ހައްޖު ފައިސާ އަށް ހިޔާނަތްތެރިވި ފަތުހު ކުންފުނީގެ އިސް ވެރިންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ހައްޖަށް ދިއުމަށް ފަތުހް ކުންފުންޏާ ހަވާލުކުރި ގިނަ އަދަދެއްގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ އިސް ވެރިންގެ މައްޗަށް ދައުވާކުރަން ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. އެ މައްސަލަ ތަހުގީގުކޮށް ނިންމައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާކުރަން އެދިފައިވާ ކަން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވެސް ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ދައުވާ ކުރަން ފޮނުވީ، ކުންފުނީގެ ވެރިޔާ އަދި އެ މައްސަލާގައި ހައްޔަރުކުރި މ. އެކްސެލް، މުސްތަފާ މުހައްމަދު ދީދީ އާއި އޭނާގެ އަންހެނުން، ހ. ސިއްކަގޭ ހުޅަނގުބައި، މަރިޔަމް ރަޝީދާ އިބްރާހީމާއި އޭނާގެ ފިރިހެން ދަރިފުޅު، މ. އެކްސެލް، އިބްރާހީމް ސުވައިދުގެ އިތުރުން މުސްތަފާގެ ދަނބިދަރިއެއް ކަމަށްވާ ދ. މީދޫ، މުސްތަރީގޭ މުހައްމަދު އަސްލަމްގެ މައްޗަށެވެ. އެނގިފައިވާ ގޮތުގައި މުސްތަފާގެ އިތުރުން މި ތިން މީހުންނަކީ ވެސް ކުންފުނީގެ ހިއްސާދާރުންނެވެ. އެ ކުންފުނީގެ ހަވާލުގައި ހައްޖަށް ދާން މިދިޔަ އަހަރު ފައިސާ ދެއްކި ގިނަ ބަަޔަކަށް އޮޅުވާލައި ފައިސާ އަށް ހިޔާނާތްތެރިވިކަން ފަޅާއެރީ ހައްޖަށް މީހުން ފުރަން ކައިރިވެފައިވަނިކޮށެވެ. އެކަން އެނގިގެން، އެ ފަރާތްތައް ހައްޖަށް ފޮނުވީ ސަރުކާރުގެ ހަރަދުގަ އެވެ. ފަތުހު ކުންފުންޏަށް އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ޖާގަ ދިނީ 125 މީހުން ހައްޖަށް ގެންދިއުމަށެވެ. އެކަމަކު އޭގެ އިތުރުން ވެސް ބޭރުގެ ކޯޓާގައި ހައްޖަށް ގެންދާނެ ކަމަށް ބުނެ ސަތޭކައެއްހާ މީހުންގެ އަތުން އެ ކުންފުނިން ވަނީ ފައިސާ ނަގައިފަ އެވެ. އޭގެ ތެރޭގައި ވީއަޕީ ޕެކޭޖު ވެސް ހިމެނޭ ކަމަށް ބުނެ ހައްޖުގެ އަގުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ތިން ގުނަ ބައެއް މީހުންގެ އަތުން ނަގާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ