މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަލީ ވަހީދާއި އަބްދުއްރަހީމް އަބްދުﷲ އިސްތިއުފާ ދެއްވައިފި

15:21ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑީއާރްޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާ ޕީއޭގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކޮމިޓީން އިސްތިއުފާ ދެއްވައިފި އެވެ.ޑީއާރްޕީގެ އެއް ނައިބު ލީޑަރު ކަމުގައިވާ އަލީ ވަހީދު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިސްތިއުފާ ދެއްވިކަން ވަނީ ސަންއެފްއެމަށް މިއަދު ކަށަވަރުކޮށްދެއްވައިފަ އެވެ. އެހެން ނަމަވެސް، އެއީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާ ވިދާޅުވެއްނުވެ އެވެ. އަލީ ވަހީދު ވިދާޅުވީ، މިވަގުތު އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.އަބްދުއްރަހީމް އިސްތިއުފާ ދެއްވިކަން ވެސް ސަންއެފްއެމަށް ވަނީ ކަށަވަރުވެފަ އެވެ. އެހެން ނަމަވެސް، އިސްތިއުފާދެއްވި ސަބަބު ހޯދުމަށް ދެފަހަރު ގުޅާލުމުން ވެސް އަބްދުއްރަހީމް ވިދާޅުވީ، އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ. އަދި މި ވަގުތު ހުންނެވީ ބައްދަލުވުމެއްގައި ކަމަށް ވިދާޅުވެ، ފޯނު ކަނޑުއްވާލައްވައިފަ އެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި ވާދަވެރި އިދިކޮޅު ދެ ޕާޓީގެ މެމްބަރުން އެ ކޮމިޓީން އިސްތިއު ފާދެއްވާފައި މިވަނީ، މަޖިލީހުގެ އަޣުލަބިއްޔަތުން މިއަދު ފާސްކޮށްފައިވާ ފަނޑިޔާރުންގެ ބިލުގެ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް، އެއީ ކޮން މައްސަލައެއް ކަމެއް އަދި ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ