ބަދަލުގެ ގޮތުގައި 803 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް ޖީއެމްއާރުން މާނަކުރީ ގޯސްކޮށް: ޓްރައިބިއުނަލް

އިބްރާޙިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގަން ދިވެހި ސަރުކާރާ އެކު ހެދި އެގްރިމެންޓް އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލަކަށް ސަރުކާރުން ޖީއެމްއާރަށް 803 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އެ ކުންފުނިން މާނަކުރީ ގޯސްކޮށް ކަމަށް ސިންގަޕޫރުގެ ޓްރައިބިއުނަލުން ނިންމައިފި އެވެ. ސަރުކާރުގެ އިސް އޮފިޝަލަކު މިރޭ "ހަވީރަ"ށް ވިދާޅުވީ ބަދަލުގެ ގޮތުގައި 803 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ދައްކަން ޖެހޭ ކަމަށް ޖީއެމްއާރުން ހިސާބު ހަދާފައިވަނީ ގޯސްކޮށް ކަމަށް ޓްރައިބިއުނަލުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެ އަދަދު ޖީއެމްއާރުން ހެދީ އާބިޓްރޭޝަންގައި ކަލްކިއުލޭޓް ކުރި ގޮތާ ހިލާފަށް ކަމަށް ވެސް ޓްރައިބިއުނަލުން ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ޖީއެމްއާރުން އެއާޕޯޓް ހިންގި އިރު އެއާޕޯޓްގައި ހުރި އެ ކުންފުނީގެ އޮފީސް -- ހަވީރު ފައިލް ފޮޓޯ "ބޭސިކަލީ ނަތީޖާ އަކީ 800 މިލިއަން ޑޮލަރޭ ކިޔައިގެން ޖީއެމްއާރުން އެ ދައްކަނީ ހޮޅި ވާހަކައެކޭ،" އޭނާ ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި ޖީއެމްއާރުގެ އެގްރީމަންޓް ގާނޫނާ ޚިލާފަށް ބާތިލްކުރުމުގެ ޒިންމާ ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނަގަން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ޖޫން 2014 ގައި ނިންމި ނިންމުމާ ގުޅިގެން ބަދަލުގެ ގޮތުގައި ސަރުކާރުން ދައްކަން ޖެހޭ އަދަދު، އަނެއްކާވެސް ޖީއެމްއާރުން ކަނޑައަޅަން ޖެހެ އެވެ. އެ އަދަދު ހަދާނެ ގޮތްތަކެއް ޓްރައިބިއުނަލުން ނިންމާފައިވެ އެވެ. ބޭސިކަލީ ނަތީޖާ އަކީ 800 މިލިއަން ޑޮލަރޭ ކިޔައިގެން ޖީއެމްއާރުން އެ ދައްކަނީ ހޮޅި ވާހަކައެކޭ.-- އޮފިޝަލް ބަދަލުގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ޖީއެމްއާރުން ބުނި ނަމަވެސް ދިވެހި ސަރުކާރުން އަބަދުވެސް ބުނަމުން އައީ ދޭން ޖެހޭނީ އެއަށް ވުރެ ކުޑަ އަދަދެއް ކަމަށެވެ. ދެ ފަރާތުން އެންމެ ފަހުން ޓްރައިބިއުނަލަށް ވެސް ދިޔައީ އެ އަދަދާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގަ އެވެ. އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ކުރިން ވިދާޅުވެފައިވާ ގޮތުގައި ޖީއެމްއާރުން ކްލެއިމްކުރި އަދަދަށް ދިވެހި ސަރުކާރުން ފައިސާ ދައްކަން ނުޖެހޭނެ ކަމުގެ ބާރު ލިބެނީ އާބިޓްރޭޝަންގެ ފުރަތަމަ މަރުހަލާގައި ނިންމި ނިންމުންތަކުންނެވެ. ނޮވެމްބަރު 2010،25 ވަނަ ދުވަހު އެމްއޭސީއެލްގެ ކުރީގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) އެއިރޯޑްރޯމް ސެޓްފިކެޓް ޖީއެމްއާރާ ހަވާލުކުރަނީ. --ހަވީރު ފައިލް ފޮޓޯ ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރުގެ އަތުން ޖީއެމްއާރުން ނަގަން އެންމެ ފުރަތަމަ ބޭނުންވި މިންވަރަކީ 1.4 ބިލިއަން ޑޮލަރެވެ. ފަހުން އެ އަދަދު 803 މިލިއަން ޑޮލަރަށް ކުޑަވީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ޖީއެމްއާރުން އިންޑިއާގެ ރަސްމީ ބައެއް ފަރާތްތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުގައި 803 މިލިއަން ޑޮލަރަކީ އެގްރިމެންޓް އުވާލުމުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލެވެ. އަދި ޖީއެމްއާރުގެ ނަމަށް ލިބުނު ކިލަނބުކަމުގެ ބަދަލު ހޯދަން ވެސް ހުށަހަޅާފައި ވާނެ ކަމަށް ސިޓީގައި ބުނެފައިވެ އެވެ. އެކަމަކު އެއީ ކިހާވަރެއް ކަމެއް ބުނެފައެއް ނުވެ އެވެ. އެމްޑީޕީގެ ސަރުކާރުން ޖީއެމްއާރަށް ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ކުއްޔަށް ދިނީ އެތަން ތަރައްގީކޮށް ހިންގުމަށެވެ. އެކަމަކު ޖީއެމްއާރާ އެކު އެގްރިމެންޓްގައި ސޮއިކުރުމުގެ ކުރިން ވެސް އެކަން އޮތީ ސިޔާސީ ވަރަށް ބޮޑު މައްސަލައަކަށް ބަދަލުވެފަ އެވެ. އަދި ރައީސްކަމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ވަހީދުގެ ސަރުކާރުން ނޮވެމްބަރު 26، 2012 ގައި ޖީއެމްއާރުގެ އެގްރިމެންޓް ބާތިލްކޮށް، އެއާޕޯޓް ސަރުކާރަށް ނެގި އެވެ. ބަދަލުގެ ގޮތުގައި 803 މިލިއަން ޑޮލަރު ހޯދަން ޖީއެމްއާރުން މާނަކުރީ ގޯސްކޮށް ކަމަށް ޓްރައިބިއުނަލުން ނިންމިއިރު، އެއާޕޯޓް ތަރައްގީ ކުރުމަށް އެކްސިސް ބޭންކުގެ ސިންގަޕޫރު ގޮފިން ޖީއެމްއާރަށް ދޫކުރި 160 މިލިއަން ޑޮލަރުގެ ލޯން ދިވެހި ސަރުކާރުން އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން މިދިޔަ ހުކުރު ދުވަހު ވަނީ ކަނޑައަޅައިފަ އެވެ. ޖީއެމްއާރުން ބަދަލު ހޯދަން ޓްރައިބިއުނަލަށް ހުށަހެޅުމާއި އެކްސިސް ބޭންކްގެ ލޯނަށް ދިވެހި ސަރުކާރު ޒިންމާކުރަން އެ ބޭންކުން ކުރިއަށް ގެންދިޔަ މައްސަލަ އަކީ ތަފާތު ދެ މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ