ކުރިއެކޭ އެއްގޮތަށް ހިލޭ ބޭސްފަރުވާ ކުރުމަށް އަލީ ވަހީދު ގޮވާލައްވައިފި

ދިވެހިރައްޔިތުން 01 އޯގަސްޓް 2012 އިން ފެށިގެންވެސް ކުރިއެކޭ އެއްގޮތަށް ހިލޭ ބޭސްފަރުވާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްެރޫޕްގެ ނާއިބް ލީޑަރ އަލީ ވަހީދު ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
އަލީ ވަހީދު މިގޮތަށް ގޮވާލައްވާފައިވަނީ ސަރުކާރުން އަންނަ މަހުން ފެށިގެން ސަރުކާރުގެ ހޮސްޕިޓަލްތައް ފިޔަވާ އެހެންތަންތަނުން ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން ފީއެއް ނެގޭގޮތަށް ހަމަޖެއްސުމާ ގުޅިގެން މިއަދު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އަލީ ވަހީދު ވިދާޅުވީ އާސަންދަ ހިންގަން ދައުލަތުގައި ފައިސާ ހުންނާނެ ކަމަށާއި ދިވެހިރައްޔިތުންގެ އަތުން އެމީހުންގެ ސިއްހީފަރުވާއަށް އެއްވެސް ފައިސާއެއް ހަރަދު ކުރަން ނުޖެހޭގޮތަށް އެމްޑީޕީގެ ސަރުކާރުން ވާނީ ހަމަޖައްސާދީފައިކަމަށެވެ.
އިތުރަށް އަލީ ވަހީދު ވިދާޅުވީ ގައުމުގެ ހާލަތު ވަރަށް ދަށަށް ގޮސްފައިވާ ކަމަށާއި އެމްޑީޕީން ރަނގަޅަށް ދިވެހި ރައްޔިތުންނަށް ފައިދާވާގޮތަށް ކުރަމުންއައި ކަންތައްތައް މިސަރުކާރުން ދަނީ ބަދަލުކޮށް ރައްޔިތުން ނިކަމެތި ކުރަމުން ކަމަށެވެ. އެހެންކަމުން އެމްޑީޕީން ދިވެހިރައްޔިތުންގެ ހައްގުގައި މިހާރަށްވުރެ ވަރުގަދައަށް މުޒާހަރާތައް ކުރާނެކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހަމަމަގަށް އެޅުމަށްޓަކައިވެސް މަޖިލީހުގަވެސް އިހުތިޖާޖުތައް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އާސަންދައަށް އިސްލާހުގެނެއުމުގެ ބިލެއް ހުށަހެޅިކަމަށާއި ނަމަވެސް އެކޮމެޓީގެ އިއްތިފާގުން އެބިލް މަޖިލީހުން ވަނީ ބޭރުކޮށްލާފަކަމަށާއި ރައީސް ޑރ. މުހައްމަދު ހަސަން މަނިކާއި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޠާރިޤް އަލީ ލުތުފީ އާ ދެބޭފުޅުން ބޭނުންވާގޮތަކަށް އާސަންދައެއް ނުހިންގޭނެކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ