ޝާހިދު މަރަން ގޮވާފައެއް ނުވާނެ: އުމަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު "މެރުމަށް" ޖުމްހޫރީ ގުޅުމުގެ ކެންޕެއިން ސްޓިއަރިން ކޮމެޓީގެ ޗެއާމަން އުމަރު ނަސީރު ގޮވާލެއްވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ރާއްޖެ ޓީވީން ގެނެސްދިން ހަބަރުތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވީޓީވީގައި ރޭ ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަން ކުރަމުން ގެންދާ ބައެއް ކަމަށާ މިއީވެސް އެގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކަމުން ގެންދާ ވާހަކަތަކެއް ކަމަށެވެ.
އުމަރު ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ މައި މާލަމުގައި ރޭ ވަރަށް ގިނަ ވަގުތު އޭނާ ހޭދަކުރެއްވި ކަމަށާއި މަޖިލީސް ކައިރިއަށް އޭނާ ރޭ ވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އުމަރު މަޖިލީސް ކައިރިއަށް ވަޑައިގެން ޝާހިދު މަރަން ގޮވާފައިވާކަމަށް ބުނެ އެމްޑީޕީއާއި ގުޅުންހުރި މިޑިޔާތަކުން ވަނީ ޚަބަރު ފަތުރާފައެވެ.
އުމަރު ވިދާޅުވީ އެމްޑީޕީން ބަލިވަމުންދާތީއާ އެޕާޓީގެ ހަގީގަތްތައް ހާމަވާ މިންވަރަކުން މިފަދަ ވާހަކަތައް ދައްކާނެ ކަމަށާއި ވޯޓްގައި އޮޅުވާލައިގެން ކުރި ހޯދުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.
"އަޅުގަނޑު މިދަންނަވަނީ ކިތަންމެ ވަރަކަށް ހަގީގަތާ ހިލާފް ވާހަކަ ދެއްކިޔަސް އަދި ބިރު ދެއްކިޔަސް ކެނެރީގެ ނަޝީދާ ދެކޮޅަށް ތެދުވާނަމޭ. އަދި ބާރުގެ ބޭނުންކޮށްފިއްޔާ ބާރުގެ ބޭނުންވެސް ކުރާނަން" އުމަރު ވިދާޅުވި އެވެ.
އެމްޑީޕީއަކީ އެޕާޓިއާއި ވާދަވެރި ފަރާތްތަކާ ވާދަކޮށް ކާމިޔާބު ހޯދޭނެ ޕާޓީއެއް ނޫން ކަމަށާއި އެމްޑީޕީން މަސައްކަތް ކުރަނީ ވޯޓް އޮޅުވާލައިގެން ކާމިޔާބު ހޯދުމަށް ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ ގުޅުމުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސްއެޅުމަށް މަޖިލީސް ތެރެއިން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަން ހުއްޓާ ނުލައްވާނެކަމަށާ އެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ