހު މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބައެއް ބޭފުޅުންނަށް ވަރުގަދައަށް ފާޑު ވިދާޅުވެފަ އެވެ.
އެމްޑީޕީން ރިޝްވަތު ދިނުމުގެ ގޮތުގައި ފައިސާގެ ހުށަހެޅުންތައް ހުށަހަޅަމުން ގެންދިޔަ ކަމަށާއި، އައް މިލިއަން ޑޮލަރުގެ ހުށަހެޅުން ހުށަހެޅީ އިއްޔެގެ ވަގުތެއްގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެއީ ﷲ ގަންދީ ވިދާޅުވާ އެއްޗެއް ކަމަށާއި ބްލެކްމެއިލް ކުރުމަށާއި އަދި ބިރު ދެއްކުމުގެ ގޮތުންވެސް ތަފާތު ކަންކަން ކުރިކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރިޝްވަތުގެ ގޮތުގައި ކިތަންމެ ބޮޑު އަދަދަކުން ފައިސާ ހުށަހެޅުއްވި ނަމަވެސް އެފަދަ ފައިސާއެއްގައި ދުވަހަކުވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނަށް ކުޑަވެސް ލޮޅުމެއް އެރިއަށް ނުދެއްވާނެ ކަމަށެވެ.
އެމްޑީޕީން ރިޝްވަތު ހުށަހެޅުއްވި ކަމަށް ވިދާޅުވި ނަމަވެސް ގާސިމް އިބްރާހީމް ވިދާޅުވީ މިވަގުތު އެކަމުގެ އިތުރު ތަފްސީލް ހާމަކުރަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް ހާމަކުރަންޖެހޭ ހިސާބަށް ދިއުމުން ހާމަކުރައްވާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އިސް މަގާމުތަކެއްގައި ތިއްބެވި އެޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު އިބްރާހީމް ދީދީއާ، ޖޭޕީގެ ކައުންސިލް މެންބަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. މުހައްމަދު ޝަމްހީދާއި ޖޭޕީގެ ތަރުޖަމާން އަދި ކައުންސިލް މެންބަރު މޫސާ ރަމީޒު މިއަދު އެމްޑީޕީއަށް ސޮއިކުރެއްވުމާއި ގުޅިގެން އެބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގާސިމް އިބްރާހީމް ތަކުރާރުކޮށް ވިދާޅުވީ އެބޭފުޅުން އެމްޑީޕީއަށް ގެންދިޔައީ "ގަނެގެން" ކަމަށެވެ. އަދި ޑރ. ދީދީ އަކީ އެމްޑީޕީން ޖޭޕީއަށް "ޖާސޫސް' ކުރަން ފޮނުވާފައި ހުރި "ޖާސޫސެއް" ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއާ އެމަނިކުފާނަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅުންނާ އަދި މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޖޭޕީގެ އިސް ބޭފުޅުންގެ ހަގީގަތްތައް ހާމަކުރަންޖެހޭ ހިސާބަށް ދިއުމުން ހާމަކުރާނެ ކަމަށެވެ.
ގާސިމް އިބްރާހީމްގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހީމް ސިޔާދު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ކަމަށް ސޯޝަލް މީޑިއާގައި އެމްޑީޕީގެ ބައެއް ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކަތައް ދޮގުކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލަކު އެކަހަލަ ކަމެއް ނުކުރައްވާނެ ކަމަށާއި، އެމަނިކުފާނުގެ ބޭފުޅުންނަށް އެމްޑީޕީއާ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ހަގީގަތް ވަރަށް ރަގަޅަށް އިގޭނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ބޭފުޅުންނާއި ގުޅުވައިގެން އެފަދަ ވާހަކަތައް ނުދެއްކެވުމަށްވެސް ގާސިމް އިބްރާހީމް މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މުހައްމަދު ނަޝީދަކީ އެމަނިކުފާނުގެ ރަހްމަތްތެރިއެއް ކަމަށާއި، ނަމަވެސް އަމިއްލަ ދަރިއަކު ކުރި ނަމަވެސް ގޯސް ކަމެއް ގޯސްވާނެ ކަމަށާއި، އުސޫލުން ބޭރުން ކަންކަން ކުރާނަމަ އެކަމާއި ދެކޮޅަށް ތެދުވެ އަޑު އުފުލާނެ ކަމަށެވެ. އެމްޑީޕީން ވެރިކަމަށް އައިސްފިނަމަ މިތަނުގައި ތަޅާފޮޅުމާއި ލޭއޮހޮރުވުން އިތުރުވެ މިތަން ފުނޑުފުނޑުވެގެންދާނެ ކަމަށާއި، އެމްއެންޑީއެފާއި ފުލުހުން އަދި ޖުޑިޝަރީ ނެތިކޮށް ފަނާކޮށްލުމަށް އެމީހުން މަސައްކަތް ކުރާ ކަމަށެވެ. އެވާހަކަތައް މިއަދު ވިދާޅުވީ އެވާހަކަތައް ވިދާޅުވާން ޖެހޭ ހިސާބަށް ކަންކަން މަޖުބޫރުވުމުން ކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށާއި، ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހުއްޓުވާ ނަޝީދުގެ ދިފާއުގައި ބޭރު އުޅޭތީ އެކަމުގައި ސުވާލުވެސް އުފައްދަވާފަ އެވެ.
ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ނަޝީދު ވެރިކަމަށް ގެނައުމަށް ބޭރުގެ ފަރާތްތަކުން ހަރަދުކުރުމުގެ ބަދަލުގައި އެފައިސާ ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއަށް ޖަމާކޮށްދިނުން ވެސް މާ ރަގަޅު ކަމަށެވެ. މިގައުމުގެ ރައްޔިތުން ދުވަހަކުވެސް ނަޝީދަކަށް ވޯޓް ނުދެއްވާނެ ކަމަށާއި، އަދި ނަޝީދަށް ވޯޓް ދެއްވައިފިނަމަ މިގައުމުގެ އިސްތިގުލާލަށް އަސަރުކޮށް ދިވެހިންގެ ހަރުމުދާތައް ވިއްކާލާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަކީ އެންމެ ފުރިހަމަ މީހާ ނޫން ކަމަށާއި އެކަމަކު މިހާރު ތިއްބެވީ ދެ ކެންޑިޑޭޓުން ކަމުން އެ ދެ ކެންޑިޑޭޓުންގެ ތެރެއިން ޔާމީނާއި ނަޝީދާއި ދެމެދު ސުމަކާއި ހާހުގެ ތަފާތު ހުރި ކަމަށެވެ. ގާސިމް ވިދާޅުވީ ނަޝީދަށް ވެރިކަން ލިބިވަޑައިގެންފިނަމަ ދެންވެސް މިގައުމުގެ ހަރުމުދާތައް ވިއްކާލާނެ ކަމަށް ނަޝީދު ވިދާޅުވާ ކަމަށާއި، ނަމަވެސް ޔާމީންއަށް ވެރިކަން ލިބިވަޑައިގެންފިނަމަ މިގައުމުގެ ހަރުމުދާތައް ނުވިއްކާނެ ކަމުގެ ޔަގީންކަން ޔާމީން ލިޔުމުން ދެއްވާފައިވާ ކަމަށެވެ.
ގާސިމް އިބްރާހީމް ވަރަށް އާދޭހާއެކު މިއަދުވެސް ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަމާއި ދިވެހިންގެ ހަރުމުދާތައް ހިމާޔަތްކުރުމަށްޓަކައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއަށް ވޯޓް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނުގެ އެހީ ލިބިވަޑައިގެންނެވި އެއްވެސް ބޭފުޅަކު އެމަނިކުފާނަށް ކަމެއް ކޮށްދެއްވާނަމަ ޔާމީނަށް ވޯޓް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީގެ ތާއީދު ހޯދުމަށް އެމްޑީޕީއާ ޕީޕީއެމުން ހުށަހެޅި ޕްރޮޕޯސަލް ނޫސްވެރިންގެ މިއަދު ބައްދަލުވުމުގައި ގާސިމް އިބްރާހީމް ވަނީ އެމަނިކުފާނުގެ އަތްޕުޅުން ނޫސްވެރިންނަށް ދައްކާލައްވާފަ އެވެ. އެމްޑީޕީގެ ޕްރޮޕޯސަލްގައި އެންމެ ގަނޑެއް އޮތް ނަމަވެސް ޕީޕިއެމްގެ ޕްރޮޕޯސަލް އޮތީ ފުރިހަމައަށް ތައްޔާރުކުރެވިފަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ ތާއީދަށް އެދި އެމްޑީޕީ އާއި ޕީޕީއެމުން ހުށައެޅި ޕްރޮޕޯޒަލްތަކާ ބެހޭ ގޮތުން ގާސިމް އިބްރާހިމް ވިދާޅުވީ އެމްޑީޕީން ޖޭޕީ އަށް ހުށަހެޅި ޕްރޮޕޯޒަލްގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކުން 35 ޕަސެންޓް ދިނުމަށް ހުށައަޅާފައިވާ ކަމަށާއި ޕީޕީއެމުން ހުށަހެޅީ ސަރުކާރުގެ 33 ޕަސެންޓް ހިއްސާކުރުމަށް ކަމަށެވެ. މީގެ އިތުރުން މަޖިލީހާއި ކައުންސިލްތަކުން ވެސް ޖާގަދޭން ޕީޕީއެމުން ހުށަހެޅި ކަމަށާއި އެކަމަކު ޖޭޕީގެ ކައުންސިލުން ބަލާފައިވަނީ ލިބެން އޮތް ވަގުތީ މަންފާއަށް ވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ކަމަށް ގާސިމް ވިދާޅުވި އެވެ. މިކަންކަމަށް ރިއާޔަތްކޮށް ކައުންސިލުން ވޯޓު ދިނީމާ ދެން ގޮތް ނޭނގިގެން ހަގީގަތާ ޚިލާފަށް ވާހަކަދެއްކުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ