އެއާޕޯޓް އަލުން ހޯދަން މަޖިލިސް ތެރެއިން ޖީއެމްއާރުން މަސައްކަތްކުރޭ: އިއްތިހާދު

ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ޖީއެމްއާރުން ނުފޫޒު ފޯރުވައި އެއާޕޯޓް އަނބުރާ ހޯދުމަށް އެ ކުންފުނިން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މަދަނީ އިއްތިހާދުން މިއަދު ތުހުމަތުކޮށްފި އެވެ. ނަލަހިޔާ ހޮޓަލުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވީ އެއާޕޯޓް މިނިވަންކުރުމުގެ މަސައްކަތް ނިމުނީ ކަމަށް މި މަހުގެ 7 ވަނަ ދުވަހުގެ ރެއިން ފެށިގެން އެ ޓީމުން ކަނޑައެޅި ނަމަވެސް، އެއާޕޯޓް އަނބުރާ ހޯދުމަށް ޖީއެމްއާރުން ގިނަ މަސައްކަތްތަކެއް ކުރާކަން އެނގިފައިވާ ކަމަށެވެ. މަޖިލީހުގެ މައްޗަށް ޖީއެމްއާރުން ނުފޫޒު ފޯރުވައި، އެ ކުންފުނީގެ "ކަޅު ފައިސާ"ގެ ބާރު މަޖިލީހަށް ދައްކަމުންދާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ. އެއާޕޯޓް ޖީއެމްއާރުން ހިންގުމާ ދެކޮޅު ސިޔާސީ ބަޔަކު މިހާރު ޖީއެމްއާރާ ގުޅެމުންދާ ކަމަށް ވެސް ގައުމީ ހަރަކާތުން ތުހުމަތުކުރި އެވެ. ނަމަވެސް އެއީ ކޮންބައެއްކަން އެ ޓީމުން މިއަދު ވިދާޅެއް ނުވި އެވެ. "އެ ބޭފުޅުން [ޖީއެމްއާރު]ގެ މިހާރުގެ ޕްލޭނަކަށް ވެފައި އޮތީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސަރުކާރު ނިމުމަކަށް ގެނެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް [އަބްދުﷲ ޝާހިދު]ގެ އަތްޕުޅު މައްޗަށް ސަރުކާރު ހިންގަން ގެންދިއުމަށް ފަހުގައި، އެ ހިސާބުން އަނެއްކާ ޖީއެމްއާރުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާނެ އިންތިޒާމް ހަމަޖެއްސުން،" އިމްރާން ވިދާޅުވި އެވެ. ޖީއެމްއާރުން މަޖިލީހުގެ މެމްބަރުންނަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ލިބިފައިވާ ހެއްކަކީ ކޮބައިތޯ ސުވާލުކުރުމުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަމީމް ވިދާޅުވީ އެ ކުންފުނިން "ނުފޫޒު ފޯރުވަމުންދާ ފަރާތްތަކުގެ ނަންތަކެއް ހާމަނުކުރެވޭނެ" ކަމަށެވެ. ނަމަވެސް އޭގެ އެއް ހެއްކަކީ ގައުމީ ހަރަކާތުގެ ޓީމަށް ވެސް ޖީއެމްއާރުން ފައިސާ ހުށަހަޅަމުން ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ. "އެހެންވީމަ އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އެހެން މީހުންނަށް ވެސް އޮފާތައް [ހުށަހެޅުންތައް] އަންނާނެ ކަމަށާއި މިކަމުގައި އެއް ދުވަހު އަޅުގަނޑުމެންނާ އެއްކޮޅަށް ވާހަކަ ދައްކާފައި އަނެއް ދުވަހު އަނެއްކޮޅަށް ވާހަކަ ދައްކަން މަޖުބޫރުވާ މަޖުބޫރުވުމަކީ ފައިސާގެ ނުފޫޒު ނެތް ކަމަކަށް ހަމަ ބުއްދިއަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ. އެހެންވީމަ ސާބިތުކަމާ އެކު އަޅުގަނޑުމެންނަށް ދަންނަވާލަން ކެރެނީ މިއީ ހަމަ ޖީއެމްއާރުން އޮއްސަމުންދާ ފައިސާ އާއި ނުފޫޒުގެ ބާރުންނޭ މިހާ ހިސާބަށް ފިތުނަފަސާދަވެފައި ވަނީ،" ޝަމީމް ވިދާޅުވި އެވެ. އިމްރާން ވިދާޅުވީ ގައުމީ ހަރަކާތުގެ ބައިވެރިންގެ ގާތަށް ވެސް "ޖީއެމްއާރުގެ ފަރާތުން މީހުން ފޮނުވައި ކޮންމެ މީހެއްގެ ވެސް އަގެއް އޮންނާނެ ކަމަށް" ބުނެފައިވާ ކަމަށެވެ. ނަމަވެސް މި ދުނިޔޭގައި އެ އަގު ޖީއެމްއާރަށް ނުދެވޭނެ ކަމާއި އެ ހަރަކާތް މިނަނީ އެހެން މިންގަނޑަކުން ކަމަށް ގައުމީ ހަރަކާތުން ބުނެފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އިމްރާން ވިދާޅުވި ގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ޖީއެމްއާރުން އެއާޕޯޓް ހަވާލުކުރިކަމުގެ ރަސްމީ ލިއުމެއް ވެސް އެ ކުންފުނިން ދީފައެއް ނުވެ އެވެ. އަދި ތިން މަސް ދުވަހުގެ ތެރޭގައި އަލުން އެއާޕޯޓާ ހަވާލުވާނެ ކަމަށް ތަފާތު މުނާސަބަތުތަކުގައި ޖީއެމްއާރުން ބުނަމުން އަންނަ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އަދި ޖީއެމްއާރު އަލުން އަނބުރާ ގެންނާނެ ކަމަށް އެމްޑީޕީން ބުނަމުންދާ ދިއުމަށް ވިސްނައި ދިރާސާތައް ގައުމީ ހަރަކާތުން ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "...އަޅުގަނޑުމެންގެ ޓީމުން ކުރި މަސައްކަތުން އެނގިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވަރަށް ވަރުގަދަ ހަރަކާތްތަކެއް ފެށިގެން، ކުރީގައި މިކަމުގައި ޝާމިލް ނުވާ އެތައް ބަޔަކު ވެސް ހިމެނިގެން ރައްޔިތުންގެ މަޖިލީސް ތެރޭގައި ހިންގޭ ހަރަކާތްތަކެއްގެ ތެރެއިންލާފައި ޖީއެމްއާރު ގެނައުމަށް މަސައްކަތް ކުރަމުންދާކަން،" އިމްރާން ވިދާޅުވި އެވެ. އިމްރާން ވިދާޅުވީ އެއާޕޯޓް ހިންގުން ޖީއެމްއާރާ އަލުން ހަވާލުކުރަން މަޖިލީހުން މަސައްކަތްތަކެއް ކުރަމުންދާތީ ގައުމީ ހަރަކާތުން އަނެއްކާ ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މޫސުން ތަންދޭނަމަ މި ރެއިން ފެށިގެން "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" ހޯދައިދިނުމުގެ އެއްވުން ކުރިއަށް ގެންގޮސް، މި މަހުގެ 28 ގައި ބޮޑު އެއްވުމެއް ބާއްވާން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ ރާއްޖެ އަށް އޮޕަރޭޓްކުރާ އެއާލައިންތަކާއި ޖީއެމްއާރުން ގުޅައި އެ މީހުން އެނބުރި އަންނާނެ ކަމަށް ކުންފުނިން ބުނަމުންދާ ކަމަށެވެ. އަދި ޖީއެމްރާއޯ ސޮއިކޮށް އެއާލައިންތަކަށް ފޮނުވަމުންދާ ކަމަށް ބުނާ ސިޓީއެއް ގައުމީ ހަރަކާތުން ވަނީ މީޑިއާތަކާ ހިއްސާކޮށްފަ އެވެ. އެ ކުންފުނިން އެއާޕޯޓް ހިންގަން ހަވާލުވި ގޮތާއި އެއާޕޯޓަށް ހޯދާދީފައިވާ ކުރިއެރުންތައް ވެސް ސިޓީގައި ހިމަނާފައިވެ އެވެ. އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝައިޚް މުހައްމަދު ދީދީ ވިދާޅުވީ އެއާޕޯޓް ދިވެހިންގެ އަތުން ބީވެގެން ދިއުމުގެ ބިރު އަނެއްކާ ވެސް ހީވެފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރުމަށް ޖީއެމްއާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ. "ކުރިން އަޅުގަނޑުމެން އެއާޕޯޓް ހޯދުމަށް ކުރި މަސައްކަތްތަކަށް ވުރެ މާބޮޑެތި މަސައްކަތްތަކެއް މިހާރު މިވަނީ ކުރަން ޖެހިފައި. އެއީ ކުރިން މިކަމުގައި ޝާމިލްނުވާ، އެތައް ފަރާތްތަކެއް މިހާރު ދަނީ ބައިވެރިކުރަމުން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ