މަސްތުވާތަކެތި ގަންނަން ބޭރަށް ފޮނުވާ ފައިސާ ކުއްތާގެ ސަބަބުން ހޯދޭނެ: އުމަރު

ރާއްޖެ އަށް އެތެރެކުރާ މަސްތުވާތަކެތީގެ އިތުރުން، އެ ތަކެތި ގަންނަން ރާއްޖޭން ބޭރަށް ފޮނުވާ ފައިސާ ވެސް ކުއްތާގެ ސަބަބުން އަތުލައިގަނެވޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ބޭނުންކުރަން ރާއްޖެ ގެނައި ކުއްތާތަކާ އެކު ފުލުހުން ތަމްރީންކުރަން ހިންގި ޕްރޮގްރާމް ނިންމުމަށް ހުޅުލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރާ އިރު، އެ ވިޔަފާރީގައި ގިނަ އަދަދެއްގެ ފައިސާ ވެސް ރާއްޖޭން ބޭރަށް ފޮނުވާނެ ކަމަށެވެ. އެހެންވެ، އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަައިސާއާ އެކު މީހަކު ހުރި ނަމަ، އޭގެ ވަސް ބަލައިގެން ކުއްތާ އެ އެއްޗެހި ހޯދާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖެ ގެނައި 16 ކުއްތާގެ ތެރެއިން ބައެއް ކުއްތާ ތަމްރީންކޮށްފައި ވަނީ ފައިސާގެ ނޫޓު ދެނެގަންނަ ގޮތަށެވެ. އަދި އެ ބާވަތުގެ ކުއްތާތައް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ވަކި ސަރަހައްދެއްގައި ވަރަށް އަވަހަށް ބައިތިއްބާނެ ކަމަށް ވެސް ވިދާޅުވި އެވެ. ތަމްރީނުތައް ފުރިހަމަކުރި ޑޯގް ސްކޮޑްގެ ފުލުހުންނަށް މިނިސްޓަރު އުމަރު ސެޓްފިކެޓް ދެއްވަނީ -- ހަވީރު ފޮޓޯ: ނިޝާން އަލީ "މީގެ ސަބަބުން ހަމައެކަނި ރާއްޖެ އެތެރެ ކުރާ މަސްތުވާތަކެއްޗެއް ނޫން ހުއްޓުވޭނީކީ، އެ ގަތުމަށް ރާއްޖޭން ބޭރު ކުރާ ފައިސާ ވެސް ހޯދޭނެ،" އުމަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ކޮންމެ މީހަކު އަތަށް ދީފައި ވެސް މަސްތުވާތަކެތި އެތެރެކުރެވިދާނެ ކަމަށާއި އެކަމަކު ފައިސާ ހިފައިގެން ކޮންމެ މީހަކު ނުދާނެ ކަމަށެވެ. އެހެންވެ ފައިސާ ގެންދިޔުން ވަރަށް ގާތުން ބަލަން ޖެހޭ ކަމަށާއި އެ ހިފައިގެން ރާއްޖޭން ބޭރަށް ދާނީ މަސްތުވާތަކެތި ގެންނަން ޕޭމަންޓް ހަދާ މީހާ ކަމަށް ވިދާޅުވި އެވެ. މަސްތުވާތަކެތި ހަމައެކަނި ހޯދައިގެން، އެކަން ކޮންޓްރޯލް ނުކުރެވޭނެކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ އެކަމާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބު ވާނީ ޝަރުއީ މަރުހަލާއާ ހަމައަށް ގެންގޮސް އެ މީހެއްގެ މައްޗަށް ކުށް ސާބިތުވުމުން ކަމަށެވެ. އެހެންވެ ކުއްތާ ބޭނުންކޮށްގެން ފުލުހުން ހޯދާ މަސްތުވާތަކެތި، އެ ލިންކު ވަނީ ކާކަށްތޯ ބަލައި، އޭނާގެ މައްޗަށް ހުކުމް ސާބިތުކުރެވޭ ވަރަށް މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންނެވި އެވެ. ބްރީފްކޭސްތަކެއްގައި ބަންދުކޮށްފައި ހުރި ނޫޓު ހޯދަން ކުއްތާއެއް މަސައްކަތް ކުރަނީ -- ހަވީރު ފޮޓޯ: ނިޝާން އަލީ "އެހެން ނޫނީ އުޅެން ޖެހޭނީ ފާރަގެމަ (ކުއްތާތައް) ހޯދާ މަސްތުވާތަކެތި ރައްދުވާނެ މީހަކު ނެތި، އެއާ ދޭތެރޭ ދައުވާ ނުކުރެވިގެން،" މިނިސްޓަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ މަސްތުވާތަކެތި ހޯދަން ކުއްތާތައް ތަމްރީނުކުރި އިރު، ބައެއް އޮޕަރޭޝަންތަކުގައި އެ ބޭނުންކޮށްގެން މަސްތުވާތަކެތި ހޯދާފައި ވާތީ އެއީ އެ އެއްޗެހި އެތެރެކުރާ މީހުންނަށް ލިބުނު ސިހުމެއް ކަމަށެވެ. އެހެންވެ ކުއްތާ ބޭނުންކުރުމަކީ ރާއްޖޭން މަސްތުވާތަކެތި ނައްތާލަން ހިންގާ އޮޕަރޭޝަނަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ