އަމިއްލަ ގޮތުން ބައެއް މެމްބަރުން ވާދަކުރުމުން ޕީޕީއެމާއި ޖޭޕީ އަށް ގޮނޑިތަކެއް ގެއްލުނު: ގާސިމް
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޖުމްހޫރީ ޕާޓީން މަޖިލިސް އިންތިހާބުގައި ވާދަކުރި ދާއިރާތަކަށް އަމިއްލަ ގޮތުން ދެ ޕާޓީގެ މެމްބަރުން ވާދަކުރުމުން ގޮނޑިތަކެއް ގެއްލިފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ގާސިމް ވިދާޅުވީ އެ ޕާޓީ އަށް ދޫކުރި 28 ދާއިރާގެ ތެރެއިން ލިބޭނެ ކަމަށް އުއްމީދުކުރި 25 ގޮނޑީގެ ތެރެއިން ބައެއް ގޮނޑި ނުލިބުނީ އަމިއްލަ ގޮތުން ޕީޕީއެމްގެ މެމްބަރުންނާއި ޖޭޕީ މެމްބަރުން ވެސް ވާދަކުރުމުން ކަމަށެވެ. އެކަން އެގޮތަށް ނުވި ނަމަ އެ ޕާޓީ އަށް ގިނަ ގޮނޑިތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރަސްމީކޮށް ކެންޑިޑޭޓުން ނެރޭ ދާއިރާތަކަށް އަމިއްލަ ގޮތުން ވާދަކުރާ ދެ ޕާޓީގެ މެމްބަރުންނާ މެދު ފިޔަވަޅު އަޅާގޮތަށް ނިންމާފައިވީ ނަމަވެސް ދެ ޕާޓީއަށް ވެސް އެއްބަސްވިގޮތާ އެއްގޮތަށް އެކަން ކުރެވިފައި ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ގާސިމް (މ) ވާހަކަދައްކަވަނީ.--ހަވީރު ފޮޓޯ: މުހައްމަދު ވަހީދު "އަޅުގަނޑުމެންނަށް ފެނުނީ އަޅުގަނޑުމެންނަށް ދިން ސްލޮޓްތަކަށް ޕީޕީއެމުން ޗެލެންޖްކުރި ތަން. އޭގެ ފަހަތުން ވަރަށް ގާތްކޮށް އުޅެފައި އަދާލަތު ޕާޓީ ވެސް ނުކުތީ. އެ ބޭފުޅުން ވިދާޅުވީ އަޅުގަނޑުމެންނަށް ލިބުނު 28 ދާއިރާ އަށް ވާދަކުރާނަމޭ. އެކަމަކު އެ ބޭފުޅުން ހިތާވެގެން އުޅުނު މީހަކާ އަޅުގަނޑު ހިތާވެގެން ނޫޅެން. އަޅުގަނޑުމެންގެ ތެރެއިން އިސްކޮށް ތިއްބެވިި އެއްވެސް މީހަކު ހިއެއް ނުވޭ އެ ކަހަލަ ކަމެއް ކުރާހެނެއް،" ޖޭޕީ އަށް ގޮނޑިތައް ގެއްލެން ދިމާވި ސަބަބުތަކާ ގުޅޭގޮތުން ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި އަމިއްލަ ގޮތުން އިންތިހާބު ކާމިޔާބުކުރެއްވި ބޭފުޅުންނަކީ ވެސް ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމާ ގުޅުން ހުރި ބޭފުޅުން ކަމަށްވާތީ އެ ބޭފުޅުން ސަރުކާރު ކޯލިޝަނާ ގުޅިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރެވެ އެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގައި ސަރުކާރު ކޯލިޝަންގެ ހަތަރުބައިކުޅަ ތިން ބައިގެ އަޣުލަބިއްޔަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް މި ލިބުނު ފުރުސަތުގެ ބޭނުން ހިފަން ޖެހޭނީ އޭގެ ރަނގަޅު ގޮތުގައި، ނުރަނގަޅު ގޮތުގައި ބޭނުން ހިފައިފިއްޔާ ސަރުކާރު ވިއަސް އަދި އެހެން ފަރާތަކަށް ވިއަސް އަޅުގަނޑުމެންނަކަށް ބާއްޖަވެރިކަމެއް ނާންނާނެ. އެހެންވެއްޖިއްޔާ އޭގެ ނިކަމެތިކަން ލިބިގެންދާނީ، " ގާސިމް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ގާސިމް ވާހަކަދައްކަވަނީ.--ހަވީރު ފޮޓޯ: މުހައްމަދު ވަހީދު އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މެޖޯރިޓީ ލިބުމުން މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ ފައިދާއަށެވެ. އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ދެރައެއް ދޭން މަސައްކަތް ކޮށްގެން ނުވާނެ ކަމަށާއި ކޮންމެ މީހަކު ނަމަވެސް ގޯސްކޮށް ކަމެއް ކުރާނަމަ، ޖުމްހޫރީ ޕާޓީން އެކަމަށް ތާއީދުނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އެއްވެސް މީހަކު ތިމަންނާމެންނޭ އެންމެ ރަނގަޅަށް އުޅެން ޖެެހެނީ، އެހެން ހީކުރެވިއްޖިއްޔާ އެއީ ގޯސް ހެދުމުގެ ފެށުން އެ ފެށުނީ. ގައުމެއްގެ ވެރިކަން މިއަދު ހިންގަނީ އެކަނިމާ އެކަނި ހުންނަ މީހެއް ނޫން، ހުރިހާ ކަމެއް ބަލަން ޖެހޭނީ ހަމަޔާއި އިންސާފުން ޑިމޮކްރެޓިކްކަމާ އެކު،" އޭނާ ވިދާޅުވި އެވެ. އާ މަޖިލީހުގެ ރިޔާސަތަށް ވާދަކުރައްވާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ގާސިމް ވިދާޅުވީ އެކަމަށް އަދި މާބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށެވެ. ނަމަވެސް އެފަދަ ކަންކަން ނިންމަން އެނގޭނީ ވަގުތު އައިސް ޖެހުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ