އިމްތިޔާޒުގެ ގާނޫނުގެ ހަތަރު މާއްދާއެއް ސުޕްރީމް ކޯޓުން ބާތިލްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ގާނޫނުގެ ހަތަރު މާއްދާއެއް ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. އެ ހަތަރު މާއްދާ ކޯޓުން ބާތިލްކޮށްފައި ވަނީ ބަންޑާރަ ނައިބުގެ ފަރާތުން އެގޮތަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގަތުމުން އެ މައްސަލަ ބެއްލެވުމަށް ފަހު މިއަދު އިއްވި ހުކުމުގަ އެވެ. އެ ކޯޓުން މިއަދު ބާތިލްކޮށްފައިވަނީ އެ ގާނޫނުގެ ތިން ވަނަ މާއްދާގެ ށ. އާއި އެ ގާނޫނުގެ 11 ވަނަ މާއްދާގެ ހ. އާއި 13 ވަނަ މާއްދާގެ ނ. ގެ އިތުރުން އެ ގާނޫނުގެ 16 ވަނަ މާއްދާ އެވެ. އެ މާއްދާތައް ބާތިލްކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފިޔަވައި އެހެން ފަނޑިޔާރުންގެ ތާއީދާ އެކު އެވެ. ސުޕްރީމް ކޯޓުގެ ހުކުމް އިއްވެވީ އެ ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. އޭގެ ތެރެއިން ތިން ވަނަ މާއްދާގެ ށ. އަކީ މެމްބަރަކު މަޖިލީހަށް އަންނަ އައުމުގަ އާއި އެނބުރި ދިއުމުގަ އާއި އަދި މަޖިލިސް ކުރާ ގޭގައި ހުންނަ ވަގުތު ހިފާ ހައްޔަރު ނުކުރެވޭނެ ކަމަށް ބުނާ މާއްދާ އެވެ. އެ މާއްދާއާ ގުޅޭގޮތުން ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ އެގޮތަށް އޮތުމަކީ ހަމަހަމަކަމުގެ އުސޫލާ ޚިލާފް ކަމެއް ކަމަށާއި އެއީ އަދުލު އިންސާފަށް ހުރަސް އެޅުން ކަމަށެވެ. ބާތިލްކުރި މާއްދާތަކުގެ ތެރެއިން އެ ގާނޫނުގެ 11 ވަނަ މާއްދާގެ ހ. އަކީ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ ކޮމެޓީއެއްގެ މަސައްކަތަށް ހުރަސް އެޅޭގޮތަށް އެއްވެސް މެމްބަރަކު ކޯޓަކަށް ވެސް މުއައްސަސާއަކަށް ވެސް ހާޒިރު ނުކުރެވޭނެ ކަމަށް ބުނާ މާއްދާ އެވެ. އެ މާއްދާއާ ގުޅޭގޮތުން ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ އެއީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށެވެ. އެ ގާނޫނުގެ 11 ވަނަ މާއްދާގެ ށ. ބާތިލްކޮށްދިނުމަށް ދައުލަތުން އެދުނު ނަމަވެސް ހުކުމުގައިވަނީ އެ މާއްދާ ބާތިލް ނުކުރަން ނުޖެހޭ ކަމަށެވެ. އެ މާއްދާއަކީ އެއްވެސް މުއައްސަސާއަކަށް އަދި ކޯޓަށް ހާޒިރުވުމަށް އަންގާ ލިޔުން މަޖިލީހުގެ އިދާރާގައި ހުއްޓާ މެމްބަރަކާ ހަވާލު ނުކުރެވޭނެ ކަމަށް ބުނާ މާއްދާ އެވެ. މިއަދު ބާތިލްކުރި 13 ވަނަ މާއްދާގެ ނ. އަކީ އިތުބާރު ނެތްކަމުގެ ވޯޓެއްގެ މައްސަލަ މަޖިލީހުގައި އޮއްވާ މެމްބަރަކު ހައްޔަރުކޮށްފިނަމަ އެ ޖަލްސާއަކަށް އެ މެމްބަރަކު ހާޒިރުކޮށްދޭންވާނެ ކަމަށް ބުނާ މާއްދާ އެވެ. އެ މާއްދާ ބުނާގޮތުން ބަންދުކޮށްފައި ހުރި މެމްބަރު ހާޒިރުކޮށްނުދޭނަމަ މަޖިލީހުގައި އެކަމަށް ވޯޓަށް އަހައިގެން ވެސް ނުވާނެ އެވެ. އެ މާއްދާއާ ގުޅޭގޮތުން ފަނޑިޔާރު އަބްދުﷲ ދދީ މެމްބަރަކު ބަންދުކުރެވޭ ކުށުގެ ޒާތާއި ބާވަތަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކޮށް، މުތުލަގުކޮށް (އެއްވެސް ހިފެހެއްޓުމެއް ނެތި) އެގޮތަށް ގާނޫނުގައި އޮތުމަކީ ގާނޫނު އަސާސީއާ އެއްގޮތަށް ދީފައިވާ އިމްތިޔާޒެއް ނޫން ކަމަށެވެ. ބާތިލްކުރި މާއްދާތަކުގެ ތެރޭގައި ހިމެނޭ އެ ގާނޫނުގެ 16 ވަނަ މާއްދާއަކީ ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށްވުރެ ކުރު މުއްދަތެއް ހުކުމެއް އަތުވެއްޖެނަމަ އެ ހުކުމުގެ މުއްދަތުގައި ވެސް އެ މެމްބަރަކު މަޖިލީހުގެ ކޮމެޓީތަކަށާއި ޖަލްސާތަކަށް ހާޒިރުކޮށްދޭންވާނެ ކަމަށް ބުނާ މާއްދާ އެވެ. އެ މާއްދާއާ ގުޅޭގޮތުން ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ އެގޮތަށް އޮތުމުން ބަންދުކުރުމުގެ މަގްސަދު ގެއްލޭ ކަމަށާއި އެއް އަހަރަށްވުރެ ކުރި ހުކުމެއް ކަމަށްވި ނަމަވެސް އެ ހުކުމް ދެމިއޮތްހާ ހިނދަކު އެ މެމްބަރަކަށް މަޖިލީހަށް ހާޒިރުނުވެވޭނެ ކަމަށެވެ. އަދި އެކަން ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމެއްގައި ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. އެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. އާއި ށ. ގެ އިތުރުން އެ ގާނޫނުގެ 18 ވަނަ މާއްދާއިން މަޖިލީހަށް ލިބިދޭ ބާރުތަކަކީ މުތުލަގު (އެއްވެސް ހިފެހެއްޓުމެއް ނެތް) ބާރެއް ނޫން ކަމަށް ކަނޑައަޅައިދޭން ބަންޑާރަ ނައިބުގެ ފަރާތުން އެ ދައުވާގައި އެދިފައިވެ އެވެ. އެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. ގައި ވަނީ މަޖިލީހަށް ނުވަތަ ކޮމެޓީއަކަށް ހާޒިރުވެ ހެކިބަސް ދިނުމަށާއި މަޖިލީހުން ބޭނުންވާ ލިޔުމެއް ހުށަހަޅަން އެންގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ. އަދި އެ މާއްދާގެ ށ. ގައި ވަނީ މަޖިލީހަށް ނުވަތަ ކޮމެޓީއަކަށް ހާޒިރުވުމަށް ކޮންމެ މީހަކަށް އަދި މުއައްސަސާއަކަށް ވެސް އެންގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ. އެ ގާނޫނުގެ 18 ވަނަ މާއްދާގައި ހ. ގައި ވަނީ މަޖިލީހަށް ނުވަތަ ކޮމެޓީއަކަށް ހާޒިރު ކުރެވޭ މީހާއާ މެދު ސުވާލުކުރެވިއްޖެނަމަ އެ މީހަކަށް އެނގިހުރެ އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންޖެހޭނެ ކަމަށެވެ. އެ މާއްދާގެ ށ. އަދި ނ. ގައި ބުނަނީ އެއާ ޚިލާފްވެއްޖެނަމަ ނުވަތަ މަޖިލީހުން އަންގާ ލިޔުމެއް ނުދީފިނަމަ ޖިނާއީ ކުށެއްގެ ގޮތުގައި އެކަން ބެލެވޭނެ ކަމަށެވެ. އެ މާއްދާތަކާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ އެ ހުރިހާ މާއްދާތަކެއް ވެސް މާނަކުރަންޖެހޭނީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އެއްވެސް ހައްގަކަށް އުނިކަން ނުލިބޭ ގޮތަށް ކަމަށެވެ. އަދި އޭގެ ތެރެއިން 18 ވަނަ މާއްދާގެ ދަށުން ޖިނާއީ ދައުވާއެއް އުފުލިއްޖެނަމަ ޖިނާއީ އެހެނިހެން މައްސަލަތަކުގައި ވެސް ތުހުމަތު ކުރެވޭ މީހާއަށް ގާނޫނު އަސާސީން ލިބިދޭ ހުރިހާ ހައްގުތަކެއް އެ މީހަކަށް ލިބިދޭންޖެހޭނެ ކަމަށް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވި އެވެ. އެހެންކަމުން އެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. އަދި ށ. މާނަކުރަންޖެހޭނީ ފަނޑިޔާރުންގެ ބާރުތަކާއި އިމްތިޔާޒްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އަދި 18 ވަނަ މާއްދާ މާނަކުރަންޖެހޭނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް ނޭޅޭނެ ގޮތަށް ކަމަށް ކަމަށް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވި އެވެ. މިއަދު ބާތިލްކުރި މާއްދާތަކުގެ ތެރެއިން އެ ގާނޫނުގެ ތިން ވަނަ މާއްދާގެ ށ. އާއި 13 ވަނަ މާއްދާގެ ނ. ބާތިލްކޮށްދިނުމަށް ބަންޑާރަ ނައިބުގެ ފަރާތުން އެދިފައެއް ނުވެއެވެ. ނަމަވެސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ އެ މާއްދާތައް ކޯޓުން އަމިއްލައަށް ބާތިލްކުރީ އެހެން މާއްދާތަކަށް ރިއާޔަތްކުރުމަށްފަހު، އެ މާއްދާތައް ބާތިލްނުކޮށްފިނަމަ އެއީ އަދުލު އިންސާފުގެ ހަމަތަކާއި ޚިލާފްކަމެއް ކަމަށް ވާނެތީ ކަމަށެވެ. ރައުޔު ތަފާތުވި ފަނޑިޔާރު މުތުސިމްގެ ރައުޔަކީ ދައުވާގައި އެދިފައިވާ އެއްވެސް މާއްދާއެއް ގާނޫނު އަސާސީއާ ޚިލާފް ނުވާ ކަމަށާއި އެހެންކަމުން އެ މާއްދާތައް ބާތިލްކުރަން ނުޖެހޭ ކަމަށެވެ. އެއީ ޑިމޮކްރެޓިކް އެހެނިހެން ގައުމުތަކުގައި ވެސް މެމްބަރުންނަށް އެފަދަ އިމްތިޔާޒްތައް އޮންނާތީ ކަމަށް މުއުތަސިމް ވިދާޅުވީ އެވެ. ނަމަވެސް ރައުޔު އިއްވަވަމުން މުއުތަސިމް ވިދާޅުވީ އެފަދަ އިމްތިޔާޒްތަކެއް އޮތް ނަމަވެސް އެއްވެސް މެމްބަރަކު އޭގެ ނާޖާއިޒް ފައިދާ ހޯދައިގެން ނުވާނެ ކަމަށާއި އެއްވެސް މެމްބަރަކު ކުށެއް ކޮށްފިނަމަ އަދުލު އިންސާފުގެ ކުރިމައްޗަށް ހާޒިރުވެ އަދަބާއި އޭނާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. ދައުވާލިބޭ ފަރާތެއް ނެތް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އެ މައްސަލައިގެ ތެރެއަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަދެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ