ފުލުހުން އެކަށީގެން ނުވާ ވަރަށް ބާރުގެ ބޭނުންކުރުމުން އެތައް ބައެއްގެ ހައްގު ގެއްލުނު: އެޗްއާރުސީއެމް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބުރުއަރީ 7 ގައި ބަދަލުވުމާ ގުޅިގެން، ޖެހިގެން އައި ދުވަހު އެމްޑީޕީން މާލެ އާއި އަތޮޅުތަކުގައި ކުރި މުޒާހަރާގައި ފުލުހުން އެކަށީގެން ނުވާ މިންވަރަކަށް ބާރުގެ ބޭނުންކުރުމުން އެތައް ބައެއްގެ އިންސާނީ ހައްގުތައް ގެއްލުނު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ. ފެބުރުއަރީ 8 ވަނަ ދުވަހު ހިނގައިދިޔަ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ތަހުގީގުކުރުމަށް ފަހު އެކުލަވާލާފައިވާ ރިޕޯޓުގެ ބައެއް މީޑިއާ އަށް ހިއްސާކުރައްވައި އެ ކޮމިޝަނުގެ ރައީސާ މަރިޔަމް އަޒުރާ ވިދާޅުވީ ފެބުރުއަރީ 8ގެ އެއްވުން ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނާއި ގަވާއިދުތަކާއި ރާއްޖެ ސޮއިކޮށްފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާ ހިލާފަށް ހާލަތާ އެކަށީގެން ނުވާ މިންވަރަކަށް ކަމަށެވެ. އެހެންވެ، އެއްވުންތައް ރޫޅާލުމުގައި، ގާނޫނު އަސާސީ އާއި ސޮއިކޮށްފައިވާ އެހެން މުއާހަދާތަކުގައި ބަޔާންކޮށްފައިވާ ގޮތަށް، ސަލާމަތީ ބާރުތަކުން އަމަލުކުރުމަށާއި ފުލުހުންނަށް ދޭން ޖެހޭ ތަމްރީނުތައް ދެމެހެއްޓެނިވި ގޮތެއްގައިދީ އިސްލާމީ ރިވެތި އަހްލާގާއި އިންސާނީ ޝަރަފާއި މީހުންގެ ގަދަރަށް ހުރުމަތްތެރިކޮށް ހިތައިގެން ސަލާމަތީ ބާރުތަކުން އަމަލުކުރަން ޖެހޭނެ ކަމަށް ރިޕޯޓުގައި ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެޗްއާރުސީއެމުން ބުނީ 8 ވަނަ ދުވަހު އައްޑޫން ހައްޔަރުކުރި ބައެއް މީހުންނާ ދޭތެރޭ އަނިޔާވެރި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތައް ހިންގާފައިވާ ކަމަށް ކޮމިޝަނުގެ ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ލިބެންޖެހޭ އަސާސީ ބައެއް ހައްގުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދީފައި ނުވާކަން ވެސް ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށް އަޒުރާ ވިދާޅުވި އެވެ. "އަދި ބަންދުގައި މީހުން ބޭތިއްބުމަށް ހަމަޖެހިފައިވާ އިމާރާތްތަކާއި ސަރަހައްދު ރޯކޮށްލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ބަންދުގައި ތިބި މީހުންނަށް ގާނޫނުން ލާޒިމްކުރާ ހައްގުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ވެސް ފޯރުކޮށްދީފައި ނުވާކަން ވެސް ތަހުގީގަށް ފާހަގަކުރެވިފައިވޭ،" ރިޕޯޓް މީޑިއާ އަށް ހިއްސާކުރައްވަމުން އަޒުރާ ވިދާޅުވި އެވެ. އެޗްއާރުސީއެމުން ބުނިގޮތުގައި އައްޑޫގައި ހުރި ތަންތަނުގައި ރޯކޮށް އިއާދަނުކުރެވޭވަރުގެ ގެއްލުންދީފައިވާތީ، ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ގިނަ ހައްގުތައް ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިކަން ތަހުގީގަށް ފާހަގަކުރެވެ އެވެ. އަދި އައްޑޫން ހައްޔަރުކުރި މީހުން ބަޔަކު ކޯސްޓުގާޑަށް އަރުވައިގެން ތަޅައި އަނިޔާކުރި ކަމަށް އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކަކީ ހަގީގަތެއް ހުރި ޝަކުވާތަކެއް ނޫން ކަން އެނގިފައިވާ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ. މުޒާހަރާގައި މާލެ އާއި އައްޑޫގެ އިތުރުން ވެސް އެހެން ރަށްތަކުގައި ހުރި އިމާރާތްތަކުގައި ހުޅުޖަހައި ކަންތައްތަކެއް ހިންގާފައިވާއިރު އެ ރަށްތަކުގެ ކަންކަން ތަހުގީގު ކޮށްފައި ނުވޭތޯ ނޫސްވެރިން ސުވާލުކުރުމުން ކޮމިޝަނުން ބުނީ އެ ދުވަސްވަރުގެ ހާލަތު ހުރިގޮތުން ޓީމު ފޮނުވުނީ އައްޑު އަށް ކަމަށެވެ. ނަމަވެސް ތަހުގީގު ރިޕޯޓް އެކުލަވާލާފައި ވަނީ ހުރިހާ ރަށެއްގައި ހިނގި ކަންކަން ބެލުމަށް ފަހު، ހިނގާފައިވާ ހާދިސާތަކަށް ވެސް އަލިއަޅުވާލައިގެން ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ