މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ސުލޫކް ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައި ނުވާ ކަމަށް އެކޮމިޓީން ބުނެފިއެވެ.
ނަން ހާމަކުރަން ނޭދޭ ކޮމިޓީގެ މެންބަރަކު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސުލޫކް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށްޓަކައި ތިން ފަހަރަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ކޮމިޓީގެ ބައްދަލުވުމެއް މިހާތަނަށް ބޭއްވިފައި ނުވަނީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ އެއްބާރުލުން ލިބިފައި ނުވާތީ ކޮމިޓީގެ ކޯރަމް ހަމަނުވެގެން ކަމަށް މެންބަރު ވިދާޅުވިއެވެ.
އަދި ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް މަޖިލީހުގެ ރިޔާސަތުގެ ލަފަޔަކަށް މިހާރު އެދިފައިވާނެ ކަމަށްވެސް ވީނިއުސްއަށް މައުލޫމާތު ދެއްވި ކޮމިޓީގެ މެންބަރު ވަނީ ވިދާޅުވެފައެވެ.
ސުލޫކް ކޮމިޓީގައި 11 މެންބަރުން ހިމެނިވަޑައިގަންނަވާއިރު، އެކޮމިޓީގައި އެންމެ ގިނައިން ހިމެނިވަޑައިގަންނަވަނީވެސް އެމްޑީޕީގެ މެންބަރުންނެވެ. އެމްޑީޕީގެ 4 މެންބަރުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާއިރު، ޕީޕީއެމްގެ 3 މެންބަރުން، ޑީއާރުޕީގެ 2 މެންބަރުން އަދި އަމިއްލަ 2މެންބަރުންވެސް މިކޮމިޓީގައި ހިމެނިވަޑައިގަންނަވާ،،
ރިޔާސީ ބަޔާނަށް މިދިޔަ އަހަރާއި މިއަހަރުވެސް އެމްޑީޕީން ޖަވާބު ދިނުމަށް ދެކެޅު ހަދަމުންދާއިރު، އެޕާޓީން ބުނެފައިވަނީ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބުދޭން ޖެހޭ ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 25 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ކޮންމެ އަހަރަކުމެ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމުން އެވަގުތު މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވާ ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީ ތަކުގެ ފަރާތުން މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަންވާނެ ކަމަށެވެ.
އަދި ރިޔާސީ ބަޔާނަށް ދޭ ޖަވާބު ރިޔާސީ ބަޔާން އިއްވާތާ ސާދަ ދުވަހުގެ ތެރޭގައި ދޭންވާނެ ކަމަށް މަޖިލީހުގެ ޤަވައިދުގެ ފަންސަވީސް ވަނަ މާއްދާގެ (ބ) ގައި ވަނީ ބުނެފައެވެ.
ރިޔާސީ ބަޔާނަށް ޖަވާބުދިނުމުގެ މައްސަލަ ދިރާސާ ކުރާ ކޮމިޓީގެ ބައްދަލަވުމެއް ނުބޭއްވުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ