މައުމޫންގެ ބޭފުޅުން ޔާމީނަށް ތާއީދުކުރަނީ ހަމައެކަނި ބޮޑުބޭބެއަކަށް ވުމުން: އުމަރު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އާއިލާގެ ބޭފުޅުން ތާއީދުކުރައްވަނީ ޔާމީނަކީ "ހަމައެކަނި އެ ބޭފުޅުންގެ ބޮޑުބޭބެއަށް ވުމުން" ކަމަށް ޔާމީނާ ވާދަކުރައްވާ އުމަރު ނަސީރު ބުރާސްފަތިދުވަހު ވިދާޅުވެއްޖެ އެވެ. "ހަވީރާ" ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މައުމޫންގެ އާއިލާގެ ބޭފުޅުން ޔާމީނަށް ތާއީދު ކުރައްވަނީ "އަމާނާތްތެރިވެގެން" ނުވަތަ "މޮޅުވީމަ ނޫން" ކަމަށެވެ. "މައުމޫންގެ އާއިލާގެ ބޭފުޅުން ވެސް ހިތުގެ އަޑިން އަޅުގަނޑަށް ތާއީދުކުރައްވާ. އަޅުގަނޑާ މިހާރު ވެސް ކޮމިއުނިކޭޓް ކުރައްވާ. އެކަމަކު ވާނެ ގޮތަކީ އެއް ޕާޓީއެއްގައި ބޮޑު ބޭބެ ހުންނަވާއިރު އެ ބޮޑު ބޭބެ ކަމަކަށް ކުރިމަތިލެއްވީމާ އެހެން ފަރާތަކަށް ތާއީދު ނުކުރެއްވޭނެ ނޫންތޯ؟ މިހާތަނަށް އެއް ޕާޓީއެއްގައި ރާއްޖޭގައި އެފަދަ ކަމެއް ހިނގާފައި އެބަ އޮތްތޯ؟،" އުމަރު ސުވާލުކުރެއްވި އެވެ. އުމަރު ވިދާޅުވީ މައުމޫންގެ އާއިލާގެ ބޭފުޅުންގެ ލޯތްބާއި ގަދަރު އޭނާގެ މައްޗަށް މިހާރު ވެސް އަދި އޭރު ވެސް އޮންނަ ކަމަށެވެ. "އެހެންވީމާ ޔާމީނަށް އެ ބޭފުޅުންގެ ތާއީދު އޮތްކަން ހާމަކުރެއްވިޔަސް އަޅުގަނޑުގެ ކަންބޮޑުވުމެއް ނެތް. އަޅުގަނޑަށް އެނގޭ ހަގީގަތް،" އޭނާ ވިދާޅުވި އެވެ. މައުމޫންގެ ބޭފުޅުން ވަނީ މިދިޔަ ހަފުތާގައި ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ޔާމީނަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފަ އެވެ. އެ ޖަލްސާގައި ދުންޔާ މައުމޫނާއި ފާރިސް މައުމޫނާއި ޣައްސާން މައުމޫން އަދި ދަނބިދަރިކަލުން މުހަންމަދު ނަދީމު ޔާމީނަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމުގެ ގޮތުން ޔާމީނާ އެކު އަތް ގުޅުއްވާލައްވައިފަ އެވެ. ޔުމްނާ މައުމޫން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްކަމުން ވަކި ކޮޅަކަށް ތާއީދުނުކުރައްވާނެ ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ބޭފުޅުންނަކީ ތަސައްރަފު ފުދިފައިވާ ބައެއް ކަމުން ސިޔާސީ ކަންކަމުގައި އަމިއްލަ ގޮތް ނިންމެވުމުގެ ހައްގު އޮންނާނެ އެވެ. އަދި ސިޔާސީ އެހެން ކަންކަމުގައި ވެސް އެ ބޭފުޅުން ކަންކަން ނިންމަވަނީ އަމިއްލަ އަށް ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް މައުމޫން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން، ވަކި ބޭފުޅަކަށް ތާއީދކުރައްވާކަން ހާމަނުކުރެއްވުމަކީ ޕާޓީގެ މަސްލަހަތު އެންމެ ރަނގަޅު ގޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ