ގޮފިތަކާއި ޕާޓީގެ މެމްބަރުން ތާއިދުކުރައްވާތީ މައުމޫނު ޝުކުރު އަދާކުރައްވައިފި

ޕީޕީއެމްގެ މެމްބަރުންނާއި ޕާޓީގެ ގޮފިތަކުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާކަން ހާމަކުރަމުން ގެންދާތީ އެކަމަށް އެމަނިކުފާނު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ. މައުމޫން ކުރެއްވި ޓްވީޓުގައި މިހެން ވިދާޅުވީ އެމަނިކުފާނަށް ޕާޓީގެ ރައީސްގެ މަގާމު ގެއްލޭ އިސްލާހު މަޖިލީހަށް ބަލައިގަތުމާ މެދު އެ ޕާޓީން ވަކި ގޮތެއް ނިންމުމުގެ މަގުމަތީގައި އޮއްވަ އެވެ. ޕީޕީއެމުގެ ތެރޭގައި މައްސަލަތަކެއް ޖެހިގެން އުޅޭކަމަށް ވާހަކަތައް މިދުވަސްކޮޅު ދަނީ ދެކެވެމުންނެވެ. އެހެންކަމުން ޕާޓީ ބަދުނާމުވާ ގޮތަށް މީޑިއާތަކާއި ވައިބަ ގުރޫޕުތަކުގައި މައުުމޫނާއި އެ ޕާޓީގެ ލީޑަޝިޕާ ބެހޭ ގޮތުން އެ ޕާޓީގެ އެއްވެސް މެމްބަރަކު ވާހަކަ ނުދެއްކުމަށް ވެސް ޕީޕީއެމުން މިއަދު ވަނީ ގޮވާލައިފި އެވެ. އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކި ތަންތަނުގައި އެ ޕާޓީއާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކަމުން ގެންދާތީ އެކަމާ ހިތާމަކުރާ ކަމަށެވެ. PPM ge gofi thakunnaa menbarun alhugan'dah thaaeedhu kuravvaakan haama kuravvamun gendhavaathee varah bodah shukuru dhannavan. — Maumoon Abdul Gayoom (@maumoonagayoom) September 3, 2015 މައުމޫން ޝުކުރު އަދާކުރައްވައި ކުރެއްވި ޓްވީޓު މައުމޫނަށް އެ ޕާޓީގެ ރައީސްގެ މަގާމު ގެއްލޭ އިސްލާހެއް މި ފަހުން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ބިލް މަޖިލީހަށް ބަލައިގަތުމާ މެދު ވެސް ޕީޕީއެމްގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. އެ ބިލް މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދޭން ޕާލަމެންޓްރީ ގްރޫޕުން ނިންމުމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ހުށަހެޅުއްވި އެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޕާލަމެންޓްރީ ގްރޫޕުގެ ދެ ބައްދަލުވުމުގައި ވެސް އެކަމަށް ގޮތެއް ނުނިމުނެވެ. ކުރީގެ ރައީސް މައުމޫނާއި އަދީބު: ނައިބު ރައީސްގެ މަގާމަށް އަދީބު ގެނައުމަށް މައުމޫން ދެކޮޅު ހެއްދެވިކަމަށް ބައެއް މެމްބަރުން ވިދާޅުވޭ.---ހަވީރު ފައިލް ފޮޓޯ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތު ވުންތަކެއް ދެން އުފެދިގެން އުޅެނީ މިރޭ ފެށި މަހާސިންތާއާ ގުޅޭ ގޮތުންނެވެ. އެއީ ރައީސް އަބްދުﷲ ޔާމީނަށް ދެން އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކެމްޕެއިން ލީޑަރުން ތަމްރީނުކުރަން ފެށި މަހާސިންތާއެކެވެ. މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސް މައުމޫނަށް ދައުވަތު އެރުވި އެވެ. ނަމަވެސް އެމަނިކުފާނު މި ދައުވަތު ގަބޫލުފުޅު ނުކުރެއްވުުމުން ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް އަހުމަދު އަދީބެވެ. ރައީސް ޔާމީންގެ ކެމްޕެއިނަށް ލީޑަރުން ތަމްރީނުކުރަން މިރޭ ފެށި މަހާސިންތާގައި ބައިވެރިވަޑައިގެންނެވި ބައެއް ބޭފުޅުން.--ހަވީރު ފޮޓޯ:ނިޝާން އަލީ މަހާސިންތާ ޝަރަފުވެރި ކޮށްދެއްވުމަށް މައުމޫނަށް ދައުވަތު އެރުވީ ވެސް އަދީބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ