ސިވިލް ކޯޓުން އުސްފަސްގަނޑު ހަވާލުކުރުމަށް ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފި

އެމްޑީޕީން ސިޔާސީ ހަރަކާތްތަކެއް ހިންގަމުންގެންދާ އުސްފަސްގަނޑު ސަރަހައްދު ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ.
ހައިކޯޓުން މިގޮތަށް ހުކުމް ކޮށްފައި މިވަނީ އުސްފަސްގަނޑު ހަތް ދުވަހުގެ ތެރޭގައި ހުސްކުރުމަށްފަހު ހައުސިން މިނިސްޓްރީއާއި ހަވާލުކުރުމަށް ސިވިލް ކޯޓުން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ކުރި ހުކުމާ މެދު ހިތްހަމަނުޖެހިގެން ކައުންސިލުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.
ދަށު ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލްކުރީ ދަށު ކޯޓުން އުސްފަސްގަނޑުގެ މައްސަލައިގައި ހުކުމްކުރިއިރު ޝަރީއަތުގައި ރިއާޔަތް ކުރަންޖެހޭ ކަންކަމުގެ ތެރެއިން ބައެއް ކަންތައްތަކަށް ރިއާޔަތް ނުކޮށް ހުކުމްކޮށްފައިވާތީ ކަމަށް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފައެވެ.
އެގޮތުން އުސްފަސްގަނޑު ނެގުމަށް ހައުސިން މިނިސްޓްރީން ނިންމީ ވަޒީރުންގެ މަޖިލީހުން ނިންމައިގެން ކަން ސިވިލް ކޯޓުގެ ހުކުމުން އިގޭ ކަމަށާ، ނަމަވެސް ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދުގައި ކައުންސިލަކަށް ދޫކޮށްފައިވާ ބިމެއް އަނބުރާ އަތުލެވޭނީ ވަކި ސަބަބުތަކެއް އޮވެގެން ކަމަށް އެ ގަވާއިދުގައި ބުނާ ކަމަށް ހައިކޯޓުގެ ހުކުމްގައި ބުނެއެވެ. ނަމަވެސް ދަށު ކޯޓުން ހުކުމްކުރިއިރު ވަޒީރުންގެ މަޖިލީހުން އުސްފަސްގަނޑުގެ މައްސަލަ ވަކިގޮތަކަށް ނިންމާފައިވަނީ ޤަވައިދުގައި ބުނާ ސަބަބުތަކަށް ބެލުމަށްފަހުގައިތޯ ބަލާފައިނުވާތީ ދަށު ކޯޓުން ކޮށްފައިވާ ހުކުމް ރަގަޅު ނޫން ކަމަށް ހައިކޯޓުގެ ހުކުމްގައި ބުނެއެވެ.
ސިވިލް ކޯޓުގެ ހުކުމް ބާތިލްކުރުމަށް ހައިކޯޓުން މިއަދު ހުކުމްކުރި ނަމަވެސް ސިވިލް ކޯޓުގެ ހުކުމްގައި މާލެ ސިޓީ ކައުންސިލުން ޤަވައިދާ ޚިލާފަށް އުސްފަސްގަނޑު ބޭނުންކޮށްފައިވާ ކަމަށް ބުނެ ހުކުމްގައި ހިމަނާފައިވާ ކަންކަމަށް ހައިކޯޓުގެ ހުކުމްގައި ވަނީ ތާއީދުކޮށްފައެވެ.
ހައިކޯޓުގެ ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރު ރިޔާސަތު ބެއްލެވި މިމައްސަލައިގައި ދަށު ކޯޓުގެ ހުކުމް ބާތިލްކުރުމަށް ނިންމީ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
އުސްފަސްގަނޑުގެ މައްސަލައިގައި ހައިކޯޓުން ވަކިގޮތެއް ނިންމަންދެން އުސްފަސްގަނޑު ހިމެނޭ ސަރަހައްދު ފުލުހުންގެ ބެލުމުގައި ދަށުގައި ބޭއްވުމަށް ހައިކޯޓުން މީގެ ކުރިން ކޮށްފައިވާ އަމުރު ހައިކޯޓުން މިއަދު ކުރި ހުކުމާއި ގުޅިގެން ނިމުމަކަށް އަންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ