އަޔެޔަވާދީގެ މައްޗަށް ކޮންޓްރޯލް ހޯދާ ނިއު އިން މެޗު އެއްވަރުކޮށްފި

އޭއެފްސީ ކަޕުގައި ރާއްޖޭގެ ނިއު ރޭޑިއަންޓާއި މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑް މިއަދު މިޔަންމާގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ. މި ނަތީޖާއާ އެކު ނިއު އޮތީ ހަތަރު ޕޮއިންޓާ އެކު ގްރޫޕް އެޗްގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ އިންޑޮނީޝިއާގެ ޕާސިބް ބަންޑުން އެވެ. އަޔެޔަވާދީ އޮތީ މި މެޗުން ލިބުނު ޕޮއިންޓާ އެކު ހަ ޕޮއިންޓް ހަމަކޮށް ދެ ވަނައިގަ އެވެ. ފުލުގައި އޮތީ އެއް މެޗު މަދުން ކުޅެފައިވާ ލާއޯސްގެ ލާއޯ ޓޮޔޯޓާ އެފްސީ އެވެ. އެ ޓީމަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މާލޭގައި އަޔެޔަވާދީ އަތުން 3-0 އިން ބަލިވި ނިއު ވަނީ މިއަދުގެ މެޗުގައި އަޔެޔެވާދީގެ މައްޗަށް ކޮންޓްރޯލް ހޯދައި މުޅި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މާލޭގައި ބަލިވި މެޗުގައި ކޯޗުކޮށްދިން ބޮސްނިއާގެ އާމިރު އަލަގިޗް ވަކިވެފައިވާތީ، ސީނިއާ ކުޅުންތެރިޔާ ސޮބާހް މުހައްމަދުގެ އިރުޝާދުގެ ދަށުން ކުޅުނު ނިއު އިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ހޯދައިފަ އެވެ. މެޗު ފަަށައިގެން ހަތަރު ވަނަ މިނެޓުގައި ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް ލަނޑު ޖަހާނެ ހުސް ފުުރުސަތެއް ލިބުނެވެ. އަޔެޔަވާދީގެ ޑިފެންޑަރެއްގެ އަތުން ދޫވި ބޯޅަ، އޭރިއާ ތެރޭ ހުސްކޮށް ހުރި ހަމްޕު ފޮނުވާލުމުން ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ނިއުގެ މިޑްފީލްޑަރު ވިލިއަމް މެކޯ އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ. ދެ ވަނަ ހާފުގެ 66 ވަނަ މިނެޓުގައި އަޔެޔެވާދީގެ ކުޅުންތެރިއަަކަށް ރަތްކާޑު ދެއްކުމުން ދެ ވަނަ ހާފުގެ ބޮޑުބައި އެ ޓީމުން ފުރިހަމަކުރީ އެކަކު މަދުކޮށެވެ. މި ހާފުގައި އެ ޓީމުން ފޮނުވާލި ހަމަލައެއް ނިއުގެ ގޯލް ދަނޑި އަށް އަމާޒުވި އެވެ. އޭގެ ފަހުން ނިއު އަށް ހުސް ތިން ފުރުސަތެއް ލިބުނެވެ. އެގޮތުން އަކްރަމް އަބްދުލްގަނީ ފޮނުވާލި ބޯޅައެއް، ނިއުގެ އަހުމަދު ސުހެއިލް (ބަމްޕުޗް) ފައިގައި ޖެހިފައި ގޯލަށް ވަންނަން ދަނިކޮށް ބޭރުވީ އަޔެޔަވާދީ ކުޅުންތެރިއެއްގެ ފައިގައި ޖެހިފަ އެވެ. އޭގެ ފަހުން އަހުމަދު އަބްދުﷲ (ލިލީ) ނެގި ހުރަހެއް ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ބޮލުން ޖެހުމުން ގޯލް ދަނޑި ކައިރިން ބޭރަށް ދިޔައިރު، ބަމްޕުޗް އަށް އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލް ދަނޑި މަތިންނެވެ. ޑިސެމްބަރު މަހު ކުރި އޮޕަރޭޝަނަކަށް ފަހު ކުޅުމާ ދުރުގައި ހުރި ނިއުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) މި މެޗުގެ ދެ ވަނަ ހާފުގައި ކުޅެން އެރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ